ޚަބަރު

ސިފައިންގެ ބޭސްފަރުވާއަށް ހެޔޮ ބަދަލުތަކެއް ގެނެވިއްޖެ: މާރިޔާ


ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ބޭސްފަރުވާ ފޯރުކޮށްދިނުމުގެ ކަންކަން ހަރުދަނާކުރެވި ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ހެޔޮ ބަދަލު ތަކެއް ގެނެވިފައިވާ ކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވީ، އެމްއެންޑީއެފް މެޑިކަލް ކޯރގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ ވިދާޅުވީ، ކޯވިޑްގެ ނުރައްކާތެރި ހާލަތުގައި، ސެނަހިޔާ ހޮސްޕިޓަލްގެ ފްލޫ ކްލިނިކްތަކުން، 24 ގަޑިއިރު ހުއްޓުމެއްނެތި ޢާއްމު ރައްޔިތުންނަށާއި ސިފައިންނަށް ފޯރުކޮށްދިން ޚިދުމަތްތަކަކީ، ތަޢުރީފް ޙައްޤު ޚިދުމަތްތަކެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މި ސަރުކާރުން ހިންގުމާ ހަވާލުވުމަށްފަހު، ސިފައިންނާ ގުޅުންހުރި އެންމެ މުހިންމު އަދި އެންމެ އިސް ކަމެއްގެ ގޮތުގައި ސިފައިންގެ ވެލްފެއަރގެ ކަންކަން ރަނގަޅުކޮށްދީ، ސިފައިންނަށް ބޭނުންވާ ޚިދުމަތްތަކަށް ހެޔޮ، ރަނގަޅު ބަދަލުތަކެއް އަވަސްކަމާއެކު ގެނެސްދެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރަށް 4 އަހަރު ވެގެން ދިޔައިރު، ރައީސުލްޖުމްހޫރިއްޔާގެ ދުރު ވިސްނުންފުޅާ އެކު، ޞިއްޙީ ނިޒާމުގެ ކަންކަން ހިމެނޭހެން، ސިފައިންގެ ވެލްފެއަރގެ ކަންކަމަށް މުހިންމު އަދި ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން، ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ބޭސްފަރުވާ ފޯރުކޮށްދިނުމުގެ ކަންކަން ހަރުދަނާކުރެވި، ގިނަ ހޮސްޕިޓަލް އަދި ކްލިނިކުތަކަކަށް ސިފައިން ދެއްކޭނެ އިންތިޒާމްތައް މިހާރު ހަމަޖައްސަވާފައިވާއިރު، މެޑިކަލް ކޯރއިން ދެމުން ގެންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި ސެނަހިޔާ ހޮސްޕިޓަލުގައި ކޮންސަލްޓްކުރައްވާ ސްޕެޝަލައިޒްޑް ޑޮކްޓަރުންގެ ޢަދަދު 11 އިން 54 އަށް އިތުރުކުރެވިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އަދި އެމްއެންޑީއެފް މެޑިކަލް ކޯރއަކީ، ޢަދަދުގެ ގޮތުން އެންމެ މީހުން މަދު ސަރވިސްކަމުގައި ވިޔަސް، މި މުއްދަތުގެ ތެރޭގައިވެސް، އޮފިސަރުންނާއި އެންލިސްޓެޑް ރޭންކުތައް ހިމެނޭހެން، މެޑިކަލް ކޯރގެ 42 މުވައްޒަފަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ތަޢުލީމާއި ތަމްރީނުގެ ފުރުޞަތު ހޯއްދަވައިދެވުނުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޞިއްޙީ ދާއިރާއިން އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ކުރެވިފައިވާ މަސައްކަތުގައި ސިފައިންގެ އެކި ޔުނިޓްތަކަށް މެޑިކަލް ކޯރއިން ހިންގި ތަފާތު 29 ކޯހެއްގައި 801 ސިފައިން ތަމްރީނުކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ، ރޭ އިފުތިތާހުކުރެވުނު "މެޑިކަލް ސްޓޭންޑަރޑްސް ފޮރ އެންލިސްޓްމެންޓް އެންޑް ރިޓެންޝަން" އުސޫލުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މިނިސްޓަރ ވިދާޅުވީ، އެ އުސޫލަކީ، މެޑިކަލް ކޯރއާއި އެމްއެންޑީއެފްގެ ކުރިއެރުމަށް އިތުރުކުރެވިގެން ދިޔަ ބޮޅެއް ކަމަށާއި، ދިވެހި އަސްކަރިއްޔާއަކީ، ޞިއްޙީ ގޮތުންނާއި، ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް "ފައިޓިންގ ފިޓް" ލަޝްކަރެއްގެ ގޮތުގައި ދެމެހެއްޓުމަށް ކުރާ މަސައްކަތަށް ލިބޭ ކުރިއެރުމަކަށް ވާނެ ކަމަށެވެ. އަދި، އޭގެ ސަބަބުން ސިފައިންގެ ވަޒީފާއަށް މީހަކު ވަންނައިރު އަދި ސިފައިންގެ ވަޒީފާގައި ދެމި ހުންނައިރު، އެމީހަކީ ޞިއްޙީގޮތުން ވަޒީފާއަށް އެކަށޭނަ، އަދި ޞިއްޙީގޮތުން ޤާބިލު މީހެއްތޯ ދެނެގަނެ، އެކަން މޮނިޓަރކޮށް ބެލޭނެ އިންތިޒާމްތައް މި އުސޫލުގެ ތެރެއިން ހަމަޖެހިގެންދާނެކަން ފާހަގަކުރެއްވިއެވެ.