ޚަބަރު

"ގެވެށި ގުޅުން" ކެމްޕެއިން: މިފަހަރު ތުއްތުކުދިންނަށް ޚާއްސަ ވާހަކަ ސީރީޒްއަކާއެކު


ޖެންޑަރ މިނިސްޓްރީން ފަށާފައިވާ "ގެވެށި ގުޅުން"ކެމްޕެއިންގެ ދެވަނަ ބައި އިފްތިތާޙުކޮށްފިއެވެ.

"ގެވެށި ގުޅުން"ކެމްޕެއިންގެ ދެވަނަ ބައި އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައިވަނީ ތުއްތުކުދިންނަށް ރިވެތި އަޚުލާޤާއި އާއިލީގުޅުން ދަސްކޮށްދޭ ވާހަކަ ސީރީޒްއަކާ، ޖެންޑަރ މިނިސްޓްރީން ނެރޭ ސާސްތުރަ މަޖައްލާގެ އޯޑިއޯއާއި ގެވެށި ގުޅުން ކެމްޕެއިންގެ ދެވަނަ ލަވަ ނެރެފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.

"ގެވެށި ގުޅުން" ކެމްޕެއިނަކީ ޕާކިސްތާނު ސަރުކާރުގެ އެހީއާއެކު، ޖެންޑަރ މިނިސްޓްރީން 2020ވަނަ އަހަރު ފެށި ކެމްޕެއިނެކެވެ.

ކެމްޕެއިންގެ ދެވަނަ ބައި އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަނީ، ގެވެށި ގުޅުމާއި ގުޅޭ ރީތި އާދަތަކަށް ތުއްތުކުދިން ހޭލުންތެރިކުރުމަށް ތައްޔާރުކުރި، 6 ވާހަކަފޮތުގެ ސީރީޒް ނެރެދެއްވާފައެވެ. މިފޮތުގައި ހިމެނެނީ ތުއްތު ކުދިންގެ އުމުރާ ގުޅޭގޮތަށް، ބަސްމަގާއި މަންޒަރު ހިމަނައިގެން ނެރެފައިވާ އިބުރަތްތެރި ވާހަކަތަކެކެވެ.

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ތައްޔާރުކުރި ސާސްތުރަ މަޖައްލާގެ އޯޑިއޯ ނެރެދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ޗެއަރޕަރސަން ޖީހާން މަޙުމޫދުއެވެ. ސާސްތުރަ މަޖައްލާއަކީ ގެވެށި އަނިޔާއާއި ދެކޮޅަށް މީހުން ހޭލުންތެރިކުރުމުގެ މަގްސަދުގައި ނެރުނު މަޖައްލާއެކެވެ. ސާސްތުރަ މަޖައްލާގެ ފޮތް ނެރެފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުއެވެ. އަދި މިހާރު ނެރުނު މި މަޖައްލާގެ އޯޑިއޯއަކީ، ފެނުމުގައި ނުކުޅުދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށް ނެރުނު ވަރޝަންއެކެވެ.

ގެވެށި ގުޅުން ކެމްޕެއިންއަށް ތައްޔާރުކޮށްފައިވާ ދެވަނަ ލަވަ ނެރެދެއްވީ މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުޙައްމަދު ދީދީއެވެ. މި ލަވައިގައި ދައްކުވައިދެނީ، މައިން ބަފައިގެން އަޅާލުމާ ލޯތްބާއެކު ހެޔޮލަފާ އާއިލާއެއްގެ ތެރޭގައި، ހެޔޮމަގުން ދަރިން ތަރުބިއްޔަތުވެގެން އަންނަ ގޮތެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޖެންޑަރ މިިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ މިކެމްޕެއިން މުޖުތަމަޢުގެ ހުރިހާ އުމުރުފުރާއަކަށް ޢަމާޒުކުރާކަމަށާއި، މި ކެމްޕެއިންގެ މަޤުޞަދަކީ މުޖުތަމަޢުގައި މިކަމާއި ގުޅިގެން ޒަމާނުންސުރެ ހުރި ވިސްނުން ބަދަލުކޮށް، ބަދަހި ގުޅުމެއް އުފެއްދުންކަމަށެވެ.

މިނިސްޓަ ވިދާޅުވީ މި ކެމްޕެއިނާއެކު މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުވަމުން އަންނަކަމަށެވެ. މިއާއެކު ކަމާގުޅުންހުރި ފަރާތްތަކަށް މައްސަލަ ހުށައަޅަން ފަސްޖެހޭ މިންވަރު ކުޑަވެ، ރިޕޯޓްކުރާ މިންވަރު އިތުރުވަމުންދާކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މީގެ ނަތީޖާއަކަށްވަނީ މި މައްސަލައާއި މެދު ކަންބޮޑުވާ މީހުން އިތުރުވެއްޖެ. އަނިޔާ ތަޙައްމަލްކުރާ މީހުންނަށް އެހީ ދޭން ބޭނުންވާ މީހުން އިތުރުވެއްޖެ. އަނިޔާއާއެކު ދެމިތިބެން ބޭނުން ނުވެ، އެހީ ހޯދަން ހިތްވަރު ލިބިއްޖެ." މިނިސްޓަރ ވިދާޅުވިއެވެ.

މި ކެމްޕެއިންގެތެރެއިން މުޖުތަމަޢު ހޭލުންތެރިކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން އަތޮޅުތަކުގެ ރަށްތަކުގައިވެސް ކެމްޕެއިންގެ ހަރަކާތްތައް ދަނީ ހިންގަމުންނެވެ.