ޚަބަރު

ރަށުގެ ޒުވާނުންގެ ހިތްވަރުން ލަންދޫ ކުއްޅަވަށް މަޝްހޫރު "މޫވެން ޕިކް"ގެ މެނޫއަށް


ނ. ލަންދޫއަކީ ޗަސްބިން އޮންނަ މަދު ރަށްރަށުގެ ތެރެއިން ރާއްޖޭގައި ކުއްޅަވަށް އެންމެ ގިނައިން ހައްދާ އެއްރަށެވެ. އެރަށުގައި ކުއްޅަވަށް ގަސް މަދުވިޔަނުދީ ގަސް އިތުރުކުރުމަކީވެސް ލަންދޫ ޒުވާނުން އިސްނަގައިގެން ދުވަސްދުވަހުން ކުރާކަމެކެވެ.

ލަންދޫއާއި ލަންދޫއަށް ޒިޔާރަތްކުރާ މިހުންނަށް އެންމެ ފުރަތަމަވެސް އެރަށުން ދޭ މަރުޙަބާގެ ބުއިމަކީ މަޝްހޫރު ލަންދޫ ކުއްޅަވަށް ޖޫހެވެ. މިއަދު މިރަހަ މިވަނީ އެންމެ ބޮޑު ބައިނަލްއަޤުވާމީ އެއް ބްރޭންޑް ކަމުގައިވާ " މޫވަން ޕިކް"އާއިވެސް ގުޅިފައެވެ.

ލަންދޫގެ ކުއްޅަވަށް ދަނޑުތަކުން އެރަށުގެ ގޭބިސީތަކާއި ކެފޭ ރެސްތޯރެންޓުތަކުގެ ސުފުރާތަކަށް ކުޅަވަށް ޖޫސްވަނީ މީގެ 10 އަހަރަށްވުރެ ކުރިން އަރާފައެވެ. އެހެންނަމަވެސް އެހައި ހިސަބުން މި މަސައްކަތް ހުއްޓާލަން އެރަށުގެ ޒުވާނުން ބޭނުމެއް ނުވިއެވެ. ރަށަށް އިތުރު ނަފާއެއް ހޯދާއިދީ ރަށަށް ރީތި ނަމެއް ހޯދައިދިނުމަށް ލަންދޫ ޒުވާނުން ކުރަމުންދަނީ ނަމޫނާ މަސައްކަތެކެވެ.

ކުއްޅަވަކުގެ އުފެއްދުންތައް މާކެޓްކުރަން ނިކުތީ ލަންދޫ ޒުވާނުން

ކުއްޅަވަށް އެއީ އެރަށުގެ ޗަސްބިންތަކުގައި ބައެއް މޫސުމުގައި އާދަޔާ ޚިލާފަށް ގިނަވާ އެއްޗެކެވެ. އެހެންކަމުން މީގެއިން ޢާއްމުކޮށް ރަށުގެ ކެފޭތަކާއި ގޭބިސީތަކުގައި ތައްޔާރުކުރާ ފަނިތައް ރިސޯޓުތަކަށް ތަޢާރަފްކުރުމަކީ އެރަށުގެ ޒުވާނުންގެ ވަރަށް ބޮޑު އަމާޒެކެވެ. މިގޮތުން ކުރެވުނު މަސައްކަތުން ލަންދޫ ކައުންސިލްއާއި، އެރަށުގެ ބައެއް ޒުވާނުން ގުޅިގެން މިހާރު ވަނީ އެއަތޮޅުގައި އޮންނަ މޫވެން ޕިކް ރިސޯޓަށް ކުއްޅަވަށް ތަޢާރަފްކޮށްދީފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ލަންދޫ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް ފަޒީލް ޙަސަން ވިދާޅުވީ، ލަންދޫއިން ރިސޯޓާއެކު ކުރެވުނު މުޢާމަލާތްތަކަށްފަހު މިހާރު ރިސޯޓުގެ މައި ރެސްޓޯރެންޓުގެ މެނޫއަށް ލަންދޫ ކުއްޅަވަކުގެ އައިސްކްރީމާއި، މޮހީޓޯ އަދި މިލްކްޝޭކް ހިމެނުމަށް ނިންމާފައިކަމަށެވެ. އަދި މިއީ މުޅި ރަށަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލަކާއި ފަޚުރެއްގެ ގޮތުގައި ފަޒީލްވަނީ ފާހަގަކުރައްވާފައެވެ.

"އަސްލު އެންމެ ބޮޑަށް ކައުންސިލުން ބޭނުން ވަނީ ގޭގައި ތިބެގެން ޢާމްދަނީ ލިބޭނެ މަގެއް ރައްޔިތުންނަށް ފަހިކޮށްދިނުން. ކޮންމެ މީހަކަށްވެސް މިއަދު މި ފުރުޞަތު އެބައޮތް" ފަޒީލް ވިދާޅުވިއެވެ.

ކުއްޅަވަށް ހޮވައިގެން ޢާމްދަނީ ހޯދުމުގެ މަގު ޢާއްމުނަށް

ލަންދޫ ޒުވާނުން މި ނެގި އިސްނެގުމާއެއްކޮށް ރަށުގެ ރައްޔިތުންނަށް ޢާމްދަނީ ލިބޭނެ އިތުރުމަގެއް ފަހިވެގެންދާނެކަމަށް ކައުންސިލުން ވިދާޅުވެއެވެ. މިހާރު އިންތިޒާމު ހަމަޖެހިފައިވާގޮތުން ކޮންމެ މީހަކަށްވެސް ޗަސްބިމަށް ގޮސް ކުއްޅަވަށް ހޮވައިގެން އައިސް ކައުންސިލަށް ވިއްކުމުގެ ދޮރުވަނީ ހުޅުވާލާފައެވެ.

