ޚަބަރު

ޕާކިސްތާނުގެ އަސްކަރިއްޔާގެ އެންމެ އިސް މަޤާމަށް ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ

ޕާކިސްތާނުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާގެ މަޤާމަށް އެ ޤައުމުގެ ޖާސޫސީ އިދާރާގެ ކުރީގެ އިސްވެރިޔާ ސަޢީދު އާސިމް މުނީރު ޢައްޔަން ކޮށްފިއެވެ. 220 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާނުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާގެ މަޤާމަކީ، އެ ޤައުމުގެ އެންމެ ބާރުގަދަ މަޤާމެވެ.

މި މަޤާމަށް ޢައްޔަން ކުރުމުގެ ކުރިން މުނީރު ފުރުއްވަމުން ގެންދެވީ އަސްކަރިއްޔާގެ ކުއާޓަރމާސްޓަރ ޖެނެރަލްގެ މަޤާމެވެ. އޭނާ އަސްކަރިއްޔާގެ އިސްވެރިޔާ މަޤާމަށް ޢައްޔަން ކޮށްފައި މި ވަނީ، އެ މަޤާމު ފުރުއްވަމުން ގެންދެވި ޖެނެރަލް ޤަމަރު ޖާވިދު ބަޖުވާ ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ. 2016ވަނަ އަހަރުން ފެށިގެން އެ މަޤާމު ފުރުއްވަމުން ގެންދަވާފައި ވަނީ ބަޖުވާއެވެ.

އަސްކަރިއްޔާގެ އެންމެ އިސް މަޤާމަށް މުނީރު ޢައްޔަން ކުރެވުމާ އެކު، އަސްކަރިއްޔާގެ ތެރޭގައި އުފެދިފައި އޮތް ނުތަނަވަސް ކަމެއް ހައްލުވެފައިވާ ކަމުގައި އެ ޤައުމުގެ ދިފާޢީ ވަޒީރު ޚަވާޖާ މުޙައްމަދު އާސިފު ވިދާޅުވިއެވެ. ޕާކިސްތާނަކީ ނިއުކްލިޔަރ ބާރެކެވެ. އަދި، އެ ޤައުމުގެ އަސްކަރިއްޔާއަކީ ހަވަނައަށް އެންމެ ބޮޑު އަސްކަރިއްޔާއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާގެ އެންމެ އިސް މަޤާމަކީ އެ ޤައުމުގެ އެންމެ ބާރުގަދަ މަޤާމު ކަމުގައި ޤަބޫލު ކުރެވެއެވެ. އެ ޤައުމުގެ އަސްކަރިއްޔާއިން ހިތްހަމަނުޖެހޭ ސަރުކާރަކަށް އެ ޤައުމުގައި ވެރިކަން ކުރުމުގެ ފުރުޞަތު ދީފައެއް ނުވެއެވެ. 1947ވަނަ އަހަރު އެ ޤައުމަށް މިނިވަން ލިބުނު ފަހުން ތިން ފަހަރެއްގެ މަތިން އަސްކަރިއްޔާއިން ވަނީ ބަޣާވާތްކޮށް ސަރުކާރު ވައްޓައިލާފައެވެ. އަދި، 30 ވަރަކަށް އަހަރު އަސްކަރިއްޔާއިން ވެސް ވަނީ އެ ޤައުމުގައި ވެރިކަން ކޮށްފައެވެ.

ޕާކިސްތާނުގެ އެންމެ ބޮޑު ދުޝްމަނަކީ އިންޑިޔާ ކަމުގައި އެ ޤައުމުން ދެކެއެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި ތިން ފަހަރެއްގެ މަތިން ވަނީ ހަނގުރާމަ ކޮށްފައެވެ. އެ ޤައުމުގެ އަސްކަރިއްޔާގެ އެންމެ މަތީ މަޤާމާ މުނީރު ހަވާލުވެފައި މި ވަނީ އެ ޤައުމުގެ ސިޔާސީ މަސްރަޙު ހޫނުވެ، ނުތަނަވަސް ކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނާއި އޭނާގެ ސަޕޯޓަރުން ސަރުކާރާ ދެކޮޅަށް މުޒާހަރާ ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އިމްރާން ޚާން ވެރިކަމުން ދުރުކޮށްފައި ވަނީ އޭޕްރިލް މަހުގެ ތެރޭގައި ނެގި އިތުބާރު ނެތް ކަމުގެ ވޯޓަކުންނެވެ. އޭނާއަށް ފަހު ވެރިކަމާ ހަވާލުވެ ވަޑައިގަތީ މިހާރުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފެވެ. އަސްކަރިއްޔާގެ އެންމެ އިސް ޖެނެރަލުގެ މަޤާމާ މުނީރު ހަވާލުވުމުގެ ކުރިން އޭނާ ވަނީ އެ ޤައުމުގެ ޖާސޫސީ އިދާރާ ކަމުގައިވާ އިންޓަރ-ސަރވިސަސް އިންޓެލިޖެންސް (އައި.އެސް.އައި)ގެ އިސްވެރިޔާގެ މަޤާމު ވެސް ފުރުއްވާފައެވެ.

އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ކުރިން ޕާކިސްތާނުގައި ޢާންމު އިންތިޚާބު ބާއްވަން ޖެހޭއިރު، އެ ކަން ކުރުމަށް މުނީރު ޝަރީފަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައި ޕާކިސްތާނުގެ މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އައި.އެސް.އައި.ގައި އޭނާ އަދާ ކުރަމުން ދިޔަ މަޤާމުން ވަކި ކޮށްފައި ވަނީ ޚާނާ ދެމެދު ޖެހުނު މައްސަލައެއްގައި ކަން ފާހަގަކޮށްލަން ޖެހެއެވެ.