ކުޅިވަރު

ބްރޫނޯގެ ދެ ލަނޑާއެކު ޕޯޗުގަލް ދެވަނަ ބުރަށް


ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެޗްގައި ޕޯޗުގަލުން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށް ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

މި މެޗަށް ނުކުތްއިރު، ޕޯޗުގަލުން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ގާނާގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. ގްރޫޕް ސްޓޭޖުގައި އުރުގުއޭއިން ކުޅުނު ފުރަތަމަ މެޗުގައި ކޮރެއާ އާއި ދެކޮޅަށް ނުކުތްއިރު، އެ މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.

މި މުބާރާތުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ޕޯޗުގަލް މޮޅުވީ އުރުގުއޭ އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ޕޯޗުގަލުން ވަނީ މެޗުގެ ކޮންޓްރޯލް ނަގާ، އުރުގުއޭ ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު ޕޯޗުގަލްގެ މިޑްފިލްޑަރ ވިލިއަމް ކަވާލިއޯއަށް ވަނީ ލަނޑު ޖަހަން ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ފުރަތަމަ ހާފުގައި ޕޯޗުގަލުން މެޗުގެ ކޮންޓްރޯލް ނަގާ އުރުގުއޭ ހާފަށް ބާރުބޮޑުކުރި ނަމަވެސް ލަނޑު ޖަހަން އެންމެ އެކަށީގެންވާ ފުރުސަތެއް އެ ޓީމަށް ނުލިބިއެވެ.

ދެވަނަ ހާފުގައި ޕޯޗުގަލުން ވަނީ އެ ޓީމުގެ އެޓޭކުތައް ވަރުގަދަކޮށް އުރުގުއޭ ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން މެޗުގެ 54 ވަނަ މިނެޓުގައި ޕޯޗުގަލްއަށް ލީޑު ނަގައިދިނީ ބްރޫނޯ ފެނާންޑޭޒްއެވެ.

ޕޯޗުގަލްގެ ލަނޑާއެކު އުރުގުއޭއިން ކުރިއަށް ޖެހި އެޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލުއިސް ސުއަރޭޒަށް ވަނީ ލަނޑު ޖަހަން ފުރުސަތެއްލިބި ބޭކާރުވެފައެވެ.

މެޗުގައި ޕޯޗުގަލްއިން ލީޑު ފުޅާކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގައެވެ. މިއީ ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭޒް ކާމިޔާބުކުރި ލަނޑެކެވެ.

މި ނަތީޖާއާއެކު ޕޯޗުގަލުން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ، ކުޅުނު ދެ މެޗުން ލިބިނު ހަ ޕޮއިންޓާއެކުގައެވެ. މި ގްރޫޕްގެ ދެވަނައިގައި އޮތް ގާނާއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ދެކުނު ކޮރެއާ އާއި ހަތަރުވަނައިގައި އޮތް އުރުގުއޭއަށް ދެ މެޗުން ލިބިފައިވަނީ އެއް ޕޮއިންޓެވެ.