ޚަބަރު

މަޝްރޫއުތައް ހިންގާ ފަރާތްތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ދޭނެ 6 ރަށެއް


ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރާނެ 6 ރަށެއް ކަނޑައަޅަައިފިއެވެ.

މިއީ މިއަހަރުގެ ޖޫންމަހު ގެޒެޓުކޮށްފައިވާ ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ލިސްޓެކެވެ.

ކްރޮސް ސަބްސިޑީއަށް ތަންތަން ދޫކުރުމަކީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލްކުރަން ބޭނުންވާ އިޤްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާޢީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިޢުލާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫޢެއް ހަވާލުކުރެވޭ ފަރާތަކަށް ނުވަތަ އެފަދަ މަޝްރޫޢަކަށް ޙަރަދުކުރާ ފަރާތަކަށް ޓޫރިސްޓް ރިސޯޓެއް ތަރައްޤީކުރުމަށް ރަށެއް ކުއްޔަށް ދޫކުރުމެވެ. އެގޮތުން އެއާޕޯޓުތައް އެޅުމަށާއި، ފެރީ ހިދުމަތް ދިނުމަށާއި، އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށްތައް ދޫކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދޭގޮތުގައި މިހާރު އާއްމުކޮށްފައިވާ ލިސްޓަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކްރޮސް ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައިވާ ރަށްތަކެވެ. ކުރިއަށް އޮތްތާނގައި މި ލިސްޓަށް އުނި އިތުރުތައް އަންނަމުންދާނެ ކަމަށްވެސް އެމިނިސްޓްރީން ހާމަކުރެއެވެ.

ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ކަނޑައަޅާފައިވާ ރަށްތައް

- ށ. ކުޑަޅައިމެންދޫ
- ނ. ކުންނަމަލެއި
- ޅ. މެއްޔަފުށި
- ތ. ދިއްފުށި
- ތ. ކަޅުފަހަލަފުށި
- ގއ. ފުލަނގި

މި ލިސްޓުގައި މީގެކުރިން ރައީސުލްޖުމްހުރިއްޔާ ރިސޯޓު ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ތިން ރަށެއްވެސް ހިމެނެއެވެ.

ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ކުއްޔަށް ދޫކުރާއިރު އެތަނެއް ހިންގުމަށް ހުއްދަ ދޫކުރެވޭނީ މަޝްރޫޢުގެ ތެރެއިން ހަވާލުވާ ފަރާތުން ކުރަން ކަނޑައޅާފައިވާ މަސައްކަތް ނިންމުން، ނުވަތަ މަޝްރޫޢުގެ ތެރެއިން، ހަވާލުވާ ފަރާތުން ކުރަން ކަނޑައަޅާފައިވާ މަސައްކަތް އެއްކޮށް ނިންމަން ބޭނުންވާ ޖުމްލަ ފައިސާ، ދައުލަތާ ހަވާލުކުރުމުންނެވެ. މަޝްރޫޢު ހަވާލުކުރުމަށް ވެވޭ އެއްބަސްވުމާ އެއްގޮތަށް އެ މަޝްރޫޢު ކުރިއަށް ނުގެންދިއުމާ ގުޅިގެން މަޝްރޫޢު ހިންގުމަށް ހަވާލުކުރުމުގައި ހެދިފައިވާ އެއްބަސްވުން ބާތިލުކުރާ ހާލަތުގައި، ކްރޮސް ސަބްސިޑީގެ ގޮތުގައި ކުއްޔަށް ދެވޭ ރަށުގެ އެއްބަސްވުން ބާތިލްކުރެވޭނެއެވެ.

މަޝްރޫޢަށް ޚަރަދުކުރަން ހުށަހަޅާފައިވާ ޖުމްލަ ފައިސާ، ސަރުކާރަށް ދައްކަން 60 ދުވަހުގެ މުއްދަތެއް ދިނުމަށް ހަމަޖެހިފައިވާއިރު، މުއްދަތު އިތުރުކުރުމަށް އެދުމުން، އެންމެ ފުރަތަމަ ދިން މުއްދަތު ހިމެނޭގޮތަށް ޖުމްލަ 180 ދުވަހަށްވުރެ ދިގު ނޫން މުއްދަތެއް ދިނުމުގެ އިހްތިޔާރު ގަވާއިދުގެ ދަށުން ރައިސުލްޖުމްހޫރިއްޔާއަށް ލިބިފައިވެެއެވެ.

ކްރޮސް ސަބްސިޑީއަށް ރަށްތައް ދޫކުރުމަކީ ކުރީ ސަރުކާރުތަކުންވެސް ގެންގުޅުނު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ރަށްރަށް ދޫކޮށްފައި ހުރި ނަމަވެސް، މީގެ ކުރިން މިހެން ހިންގާ މަޝްރޫއުތަކަށް ރަށްތައް ހަވާލުކުރުމާއި އެކުއިޒިޝަން ކޮސްޓު ކަނޑައަޅާނެ ގޮތުގެ އުސޫލެއް ނޯވެއެވެ.