ޚަބަރު

ރާއްޖެއާއި ޖަޕާނުގެ ގުޅުމަށް 55 އަހަރު ފުރުން ފާހަގަކުރުމަށް ޚާއްސަ ފެސްޓިވަލެއް ބާއްވައިފި


ދިވެހިރާއްޖެއާއި ޖަޕާނާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 55 އަހަރު ފުރުން ފާހަގަކުރުމުގެގޮތުން "ޖަޕާން މޯލްޑިވްސް ފެސްޓިވަލް"ގެ ނަމުގައި ފެސްޓިވަލެއް ބާއްވައިފިއެވެ.

"ޖަޕާން މޯލްޑިވްސް ފެސްޓިވަލް" ބާއްވާފައިވަނީ އިއްޔެ ހަވީރު 4:00 އިން ރޭގަނޑު 22:00އަށެވެ.

މިފެސްޓިވަލްގެ މައިގަނޑު މަޤްޞަދަކީ ޖަޕާނުގެ ސަޤާފަތާއި އާދަކާދަތަކުގެ މަޢުލޫމާތު ދިވެހިންނަށް ފޯރުކޮށްދީ، ސަޤާފީކަންކަން އެއްތަނަކުން ތަޖުރިބާކުރުމަށް ފުރުޞަތު ފޯރުކޮށްދިނުންކަމަށް ޖަޕާން އެމްބަސީން މަޢުލޫމާތުދެއެވެ.

ދެދަންފަޅިއަކަށް ކުރިއަށްދިޔަ މިފެސްޓިވަލްގެ ފުރަތަމަ ދަންފަޅީގައި ވަނީ ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ކުރިއަށްގެންގޮސްފައެވެ. އެގޮތުން، ކަރުދާހުން ތަފާތު އެއްޗެހި ތައްޔާރުކުރުމުގެ ހަރަކާތްތަކާއި، ޖަޕާނުގެ ސަޤާފީ ކުޅިވަރެއްކަމަށްވާ "ޔަމަކީ ޑެމޯ" ކުޅިވަރުގެ ހަރަކާތުގެ އިތުރުން، މާޝަލް އާޓްސްގެ ހަރަކާތެއްވެސް ވަނީ މިފެސްޓިވަލްގައި ކުރިއަށްގެންގޮސްފައެވެ.

މިފެސްޓިވަލްގައި އޮތެންޓިކް މޯލްޑިވްސްގެ ސްޓޯލްތައް ހުރިއިރު، ރާއްޖޭގެ ވިޔަފާރިވެރިންގެ ތަފާތު ގިނަ އުފެއްދުންތަކާއި ކަސަބު ލިބާސް ވިޔަން ދަސްކޮށްދިނުމުގެ ހަރަކާތްތައްވެސް މި ފެސްޓިވަލުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ޖަޕާނުގެ ކުންފުންޏެއް ކަމަށްވާ "ކެންދަމާ"ގެ އުފެއްދުންތައް އާންމުންނަށް ދައްކާލާ، އެބާވާތްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ވަނީ މިފެސްޓިވަލްގައި އާންމުންނަށް ދީފައެވެ.

މި ފެސްޓިވަަލަށް މިނިސްޓަރ އޮފް ސްޓޭޓްސް ފޯ ފޮރިން އެފެއާޒް، އަހްމަދު ޚަލީލް ވަނީ ޒިޔާރަތްކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ޖަޕާނަކީ ރާއްޖޭގެ ތަރައްޤީއަށް މުހިއްމު ޤައުމެއްކަމަށާއި، އެކި ދާއިރާތަކުން މިވީ 55 އަހަރު ތެރޭގައި ގިނަ އެހީތަކެއް ލިބިފައިވާކަމަށް ޚަލީލް ވިދާޅުވިއެވެ.

"ޖަޕާނަކީ އަޅުގަންޑުމެންނަށް ވަރަށް ގިނަ ގޮތް ގޮތުން އެހީވަމުން އަންނަ ޤައުމެއް. މިސޯސަލް ސެންޓަރަކީވެސް ޖަޕާނުގެ އެހީގައި ހަދާފައި ހުރި ތަނެއް. އަދި ތިން ހަތަރު ސްކޫލުވެސް އެބަހުރި ޖަޕާނުގެ އެހީގެ ހެދިފައި. މީގެ އިތުރުން އާޓިފިޝަލް ބީޗަކީވެސް ޖަޕާނުގެ އެހީގައި ހެިފައިވާ ތަނެއް. ޖަޕާނުން އެހީ ނުވާ ދާއިރާއެއް މަދުވާނެ." މިނިސްޓަރ ޚަލީލް ވިދާޅުވިއެވެ.

ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 55 އަހަރު މިއަހަރު ފުރުނުއިރު، ޖަޕާނަކީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި މުހިއްމު ދައުރެއް އަދާކުރާ ޤައުމެކެވެ. ވޭތުވެދިޔަ އަހަރުތަކުގައި ޖަޕާނުން ވަނީ އެކި ރޮނގުރޮނގުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާއި، އެންމެ ފަހުން ކުރިމަތިވި ކޯވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރު ޖަޕާނަކީ، ދިވެހި ރައްޔިތުންނަށް ދީލަތިކަމާއި އެހީތެރިކަން އެންމެ ފުރަތަމަ ފޮނުވި އެއް ޤައުމެވެ.