ޚަބަރު

ކުދި އާބާދީތައް ތަފާތުނުކޮށް ތަރައްޤީ ގެންނަވާތީ ދަރަނބޫދޫ ރައްޔިތުންގެ ޝުކުރު ރައީސްއަށް


ކުޑަ ރަށެށް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް ތަރައްޤީ ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެތެރެއިން، ފ.ދަރަނބޫދޫގައި އެންމެ ޒަމާނީ ބަނދަރެއް ތަރައްޤީކޮށްދެއްވާފައިވާކަން ފާހަގަކޮށް ރަށު ކައުންސިލުން ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ.

ދަރަނބޫދޫ ކައުންސިލުން ރައީސަށް ޝުކުރުއަދާ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ދަރަނބޫދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާވަނީ ރަށުގެ ތަރައްޤީއަށް ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ކައުންސިލުންވަނީ، ކުދި އާބާދީތައް ތަފާތުކުރުމެއްނެތި އަދި އެއްވެސް ރަށެއް ބާކީ ނުކުރުމުގެ ސިޔާސަތަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވާފައެވެ.

ފ. އަތޮޅަށް އެކަނި ބެލިކަމުގައިވިޔަސް އެންމެ ޖާގައިގެ ގޮތުން ތަނަވަސް، އެންމެ ފަސޭހަ ބަނދަރު ދަރަނބޫދޫގައި ޤާއިމްކޮށްފައިވުމަކީ މިގޮތުން ސަރުކާރުން ކުރައްވާފައިވާ މަސައްކަތުގެ ފޮނި ނަތީޖާކަމުގައި ވިދާޅުވެ، ރައީސުލްޖުމްރިއްޔާއަށް ރަށުގެ ރައްޔިތުންގެ ނަމުގައި ވަނީ ޝުކުރު އަދާކުރައްވާފައެވެ. ދަރަނބޫދޫ ބަނދަރަށް ޖާގަ އިތުރުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ނިމިފައިވަނީ މިއަހަރުގެ އޭޕްރީލްމަހުއެވެ.

ދަރަނބޫދޫ ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި، އަދި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. އެގޮތުން، ކައުންސިލުން ވަނީ ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށްދާ ކަމުގައި ވިދާޅުވެފައެވެ. އަދި، ރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް ބޭނުންވާކަމަށާއި، ޢިޖްތިމާޢީ މަރުކަޒެއްގެ މުހިންމުކަމާއި، ރަށުގެ ބިނާވެށި ޕްލޭން ފާސްކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވެސް ކައުންސިލްގެ ބަޖެޓުގެ ދަތިކަމާއި، ސްކޫލްގެ ޖާގައިގެ ދަތިކަން އަދި، ސިއްހީ މަރުކަޒުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

ދަރަނބޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީންވެސް ވަނީ އެކޮމިޓީގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ކުރިމަތިވާ ޖާގައިގެ ދަތިކަމާއި، މާލީދަތިތައް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އެރަށުގެ ތަރައްޤީއަށް ކުރިޔަށް ރޭވިފައިވާ ބައެއް މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާ ކުރައްވާފައެވެ. މީގެ އިތުރުން ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާއި މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.