ކައުންސިލު ސަޕްލަޔަރެއްގެ ދައުރު އަދާކޮށް ކުއްޅަވަށް ރިސޯޓަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރިނަމަވެސް ކައުންސިލްގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި މި މަސައްކަތް އެއްކޮށް ޢާއްމުންގެ ބާރު ހިނގާ މަސައްކަތެއްގެ ގޮތުގައި ކުރުމަށް ދޫކޮށްލުންކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ކުއްޅަވަށް ޖޫސް ތަޢާރަފްކޮށް އެކި ބާވަތްތައް މީގެއިން އުފެއްދުމުގެ ފަހަތުގައި އެންމެ އިސްކޮށް މަސައްކަތްކުރާ އެކަކަކީ ލަންދޫ ޒުވާނެއްކަމުގައިވާ ޖަޢުފަރު ރަޝީދެވެ.

ކެމިކަލްގެ އެއްވެސް މިންވަރެއް ނުހިމެނޭ އެންމެ "އޯގެނިކް" ރަހަ ލަންދޫއިން

މި ބުއިންތަކާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމަތު ދެއްވަމުން ޖަޢުފަރު ބުނީ ކުއްޅަވަށް އައިސްކްރީމް އަދި މިލްކެޝޭކް ރަހަތައް ޓެސްޓުކުރުމަށް މޫވެން ޕިކް ރިސޯޓަށް ދިޔުމުން އެރިސޯޓުގެ ޝެފުންނަށްވެސް ލިބިގެން ދިޔައީ ވަރަށް ބޮޑު ޝޮކެއްކަމަށެވެ.

އެންމެ ޚާއްސަކަމަކީ އެއްވެސް ކެމިކަލްގެ މާއްދާއެއް އެކުލިވިފައި ނުވާ މިފަދަ މޭވާއަކުން ރަހަ މީރު ބުއިންތަކެއް އުފެއްދުމުގެ ފުރުޞަތު ރާއްޖޭގައި އޮތްކަން އެނގިގެންދިޔުންކަމަށް އޭނާ ބުންޏެވެ.

"ރާސްޕްބެރީ އަދި ސްޓްރޯބެރީ ފަދަ ބާވަތްތަކުގައިވެސް އެބަހުރޭ ކެމިކަލް ކޮންމެވެސް ވަރަކަށް ބޭނުންކޮށްފައި. އެކަމަކު މިއީ ސީދާ ރާއްޖޭގެ ޗަސްބިންތަކުގައި އެއްވެސް ކެމިކަލެއް ނާޅާ ހެދޭ ގަހަކުން އަންނަ އެއްޗެއްކަމުން ރިސޯޓު މީހުންވެސް ތިބީ ވަރަށް ހިތްހަމަޖެހިފައި. އަޅުގަނޑުމެން ރަށުގައި ތައްޔާރުކުރާ ވަރަށްވުރެ މޫވެން ޕިކް މީހުންގެ މެޝިންތަކުގައި ތައްޔާރުކުރީމަ އަދި ރަހަ މާމީރު. ވަރަށް އުފާވޭ ރާއްޖޭގެ ނަން އެހާ ބޮޑު ބްރޭންޑެއްގެ މެއިން މެނޫއަށް އަރާތީ" ޖަޢުފަރު ބުންޏެވެ.

މޫވެން ޕިކްގެ އިތުރުންވެސް އެހެން ރިސޯޓުތަކަށްވެސް އެރަށުގެ ޒުވާނުން އަންނަނީ މި ބުއިންތައް ތަޢާރަފްކުރުމުގެ މަސައްކަތްކުރަމުންނެވެ. އަދި މީގެކުރިން ހަމައެކަނި ލަންދޫއަށް އިނގޭ މިބުއިންތައް ރާއްޖޭގެ އެހެން ރަށްރަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ލަންދޫ ޒުވާނުންގެ އުއްމީދެކެވެ.

ރާއްޖޭގައި އެންމެ ކުއްޅަވަށް ގިނަ ރަށަކީ ލަންދޫކަމަށްވާތީ ކުއްޅަވަކުން ނަފާ ހޯދޭނެ ދުވަހަކަށް ރައްޔިތުން ކުރަމުންއައި ދިގު އިންތިޒާރަށް، އެ ރަށު ޒުވާނުން މި ނެގި އިސްނެގުމާއި، ކައުންސިލުގެ މަސައްކަތުން ނިމުންގެނުވާފައެވެ. 5 ތަރީގެ ރިސޯޓެއްގެ މެއިން ރެސްޓޯރެންޓްގެ މެނޫގައި ލަންދޫ ކުއްޅަވަކުގެ އައިސްކްރީމް، މޮހީޓޯ އަދި މިލްކްޝޭކް ހިމެނި ފަތުރުވެރިންނަށް ހުޅުވާލެވުމަކީ މުޅި ރަށަށް ލިބުނު ފަޚުރެއްގެގޮތުގައި ލަންދޫ ކައުންސިލުން ފާހަގަކުރައްވައެވެ.