ޚަބަރު

ހިޔާ، ސީލައިފް އަދި ގުޅީފަޅުން ފްލެޓްލިބުނު 301 މީހުން ވިނަރެސްއަށް ކުރިމަތިލި


ހިޔާއާއި ސީލައިފް އަދި ގުޅީފަޅުން ފްލެޓްލިބުނު 301 މީހަކު، ވިނަރެސްއިން ފްލެޓް ހޯދުމަށް ފޯމު ހުށައަޅާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފިއެވެ. މިފަރާތްތަކަށް ފްލެޓް ދިނުމަށް ސަރުކާރުން ނިންމީ، އެސްކީމްތަކުން ފްލެޓް ލިބުނު މީހުންގެ ތެރެއިން، އެމީހުންގެ އާމްދަނީއާއި ބައްދަލު ސްކީމަކުން ފްލެޓް ހޯދުމަށް ހުޅުވާލި ފުރުޞަތުގައެވެ.

އެންމެ ފުރަތަމަ ސަރުކާރުން މި ފުރުޞަތު ހުޅުވާލީ ސީލައިފްއާއި ގުޅީފަޅުން ފްލެޓް ލިބުނު މީހުންނަށެވެ. މީގެތެރޭގައި ހިމެނެނީ މި ދެ ސްކީމަށް ހޮވުނު ނަމަވެސް، އެކި ސަބަބުތަކާހުރެ އެމީހުންނަށް ބޯހިޔާވަހިކަން ލިބިފައި ނުވާ މީހުންނެވެ.

ގުޅީފަޅުގައި ހިންގީ 216 ހައުސިން ޔުނިޓްގެ މަޝްރޫޢެކެވެ. ނަމަވެސް 2013ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު، ގުޅީފަޅު ބޯހިޔާވަހިކަމުގެ މަޝްރޫޢު އިތުރަށް ކުރިއަށް ނުގެންދިއުމަށް ސަރުކާރުން ނިންމިއެވެ. މި ޕްރޮޖެކްޓް ނިމުމަކަށް ގެނައިރު، ގުޅީފަޅުން ބޯހިޔާވަހިކަން ލިބުނު ގިނަ އާއިލާތަކަކުން އެތަންތަނަށް ބޮޑެތި އަދަދުތަކުން ފައިސާވެސް ދައްކާފައިވެއެވެ.

ގުޅީފަޅު މަޝްރޫޢުން ފްލެޓް ލިބުނު 100މީހުން، ވިނަރެސް މަޝްރޫޢުއިން ފްލެޓް ހޯދުމަށް ފޯމު ހުށައަޅާފައިވާކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.

މީގެއިތުރުން ވިނަރެސްއިން ފްލެޓް ހޯދުމަށް ދެން ފުރުޞަތު ދިނީ ސީލައިފުން ފްލެޓް ހޯދުމަށް ފައިސާ ދައްކާފައިވާ މީހުންނަށެވެ. 2016ވަނަ އަހަރު ފެށި މި މަޝްރޫޢަކީ 3000 ހައުސިން ޔުނިޓްގެ މަޝްރޫޢެކެވެ. ނަމަވެސް މީހުން އަތުން ބޮޑެތި އަދަދުން ފައިސާ ނަގާ، އެ ޕްރޮޖެކްޓާއި ހަވާލުވި ކުންފުނިން އެ މަސައްކަތް ކުރިއަށްގެންގޮސްފައެއް ނުވެއެވެ. ސީލައިފް ކުންފުނިން އޮޅުވާލައިގެން ފައިސާ ނެގި މައްސަލަ، 200އަށްވުރެ ގިނަ މީހުން ސިވިލް ކޯޓަށްވެސް ހުށައަޅާފައިވެއެވެ.

ނަމަވެސް މި މައްސަލަ ވަނީ ކޯޓުން ބޭރުގައި ނިންމާ، ގެއްލުންވި މީހުންނަށް 45މިލިއަން ރުފިޔާގެ ބަދަލެއް ދީ، ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ހޯދުމުގެ ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާފައެވެ.

