ޚަބަރު

"އެވެޓާ 2" ގެ އާ ޓްރެއިލަރ އެއް


އަންނަ މަހު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ ޑައިރެކްޓަރު ޖޭމްސް ކެމެރޮންގެ "އެވެޓާ 2" ގެ އާ ޓްރެއިލަރއެއް ދައްކާލައިފިއެވެ.

މި އަހަރު އެންމެ ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާކުރަމުން އަންނަ ފިލްމު "އެވެޓާ: ދަ ވޭ އޮފް ވޯޓާ" ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 16 ގަ އެވެ. މި ފިލްމު ބެލުންތެރިންނާ ހަމައަށް އަންނަނީ ފިލްމުގެ ފުރަތަމަ ބައި ގެނެސްދިންތާ 13 އަހަރު ފަހުންނެވެ.

މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑް އޮތް "އެވަޓާ" އަކީ 2009 ވަނަ އަހަރު ރިލީޒް ކުރި ފިލްމެކެވެ.

ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ސީކުއެލް "އެވެޓާ: ދަ ވޭ އޮފް ވޯޓާ" މެގްނަމް އޮޕަސްގެ ރަންޓައިމް އަކީ 3 ގަޑިއިރާއި 10 މިނެޓެވެ. އަދި މިއީ "ޓައިޓެނިކް" އަށް ފަހު މިހާތަނަށް ކެމަރޮންގެ އެންމެ ދިގު އެއް ފިލްމަށްވާނެއެވެ. "ޓައިޓެނިކް" ގެ ދިނުމިނަކީ 3 ގަޑިއިރާއި 14 މިނިޓެވެ.


ކެމެރޮން ބުނި ގޮތުގައި "އެވެޓާ" ގެ ސީކްއެލްތަކެއް ހެދުމަކީ މަސައްކަތުގެ ގޮތުންނާއި ބަޖެޓްގެ ގޮތުން ވެސް ފަސޭހަ ކަމެއް ނޫނެވެ. އަދި މިފަދަ ފިލްމެއް ހަދަން ބައިވަރު ވަގުތު ނަގާނެ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް "އެވެޓާ" ގެ ސީކްއެލްތަކަށް ކުރެވުނު މަސައްކަތްތަކާއި ބޮޑު ސްކްރީނުން ބެލުންތެރިންނަށް ތަޖުރިބާކޮށްލަން ލިބޭ ތަފާތު، ހިތަށް ގެނެވުމުން ވަރަށް ބޮޑު އުފާވެރިކަމަކާއި ހިތްހަމަޖެހުމެއް ކަމަށް ގެނުވާ ކަމަށް ބުންޏެވެ. އޭނާ ބުނީ ގޮތުގައި "އެވެޓާ: ވޭ އޮފް ވޯޓާ" ގެ އެންމެ ޚާއްސަ އެއް ކަމަކަށް ވާނީ ނާވީ ދަރިކޮޅުގެ މީހުންނާ އެކީ ޕެންޑޯރާ ދުނިޔޭގެ ކަނޑު އަޑީގެ ހާދިސާތަކަށް ފިލްމު ބިނާވެފައި އޮތުމެވެ.

ޖުމްލަ 250 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ "އެވެޓާ: ވޭ އޮފް ވޯޓާ" ގެ ކާސްޓުން ކުރީގެ ފިލްމުގެ ބައެއް ތަރިންނާ އެކީ އައު ތަރިންތަކެއް ވެސް ފެންނާނެއެވެ. އޭގެ ތެރޭގައި "ޓައިޓޭނިކް" ގެ ބަތަލާ ކޭޓް ވިންސްލެޓް ފާހަގަކޮށްލެވެއެވެ.

2009 ގައި ރިލީޒްކުރި "އެވެޓާ" އަކީ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި އެއް ފިލްމެވެ. ފަހުން ރިލީޒްކުރަން ހޭދަކުރި 9 މިލިއަން ޑޮލަރާ އެކީ ޖުމްލަ 246 މިލިއަން ޑޮލަރު ހޭދަކުރި ފިލްމަށް އާމްދަނީގެ ގޮތުގައި 2.847 ބިލިއަން ޑޮލަރު ލިބުނެވެ.

"އެވެޓާ: ދަ ވޭ އޮފް ވޯޓާ" އަންނަ މަހުގެ 16 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާއިރު "އެވެޓާ" 3 ރިލީޒް ކުރަން ހަމަޖެހިފައިވަނީ ޑިސެމްބަރު 20، 2024 ގައެވެ. އޭގެ ފަހުން "އެވެޓާ" 4 ރިލީޒް ކުރަން ޑިސެމްބަރު 18، 2024 ތާވަލުކޮށްފައިވާއިރު، "އެވެޓާ" 5 ރިލީޒް ކުރަން ހަމަޖެހިފައިވަނީ ޑިސެމްބަރ 22، 2028 ގައެވެ.