ވިޔަފާރި

"އާބަން އައިލް" ހުޅުމާލޭގެ ބޮޑު ޓޫރިޒަމް ޕްރޮޖެކްޓް


އިންޓަރގްރޭޓެޑް އާބަން ޓޫރިޒަމް ޕްރޮޖެކްޓް އާބަން އައިލް، ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަނުން ތައާރަފު ކޮށްފިއެވެ. އާބަން އައިލް އަކީ ހުޅުމާލޭގެ އެއްމެ އުތުރުން އޮންނަ ފަތުރުވެރިކަމަށް ހާއްސަ ކުރެވިފައިވާ ރަށެކެވެ. ހުޅުމާލެއާއި އަދި ރާއްޖޭގެ އިގުތިސާދީ މައި ހަބާ އާބަން އައިލް ގުޅިފައި ވުމުން މި ތަނުގެ ފަތުރުވެރި ކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެއެވެ. މި ޕްރޮޖެކްޓް އިޢުލާންކޮށްފައިވަނީ މިއަހަރުގެ "ގޯލްޑް 100 ގާލާ" ހަފްލާގައި އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އާތިފްއެވެ.

އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާތިފް ވިދާޅުވީ، މި މަޝްރޫޢުއަކީ ހަމައެކަނި ބޮޑެތި އިންވެސްޓަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެއް ނޫންކަމަށާއި މި މަޝްރޫޢުއަކީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ އިންވެސްޓަރުންނަށްވެސް އިންވެސްޓްކުރެވެނޭ ފަދަ މަޝްރުއުއެއްކަމަށެވެ. އަދި މިމަޝްރުޢުއާއެކު ފަތުރުވެރިކަމަށް ބޮޑެތި ކުރިއެރުންތައް ލިބޭނެކަމަށާއި، މިމަޝްރުއުއާއެކު ވަޒީފާގެ އެތައް ފުރުޞަތުތަކެއް އުފެދިގެންދާނެކަމަށްވެސް އާތިފް ވިދާޅިވިއެވެ.

ގާތްގަނޑަކަށް 23 ހެކްޓަރުގެ މި ރަށުގައި ފަތުރުވެރިންނަށް ޚާއްސަ ތަފާތު ގިނަ އެކޮމޮޑޭޝަން ފެސިލިޓީތަށް ހިމެނޭނެއެވެ. މިގޮތުން ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ އިތުރުން، ކުރުމުއްދަތަކަށް ނުވަތަ ޓްރާންސިޓްކޮން މަޑުކުރާ ފަތުރުވެރިންނަށާއި، ވިޔަފާރި ކަންކަމު އަންނަ ފަތުރުވެރިން، އަދި، ޑިޖިޓަލް ނޮމެޑްސް ފަދަ ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ފަރާތްތަކަށްވެސް ބޭނުންވާ ފަދަ އެކޮމޮޑެޝަންތައް ހިމެނެއެވެ. މީގެ ތެރޭގައި ލަގްޒަރީ ވިލާ، ސަރވިސް އެޕާޓްމަންޓް، ސިޓީ ހޮޓެލް، މިޑްސްކޭލް އަދި އަޕްސްކޭލް ހޮޓެލްއާއި ގެސްޓް ހައުސްތަކުގެ އިތުރުން ބްރޭންޑަޑް ރީޓެއިލް އަދި މަތީ ފަންތިއެއްގެ ރެސްޓޯރަންޓްތައްވެސް ހުންނާނެއެވެ.

"އާބަން އައިލް" މަޝްރޫޢުގައި ހިމެނޭ ތެރޭގައި:

● މެދު ފަންތީގެ 10 ބުރީގެ 3 ހޮޓާ - 19103 އަކަމީޓަރުގެ ސަރަހައްދެއް
● މަތީ ފަންތީގެ 10 ބުރީގެ 3 ހޮޓާ - 50681 އަކަމީޓަރުގެ ސަރަހައްދެއް
● 8-10 ބުރީގެ 4 ސިޓީ ހޮޓާ - 2850 އަކަމީޓަރުގެ ސަރަހައްދެއް
● 6 ބުރީގެ 21 ގެސްޓްހައުސް - 9224 އަކަމީޓަރުގެ ސަރަހައްދެއް
● 3 ބުރީގެ 11 ލަގްޒަރީ ވިލާ - 5083 އަކަމީޓަރުގެ ސަރަހައްދެއް
● 8-12 ބުރިއަށް، ސާވިސްޑް އެޕާޓްމަންޓް ހަދަން 7006 އަކަމީޓަރުގެ 10 ބިން
● ވިޔަފާރިތައް ތަރައްގީކުރަން 9 ބިން - 9474 އަކަމީޓަރުގެ ސަރަހައްދެއް

މި ޕްރޮޖެކްޓުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް އެޗް.ޑީ.ސީން ބުނެއެވެ. ފަތުރުވެރިކަމުގެ ސިނާއަތާއި ރިއަލް އެސްޓޭޓު ސިނާއަތުގައި ހިމެނޭ ދިވެހި ވިޔަފާރިތަކަށް ކުރިއެރުން ލިބުމުގެ އިތުރުން މީގެ ސަބަބުން މިސަރަހައްދުގައި އޮޕަރޭޓުކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށާއި އަލަށް ވިޔަފާރީގެ މައިދާނަށް ވަންނަ ފަރާތްތަކަށްވެސް ފަހި ފުރުޞަތު ތަކެއް ލިބިގެންދާނެކަމަށް އެޗްޑީސީން ބުނެއެވެ. މީގެ އިތުރުން ހުޅުމާލޭގެ ގެސްޓު ހައުސްތަކަށްވެސް އާބަން އައިލްއަށް އަންނަ ކޮމާޝަލް، އެފް.އެން.ބީ، ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ފެސިލިޓީތަކުގެ ސަބަބުން އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.

"އާބަން އައިލް"ގެ ސަބަބުން ދިވެހި ފަތުރުވެރިކަމުގެ ސިނާއަތަށް އިންޤިލާބީ ހެޔޮ ބަދަލުތަކެއް ގެނުވައި، އިޤްތިޞާދަށް އެތައް ކުރިއެރުންތަކެއް ލިބި، އަދި މިތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ހިތްގައިމު ތަޖުރިބާތަކެއް ލިބިގެންދާނެކަމަށް އެޗްޑީސީން ބުނެއެވެ.