ސީލައިފުން ފްލެޓް ލިބުނު މީހުންގެ ތެރެއިން 123 މީހުން ވަނީ، ވިނަރެސްއިން ފްލެޓް ހޯދުމަށް ފޯމު ހުށައަޅާފައެވެ.

ދެން ހިމެނެނީ ހިޔާ މަޝްރޫޢުން ފްލެޓް ލިބުނު މީހުންނަށް ހުޅުވާލި ފުރުޞަތެވެ. މި ފުރުޞަތު ހުޅުވާލީ ހިޔާ މަޝްރޫޢުން ފްލެޓް ލިބުނު މީހުންގެތެރެއިން، އާމްދަނީއާއި އެކަށީގެންވާ ބޯހިޔާވަހިކަމެއް ހޯދުމަށް ފުރުޞަތު ދިނުމަށެވެ. ހިޔާ ފްލެޓް ލިބުނު މީހުންގެތެރެއިން 78 މީހުން ވަނީ، ވިނަރެސްއަށް ކުރިމަތިލާފައެވެ.

ހިޔާއާއި ސީލައިފް އަދި ގުޅީފަޅުން ފްލެޓްލިބުނު ސްކީމްތަކުން ޖުމްލަ 301 މިހުން ވިނަރެސްއަށް މިވަނީ ފޯމު ހުށައަޅާފައެވެ.

އެޗްޑީސީން ވިދާޅުވީ މި ކެޓަގަރީތަކަށް، ވިނަރެސްއިން ވަކި އަދަދެއްގެ ފްލެޓް ކަނޑައަޅާފައި ނުވާކަމަށެވެ. ފޯމް ހުށައެޅި މީހުންގެ ފޯމްތައް ރިވިއުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ފޯމްތަކަށް މާކްސް ދީފައިވާގޮތް އަދި އިޢުލާންކޮށްފައެއް ނުވެއެވެ.

ވިނަރެސް މަޝްރޫޢުގައި ހިމެނެނީ 1344 ހައުސިން ޔުނިޓެވެ. އާއްމުކޮށް ފޯމް ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައި މި ސްކީމަށް ފޯމް ހުށައެޅީ 1413 މީހުންނެވެ. މި ކެޓަގަރީއަށް ފޯމު ހުށައެޅި މީހުންނަށް މާކްސް ދިން ގޮތުގެ ލިސްޓް ވަނީ އިއުލާންކޮށްފައެވެ.

މީގެ ތެރެއިން މާލޭގައި ދިރިއުޅެމުންގެންދާތާ 15 އަހަރު ވެފައިވާ ފަރާތްތަކުގެ ކެޓެގަރީއަށް ޖުމްލަ 1118 އެޕްލިކޭޝަނެއް ހުށަހަޅާފައިވާއިރު، އެޗް.ޑީ.ސީގެ ވަގުތީ ލިސްޓު ދައްކާގޮތުން މީގެ ތެރެއިން ޝަރުތު ހަމަވަނީ 475 ފަރާތެއްގެއެވެ. އަދި މާލޭގެ ރަށްވެއްސަކަށްވެފައިވާތާ 15 އަހަރު ވެފައިވާ ފަރާތްތަކުގެ ކެޓެގަރީއަށް ޖުމްލަ 295 އެޕްލިކޭޝަނެއް ހުށަހަޅާފައިވާއިރު، ޝަރުތު ހަމަވަނީ 248 ފަރާތެއްގެއެވެ. ދާއިމީ ލިސްޓް އިޢުލާންކުރާނީ އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ފަހުގައެވެ.

މި މަޝްރޫޢުގެ ދަށުން ފްލެޓްތައް ޑިޒައިންކޮށްފައިވަނީ 4 ކޮންސެޕްޓަކަށެވެ. އެއީ އިނާ ވިއު، އައުޓާ ވިއު، މެރީނާ ވިއު އަދި ސްޓޭންޑާޑް ވިއު އެޕާޓްމެންޓްތަކެވެ. މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. އައުޓާ ވިއުގައި 372 އެޕާޓްމެންޓް ހިމެނެއެވެ. އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެނެއެވެ.