ޚަބަރު

ކަނޑުމަތީގެ އޮޕަރޭޝަންތަކާ ގުޅޭގޮތުން ބޭއްވި ތަމްރީން ކޯސް ނިންމާލައިފި


އެމްއެންޑީއެފް ކޯސްޓްގާޑާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގުޅިގެން ކުރިއަށް ގެންދިޔަ ވިޒިޓް ބޯޑް، ސަރޗް އެންޑް ސީޒަރ (ވީބީއެސްއެސް) އިންޓަރނޭޝަނަލް ކޯސް، ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

މި ކޯސް ނިންމުމުގެ ގޮތުން ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ކޯހުގެ އިންސްޓްރަކްޓަރުންނަށް އަގުވަޒަންކުރުމުގެ ލިޔުން ހަވާލުކޮށްދެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޛް ޙަސަން ޒަމީލެވެ.

މި ރަސްމިއްޔާތުގައި ކޯސް ހިނގައިދިޔަ ގޮތުގެ ރިމާކްސް ދެއްވީ ޔޫއެންއޯޑީސީގެ އެސޯސިއޭޓް ޕްރޮގްރާމް އޮފިސަރ، ޖޯޝުއާ އާޓެޓާ ގޮންޒާލޭޒްއެވެ. އަދި، ކޯހުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޔޫއެންއޯޑީސީގެ އިންސްޓްރަކްޓަރުން ކަމުގައިވާ ޕައުލް ރޮބަރޓްސްއާއި ޔޯހާން ހެންޑްރިކްއެވެ.

ޔޫއެންއޯޑީސީގެ "ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމް" ގެ ދަށުން ހިންގި މި ކޯހުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ 12 ސެއިލަރުންގެ އިތުރުން، ބަންގްލަދޭޝް ކޯސްޓްގާޑުގެ 12 ސެއިލަރުންނާއި، ސްރީލަންކަން ކޯސްޓްގާޑުގެ 8 ސެއިލަރުން ބައިވެރިވިއެވެ.

މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން، ދެ ހަފުތާގެ މުއްދަތަށް ވިލިމާލޭގައާއި، މާލޭ ސަރަޙައްދުގެ ކަނޑުމަތީގައި ކުރިއަށް ގެންދިޔަ މި ކޯހުގައި، ކަނޑުމަތީގެ ޤާނޫނާއި ޤަވާޢިދުގެ އިތުރުން ކަނޑުމަތީގެ އޮފަރޭޝަންތައް ހިންގާނެ ގޮތްތަކާއި، ކަނޑުމަތިން އުޅަނދުފަހަރަށް އަރައި ސިފައިން ހަރަކާތްތެރިވާނެ ގޮތްތަކާއި، ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާނެ ގޮތްތައް ވަނީ ދަސްކޮށްދީފައެވެ.

މި ކޯހުގެ ފައިނަލް އެކްސަސައިޒް ބާއްވާފައިވަނީ ހުޅުމާލޭ ބޭރުން ކަނޑުމަތީގައެވެ. ހުޅުމާލޭ ހުޅަނގުފަރާތު ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ފައިނަލް އެކްސަސައިޒް ބައްލަވާލެއްވުމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއާއި، ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރިއަރ އެޑްމިރަލް އެސްއެމް ޢަބްދުލް ކަލާމް އާޒާދުއާއި، ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާދަމް މަޒްނަވީ ޖައުފަރު ޞާދިޤު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ވީބީއެސްއެސް އިންޓަރނޭޝަނަލް ކޯސް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ސީނިއަރ އޮފިސަރުންނާއި، ޔޫއެންއޯޑީސީގެ އިސްބޭފުން ބައިވެރިވެލެއްވިއެވެ.