ޚަބަރު

މެލޭޝިޔާގެ އާ ބޮޑުވަޒީރަށް ރައީސް މަރުޚަބާ ވިދާޅުވެއްޖެ


މެލޭޝިއާގެ ބޮޑުވަޒީރުގެ މަޤާމަށް ދަތޯ ސެރީ އަންވަރު އިބްރާހީމް ހޮވިވަޑައިގެންނެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަރުޚަބާ މެސެޖުގައި، އަންވަރު އިބްރާހީމްގެ ލީޑަރޝިޕްގެ ދަށުން މެލޭޝިއާގެ ރައްޔިތުންނަށް އުފާފާގަތިކަމާއި ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ. އަދި ރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ބައިނަލްއަޤްވާމީ މުހިންމު ކަންކަމުގައި މެލޭޝިޔާގެ އާ ބޮޑުވަޒީރާއި، މެލޭޝިޔާ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ މެލޭޝިޔާގެ އާ ބޮޑުވަޒީރަށް ދުޅަހެޔޮކަމާއި ރަނގަޅު ޞިއްޙަތަކަށް އެދިވަޑައިގަންނަވާފައެވެ. އަދި އެމަނިކުފާނުގެ މެސެޖުގައި މެލޭޝިޔާގެ ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

މެލޭޝިޔާގެ އައު ބޮޑުވަޒީރު ކަމުގެ މަޤާމާ އަންވަރު ހަވާލުވެ ވަޑައިގެން ހުވާކުރައްވަފައިވާއިރު، 1990ގެ އަހަރުތަކުގެ ތެރޭގައި އަންވަރު ވަނީ މެލޭޝިޔާގެ ބޮޑުވަޒީރުގެ ނައިބުގެ މަޤާމު ފުރުއްވާފައެވެ. މި މަޤާމު ކާމިޔާބު ކުރުމަށް އޭނާ މަސައްކަތް ކުރައްވާތާ މިހާރު 30 އަހަރު ފާއިތުވެއްޖެއެވެ. އަންވަރު އެ މަޤާމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު އޮތީ ވެރިރަށް ކުއަލަ ލުމްޕޫރުގައި ހުންނަ ޤައުމީ ގަނޑުވަރުގައެވެ.

ރާއްޖެއާއި މެލޭޝިއާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ 1968 ވަނަ އަހަރުގައެވެ. އޭރުން ފެށިގެން ދެ ގައުމުގެ ދެމެދުގައި ބަދަހި ގުޅުމެއް އޮންނައިރު، މެލޭޝިއާ އަކީ މިހާރު ވެސް ގިނަ ދިވެހިންތަކެއް ދިރިއުޅެމުން އަންނަ ޤައުމެކެވެ. އަދި ދިވެހިންގެ މެދުގައި މަޝްހޫރު ޓޫރިސްޓް މަންޒިލެއް ވެސް މެއެވެ. މިގެ އިތުރަށްވެސް ދެ ޤައުމުގެ ދެމެދުގައި ވިސާ ހޯދުމުގެ ލުއި ފަސޭހަތަކާއި، ތަޢުލީމީ ދާއިރާއިން ސްކޮލަޝީޕްތައް ދިނުމާއި އެހެނިހެން ގޮތް ގޮތުން ވެސް އެކި ދާއިރާތަކުން އަންނަނީ އެއްބާރުލުން ދެމުންނެވެ.