ޚަބަރު

ވިހެއުމާއި ގުޅިގެންދޭ ޗުއްޓީ - 3000 އަށްވުރެ ގިނަ ޢާއިލާއަށް އުފާވެރިކަން


ރާއްޖެއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކީ އިޖުތިމާއީ މައްސަލަތައް ބޮޑުވެގެން ކުރިމަތިވެފައިވާ މައްސަލަތަކެއްކަމަށް ކަމާބެހޭ ގިނަ ބޭފުޅުން އިއްތިފާޤުވެއެވެ. ވަރި ގިނަވުމާއި މަސްތުވާތަކެއްޗަށް އަރައިގަތުމާއި ނަފްސާނީ ބަލިތަކުން ހުށައެޅިގެންދާ ދާއިމީ ބޮޑެތި ބަލިތައް ގުޅިފައިވަނީ ފިކުރު ބޮޑުވުމާއި، ނުތަނަވަސްކަމާއެކު ދިރިއުޅުން ބައްޓަން ކުރަން މަޖުބޫރުވެފައިވާ ޘަޤާފަތާއިކަން ތަފާސް ހިސާބުތަކުން ހާމަވެއެވެ.

މުޅި މުޖުތަމަޢުގެ ހަމަޖެހުން ސީދާ ގޮތުން ގުޅިފައިވަނީ އުފާވެރި ދުޅަހެޔޮ ޢާއިލާއަކާއެވެ. ވަށާޖެހޭ ނިޒާމެއްގެ ތެރެއިން އުފާވެރި ޢާއިލާއެއް ބިނާވެގެންދިޔުމަކީ އެތައް މައްސަލަތަކެއްގެ ޙަގީގީ ހައްލުކަމަށް ތަޖުރިބާކާރުން އެއްބަސްވެލައްވާއިރުވެސް އެކަންކުރުމަށް އެތައް ހުރަހެއް ވަނީ ކުރިމަތިވެފައެވެ. ދިރިއުޅުމުގެ ކަންކަން މިހާރު ބައްޓަންވެފައިވާގޮތުން ޢާއިލާގެ ޚަރަދުތައް ހަމަޖެއްސުން އެއީ ހަމައެކަނި ބައްޕަގެ ޒިންމާއެއްގެ ގޮތުގައި އޮތްއޮތުން ބަދަލުވެ އެއީ ދެމަފިރިންވެސް އެކަމުގައި ހިއްސާވާކަމަކަށް ވަނީ ވެފައެވެ. ކަންމިހެން ހުރިނަމަވެސް، މަސައްކަތާއި ދުވަސްކޮޅަކަށް ދުރުވުމަށް އަންހެނުން އެންމެ ބޮޑަށް އެދެނީ ދަރިއަކު ލިބިގެން އެދަރިފުޅަށް މައިމީހާގެ އަޅާލުން އެންމެ ބޭނުންވާ ދުވަސްކޮޅުގައެވެ.

ވަޒީފާގެ ކަންކަން ހުންނަގޮތުން މީގެކުރިން ވިހެއުމާއި ގުޅިގެން އަންހެނަކަށް އެންމެ ގިނަވަގެންވެސް ލިބެނީ 3 މަސްދުވަހުގެ ޗުއްޓީއެކެވެ. އަދި ބައްޕައަކަށް މާބޮޑު ޗުއްޓީއެއް ނޯވެއެވެ. މީގެ ސަބަބުން ޢައިލީ ޒިންމާތައް އަދާނުކުރެވުމާއި މައްސަލަތައް ބޮއްސުންލައިގެން ދިޔުމުގެ ސަބަބުން އެތައް ޢާއިލާއެއްގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. ދުޅަހެޔޮ ޢާއިލާއެއް ބިނާ ކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެވެ. މީގެ ދަށުން ކުރެވުނު އެންމެ ތާރީޚީ އެއް މަސައްކަތަކީ ސަރުކާރު ވަޒީފާގައި ތިބޭ އަންހެނުންނަށާއި ފިރިހެނުންނަށް ދަރިން ލިބުމާއި ޗުއްޓީ ދިނުމަށް ނިންމާ އެކަން ތަންފީޒުކުރަން ފެށުމެވެ.

ސަރުކާރު ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން ވިހެއުމާއި ގުޅިގެން މަންމައަށް 6 މަސްދުވަހުގެ މެޓަރނިޓީ ލީވް އަދި ބައްޕައަށް 1 މަސްދުވަހުގެ ޕެޓަރނިޓީ ލީވް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާ އެކަން ތަންފީޒުކުރަން ފެއްޓެވީ 2019 ވަނަ އަހަރުގެ މާޗްމަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ތަފަސް ހިސާބުތައް ދައްކާގޮތުން މިވީ 4 އަހަރުގެތެރޭގައި ދަރިއެއް ލިބުމާއި ގުޅިގެން 2847 އަންހެނުންނަށް އަދި 1142 ފިރިހެނަކަށް ވަނީ ޗުއްޓީ ދީފައެވެ. ސަރުކާރުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ދަރިއެއް ލިބުމާއި ގުޅިގެން މުސާރައާއި ޢިނާޔަތްތައް ލިބޭނެހެން، މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް، ޖުމްލަ 3898 މުވައްޒަފުންނަށް ވަނީ ޗުއްޓީ ދީފައެވެ.

މަންމައަކަށް ނުވަތަ ބައްޕައަކަށްވުމާއި ގުޅިގެން ދިރިއުޅުމަށް ބޮޑު ބަދަލެއް އަންނައިރު ނަފްސާނީގޮތުންނާއި ޖިސްމާނީ ގޮތުން އަންހެނުންނަށް އެތައް ބަދަލެއް އާދެއެވެ. މަސައްކަތުގެ ޕްރެޝަރާއި ބުރަކަމުގެ ސަބަބުން ދަރިފުޅަށް އެންމެ ބޮޑަށް މަންމައާއި ބައްޕަގެ ރައްކާތެރިކަން ބޭނުންވާ ދުވަސްވަރު ކައިރީގައި ނުތިބެވުމަކީ އަންހެނުން ވަޒީފާ ދޫކޮށްދާ އަދި ފިރިހެނުންނަށް އޭގެއިން ނަފްސާނީ އެތައް މައްސަލަތަކެއް ކުރިމަތިކުރުވާ ކަމެކެވެ. އެހެންކަމުން މިކަމަށް ޙައްލެއް ގެނެސް އަންހެނުން ބާރުވެރިކުރުވާ ހަމަޖެހިގެން ވަޒީފާ އަދާކުރެވޭނެ އިންތިޒާމެއް ޤާނޫނީ އިމުގެ ތެރެއިން ވަނީ ހަމަޖައްސާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ދަރިން ލިބުމާއި ގުޅިގެން އަންހެނުންނަށް އަދި ފިރިހެނުންނަށްދޭ ޗުއްޓީ، މުސާރަ ހިނގާނެހެން ދެމުން އަންނަނީ އޭގެ މާލީ ބުރަ ސަރުކާރުން އުފުލާގޮތަށެވެ.

ފާގަތި މުސްތަޤުބަލަކަށް އެބުރަ ސަރުކާރުން އުފުލާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައިވާއިރު މިކަމަށް އަހަރަކު 30 މިލިއަން ރުފިޔާ ހޭދަވާކަމަށް ސަރުކާރުން ވަނީ މީގެކުރިން ވިދާޅުވެފައެވެ.

އުފާވެރި ހަމަޖެހޭ ދިރިއުޅުމަކުން، ފަހުރުވެރި އާއިލާއެއް ބިނާކުރުމަށް މިނޫންވެސް އެކި ދާއިރާތަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ދަނީ ފެންނަމުންނެވެ.