ކުޅިވަރު

އަރުތަ ޕްރޮގްރާމުގެ ދަށުން އެޑަމް އާއި ކުޑަކާއްޓެއަށް އަހަރަކު 420،000 ރުފިޔާ


ރާއްޖޭގެ ކުޅިވަރުގެ މުސްތަގްބަލްގެ އާ ޖީލު ބިނާކުރުމަށް ސަރުކާރުން ފެށި "އަރުތަ" ޕްރޮގްރާމްގެ ދަށުން ޤައުމީ ވޮލީ ޓީމުގެ ޕެއާ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) ،އަރުތަ ޕްރޮގްރާމްގެ އެތްލީޓުންގެ ގޮތުގައި ސޮއިކޮށްފިއެވެ.

"އަރުތަ" ޕްރޮގްރާމަކީ ރާއްޖޭގެ އެކި ކުޅިވަރުތަކުގެ ޒުވާން ކުޅުންތެރިންނަށް ރާއްޖެއިން ބޭރުގައި ތަމްރީން ހަދައި އެ ކުޅިވަރުގައި ކުރިއަށްދިޔުމަށް ފުރުސަތުތައް ފަހިކޮށްދޭ ޕްރޮގްރާމެކެވެ. މިހާރުވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ އުއްމީދީ އެތްލީޓުންތަކެއް ދަނީ މި ޕްރޮގްރާމްގެ ދަށުން ރާއްޖޭން ބޭރުގައި ތަމްރީނު ފުރިހަމަކުރަމުންނެވެ.

މިއީ މި ޕްރޮގްރާމްގެ އެތްލީޓުންގެ ގޮތުގައި ބީޗް ވޮލީ ކުޅުންތެރިންތަކެއް ސޮއިކުރި ފުރަތަމަ ފަހަރެވެ. މި ދެ އެތްލީޓުން އަރުތަ ޕްރޮގްރާމްގެ އެތްލީޓުންގެ ގޮތުގައި ސޮއިކޮށްފައިވަނީ ކުޅިވަރާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެތްލީޓުންނަށް މަހެއްގެ މައްޗަށް ކޮންމެ އެތްލީޓަކަށް 30،000 ރުފިޔާ ލިބޭނެއެވެ. އަދި ޤައުމީ ޓީމަށް ކުޅޭތީ ލިބޭ އެލަވަންސް އާއެކު މަހެއްގެ މައްޗަށް ލިބޭ ޖުމްލަ 35000 ރުފިޔާ ލިބޭނެއެވެ. އެހެންކަމުން އަހަރެއްގެ މައްޗަށް އެތްލީޓަކަށް 420،000 ރުފިޔާ ލިބޭނެއެވެ.

މިއީ މި ޕްރޮގްރާމްގެ ދަށުން ވޮލީބޯޅަ އެތްލީޓުންނަށް އުޖޫރަ ލިބޭ ފުރަތަމަ ފަހަރެވެ. އަދި މި އަދަދުތަކަކީ ރާއްޖޭގެ ފުޓުބޯޯޅައިގެ އެންމެ ސީނިއާ ކުޅުންތެރިންނަށް ގާތްގަނޑަކަށް މަހެއްގެ މައްޗަށް ލިބޭ އަދަދާއި ގާތް އަދަދުތަކެކެވެ.

އެޑަމް އާއި ކުޑަކާއްޓޭ އަރުތަ ޕްރޮގްރާމުގައި ސޮއިކުރުމަށްފަހު ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބީޗް ވޮލީ އަކީ ރާއްޖެއަށް ރަންވަނަތަކެއް ގެނެސްދޭވޭނެ ކުޅިވަރެއް ކަމަށާއި މި ރަނުގެ ފުރުސަތުގެ ބޭނުންހިފާ ރާއްޖެއަށް ރަންވަނަތަކެއް ހޯދައިދިނުމަށް ބުރަ މަސައްކަތެއް ކުރާނެކަން ޔަގީންކުރާ ކަމަށެވެ.

ސަރުކާރުގެ އެހީގައި މިހާރުވެސް ބައެއް ކުޅިވަރުތަކުގެ އެތުލީޓުން އަންނަނީ ރާއްޖެއިން ބޭރުގައި ތަމްރީން ހަދަމުންނެވެ. އޭގެ ތެރޭގައި ޓޭބަލް ޓެނިސް އާއި ޓެނިސް އަދި އެތުލެޓިކްސްގެ ޒުވާން އެތުލީޓުން ހިމެނެ އެވެ.