ޚަބަރު

މަރުވެފައި ތިބި ވައްލަތަކެއް މާލޭ ފަޅުތެރެއިން


ގެންގުޅެނިކޮށް މަރުވިކަމަށް ބެލެވޭ ދޫނިތަކެއް މާލޭގެ ދެކުނުފަރާތު ފަޅުތެރެއިން ފެނިއްޖެއެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީ.ޕީ.އޭއިން ވިދާޅުވީ، މާލޭ ދެކުނުފަރާތު ހާބަރަށް ވަންނަ ސަރަޙައްދުން މަރުވެފައި އޮއްވާ ފެނިފައިވަނީ 15 ވައްލަ ކަމަށެވެ.

އީ.ޕީ.އޭއިން ވިދާޅުވީ، ބޮޑަށް ބެލެވެނީ މިދޫނިތައް ގެންގުޅުމުގެ ތެރޭގައި މަރުވުމުން އެސަރަޙައްދު މޫދަށް އެއްލާލާފައިވާކަމަށެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތުތަކެއް އިނގޭ ފަރާތެއްވާނަމަ އެކަން އީ.ޕީ.އޭއާއި ހިއްސާކޮށްދެއްވުމަށް އެ އެޖެންސީން ވަނީ އެދިފައެވެ.


ވައްލައަކީ ރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ދޫނީގެ ބާވަތެކެވެ. އަދި ތިމާވެށި ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި ޙިމާޔަތްކޮށްފައިވާ އެއްވެސް ދޫންޏެއް ނުވަތަ ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކަށް އަނިޔާކޮށް، ގެއްލުންދީ ނުވަތަ ހިފާ ގެންގުޅުމަކީ މަނާކަމެކެވެ.