ޚަބަރު

ބައިސްކަލަށް ޚާއްސަ ލޭނު ހިމަނާ ހުޅުމާލެ މަގުތަކަށް ތަފާތު ބަދަލުތަކެއް

ހުޅުމާލޭ ބޮޑެތި މަގުތަކުގައި ބައިސްކަލު ދުއްވުމަށް ޚާއްސަ ލޭންތައް ހެދުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ ހުޅުމާލޭގެ ޓްރާންސްޕޯޓް މާސްޓަރޕްލޭންގެ ދަށުން، ހުޅުމާލެގައި ދިރިއުޅޭ އަދި އެކިބޭނުންތަކަށް ހުޅުމާލެ ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ދަތުރުފަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

ހުޅުމާލެ މައި މަގުތަކުގައި 13.2 މީޓަރުގެ ފުޅާމިންހުރެއެވެ. އެގޮތުން 4 ލޭނަކަށް ބަހާލައިގެން އެއްފަހަރާ 4 ވެހިކަލް އެއް މަގުން ދުއްވޭނެގޮތަށް ވަނީ ޕްލޭން އެކުލަވާލާފައެވެ. މިބަދަލު ގެނެވުމަށް މިހާތަނަށް އެޗްޑީސީން މަސައްކަތް ފަށާފައިވަނީ ހުޅުމާލެގެ ނިރޮޅުމަގުގެ އިތުރުން ސެންޓްރަލް ޕާކް ވަށައިގެން އޮންނަ މަގެވެ.

ހުޅުމާލެ ނިރޮޅުމަގާއި އަދި އެހެން މަގުތަކުގައިވެސް ލޭންތަކަށް ބަހާލައިގެން ކުރެހުމުގެ މަސައްކަތް އެޗްޑީސީން ވަނީ ފަށާފައެވެ. އެގޮތުން ބަސްދުއްވުމަށް ޚާއްސަ ލޭނަކާއި، ބައިސްކަލު ދުއްވުމަށް ޚާއްސަ ލޭން ވަނީ ކަނޑައަޅާފައެވެ. މިއީ، ދުނިޔޭގެ ސްޓޭންޑަޑަށް ހުޅުމާލޭގެ މަގުތައް ގެނެވުމަށާއި ޓްރެފިކްގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރާ ވަރަށް މުހިއްމު މަސައްކަތެއްގެ ގޮތުގައި އެޗްޑީސީން ފާހަގަކުރެއެވެ.

ހުޅުމާލޭގައި މުޅިން އަލަށް، ބައިސްކަލަށް ޚާއްސަ ލޭންތައް ހެދުމުގެ މަސައްކަތުގެތެރެއިން، ބައިސިކަލް ލޭން ކުރެހުމުގެ މަސައްކަތް އެޗްޑީސީން ވަނީ މިހާރު ފަށާފައެވެ. ބައިސިކަލް ދުއްވާ ރޫޓު ފާހަގަކުރުމުގެ ގޮތުން ނޫކުލަ، ބައިސްކަލްލޭނަށް ޚާއްސަ ކުރުމަށްވަނީ ނިންމާފައެވެ. އެގޮތުން މަގު 4 ލޭނަކަށް ބަހާލައި، ބަސް ލޭނަކާއި ސައިކަލު ދުއްވާ ލޭންގެ އިތުރުން އެއް ލޭން ކަނޑައަޅާފައިވަނީ ބައިސިކަލް ދުއްވާ ފަރާތްތަކަށް ބޭނުންކުރުމަށެވެ.

ހުޅުމާލޭގައި ބައިސިކަލް ލޭނެއް ކަނޑައެޅުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ، ބައިސްކަލަކީ ވަރަށް ސްޕީޑް ދަށްކޮށް ދުއްވާ އުޅަދެއް ކަމަށް ވުމާއިއެކު، ބާރު ސްޕީޑްގައި ދުއްވާ އެހެނިހެން އުޅަނދުތަކަށް ދަތިނުވާގޮތަށް މަގުގެ އެއްފަޅިން ބައިސިކަލް ދުއްވުމަށް ޚާއްސަ ސަރަހައްދެއް ކަނޑައެޅުމެވެ.

މި ބަދަލާއެކު ހުޅުމާލޭގެ ނިރޮޅުމަގުގައި އެއްވެސް ގޮތަކަށް ވެހިކަލް ޕާކުކޮށްފައި ނުބެހެއްޓޭނެއެވެ. އެހެންނަމަވެސް ނިރޮޅުމަގުގައި ހުންނަ ފްލެޓުތަކާއި ގެތަކުގެ ކައިރީގައި ޕާކްކުރުމުގެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އަދި މިހާރުވެސް ގިނަ ޕާކިންގ ލޮޓްތަކެއް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށް، ޕާކު ކުރެވޭނެ އިތުރު ތަންތަން ގާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.