ޚަބަރު

އިންކަމް ޓެކްސްގެ ގޮތުގައި 298 މިލިއަން ؛ މިދިޔަ އަހަރަށްވުރެ 48.2 އިންސައްތަ އިތުރު


އިންކަމް ޓެކްސްގެ ގޮތުގައި އަހަރުގެ މިހާތަނަށް 298 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާއިރު ދައުލަތުގެ ޚަރަދުތަކާއި އާމްދަނީގެ ތަފްސީލްތައް ދައްކާގޮތުން އިންކަމް ޓެކްސްގެ ގޮތުގައި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރަށްވުރެ އިތުރުވެފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދައުލަތަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްއިން ލިބޭ އާމްދަނީއެވެ. ޓެކްސް އާމްދަނީގެ ތެރޭގައި، އިމްޕޯޓު ޑިއުޓީއާއި، ބިޒްނަސް އެންޑު ޕްރޮޕަރޓީ ޓެކްސް، ބީޕީޓީ އާއި މުދަލާއި ޚިދުމަތުން ނެގޭ ޓެކުހާއި ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުން ނެގޭ ޓެކެސްގެ އިތުރުން ވަކި ވަކި ފަރުދުންގެ އަތުން ނެގޭ އިންކަމް ޓެކެސް ހިމެނެއެވެ.

ރާއްޖޭގައި ފަރުދުންގެ ޢާމްދަނީން ޓެކްސް ނަގަން ފެށީ 1 ޖެނުއަރީ 2020 ގައެވެ. އިންކަމް ޓެކްސް ނަގަނީ މަހެއްގެ މައްޗަށް 60000 އަށްވުރެ މަތީ އާމްދަނީއެއް ލިބޭ ފަރާތްތަކުންނެވެ.

ފަރުދުންގެ އިންކަމް ޓެކްސް ނުވަތަ އާމްދަނީން ޓެކްސް ދައްކަންޖެހޭ ޖުމްލަ 7849 ފަރާތެއްވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން، 2892 ދިވެހި މުވައްޒަފުންވާކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި އާމްދަނީން ޓެކްސް ދައްކަންޖެހޭ 4957 ބިދޭސީ މުވައްޒަފުން އެބަތިބިކަމަށް އެއޮތޯރީޓީގެ ތަފާސް ހިސާބުތަކުގައިވެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް 298.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު 201.2 މިލިއަން ރުފިޔާއާ އަޅަބަލާއިރު 48.2 އިންސައްތަ އިތުރު އަދަދެކެވެ.

ފަރުދުންގެ އާމްދަނީން ނެގޭ ޓެކްސް ނުވަތަ އިންކަމް ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން 87 އިންސައްތަ އަކީ އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނެވެ. އެގޮތުން، އާމްދަނީން ޓެކްސް ދައްކަންޖެހޭ އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން 1253 ފަރާތަކީ ޝެފުންނާއި ވެއިޓަރުންކަމަށް މީރާގެ ތަފާސް ހިސާބުތަކުންދައްކައެވެ. އަދި އާމްދަނީން ތެކްސް ނަގަންޖެހޭ 1031 ފަރާތަކީ މެނޭޖްމަންޓް ދާއިރާގައި މަސައްކަތްކުރާ ފަރާތްތައްކަމަށްވީއިރު، 5375 ފަރާތަކީ އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ ފާރަތްތައްކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އަހަރުގެ މިހާތަނަށް ދައުލަތަށް ވަނީ 23.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 28.3 ހިއްސާ ވަނީ ޓެކްސްއިން ލިބޭ އާމްދަނީއެވެ. އެގޮތުން، ޓެކްސް އާމްދަނީގެ ގޮތުގައި ޖުމްލަ 16.9 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.