ޚަބަރު

ޤައުމީ ޤުރުއާން މުބާރާތް މިއަހަރު ޤުރުއާން ފެސްޓިވަލަކާއެކު


އަންނަ މަހު ބާއްވާ 35 ވަނަ ޤައުމީ ޤުރުއާން މުބާރާތާއެކު ޤުރުއާން ފެސްޓިވަލްވެސް ބޭއްވުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރިއިން ވިދާޅުވެއްޖެއެވެ. މިއަހަރުގެ މުބާރާތުގެ ކިޔެވުން އަދި ފެސްޓިވަލްވެސް އޮންނާނީ ކިންގް ސަލްމާން މިސްކިތުގައެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ޤުރުއާނަށް ލޯބިޖައްސާ، ޤުރުއާނުގެ ޢިލްމަށް ޝަޢުގުވެރި މުޖުތަމަޢުއެއް ބިނާކުރުމަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި 1033 ބައިވެރިން ޤުރުއާން ހުށައަޅައިދޭނެއެވެ.

މީގެތެރޭގައި ސްކޫލްތައް، އަތޮޅުތަކުގެ ކައުންސިލްތައް، ކްލަބް ޖަމިއްޔާ ޖަމާތްތައް، ކުންފުނިތައް ޤުރުއާން ކްލާސްތައް، މުވައްސަސާތައް އަދި އަމިއްލަގޮތުން ބައިވެރިވާ ބައިވެރިންނާއި ޙާފިޡުން ޤުރުއާން ކިޔަވާނެއެވެ.

އެގޮތުން ބަލައިގެން ކިޔެވުމުގެ ގޮފީގައި 603 ބައިވެރިން، ނުބަލާ ކިޔެވުމުގެ ގޮފީގައި 416 ބައިވެރިން، އަދި 14 ޙާފިޡުންގެ ހުށައެޅުން އޮންނާނެއެވެ.

35 ވަނަ ޤައުމީ ޤުރުއާން މުބާރަތް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ރެއެވެ. އަދި މުބާރާތުގެ ކިޔެވުން އޮންނާނީ 23 ޑިސެމްބަރުން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށެވެ. ފުރަތަމަ 3 ދުވަހު އޮންނާނީ މާލެ ސަރަޙައްދުން މުބާރާތުގައި ބައިވެރިވާ ބައިވެރިންގެ ކިޔެވުމެވެ.

ޤުރުއާން މުބާރާތް މިފަހަރު ކުރިއަށްގެންދާނީ ކިންގް ސަލްމާން މިސްކިތުގައެވެ. އެގޮތުން މިސްކިތުގެ ދެ އޮޑިޓޯރިއަމްގައި، އެކި ގޮފިތަކުގެ ކިޔެވުން އެކުއެކީގައި ކުރިއަށްދާނެއެވެ.

މިއަހަރު މުޅިން އަލަށް "މަހުރަޖާނުލް ޤުރްއާން"ގެ ނަމުގައި ޤުރުއާން ފެސްޓިވަލްއެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމަވާފައެވެ. ސަލްމާން މިސްކިތުގެ ގޯތިތެތޭގައި ބާއްވާ މި ފެސްޓިވަލް، ޤުރުއާން މުބާރާތް ބާއްވާ މުއްދަތުގެ ކޮންމެ ދުވަހަކުވެސް އޮންނާނެއެވެ. ހަވީރު އަދި ރޭގަނޑު ބާއްވާ މި ފެސްޓިވަލްގައި 10 ސްޓޯލް ހުންނާނެއެވެ.

މި ސްޓޯލްތަކުގައި ދީނީ އަދަބީ ފޮތް ވިދަކުމާއި، ދީނީ މަޢުލޫމާތާ ޤުރުއާނުގެ ޢިލްމު އޮޅުންފިލުވަދޭނެއެވެ. އަދި މުޞްޙަފު ފޯރުކޮށްދިނުމާ، ޤުރުއާނުގެ ތާރީޚްތަކާބެހޭ މަޢުލޫމާތު ދިނެއެވެ. މީގެއިތުރުން ޤުރްއާނާ މަދަހަ ކިއުމުގެ ހުނަރު ދައްކާލުމާ، މުބާރާތަށް ޚާއްސަކޮށްގެއް ތައްޔާރުކޮށްފައިވާ ޓީޝާޓު ވިއްކުންވެސް ކުރިއަށްދާނެއެވެ.

މިއީ މިހާ ބޮޑުކޮށް ޤައުމީ ޤުރުއާން މުބާރާތުގެ ކިޔެވުން ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ. މުބާރާތުގެ ހުރިހާ ކިޔެވުންތައްވެސް ކުރިއަށްދާނީ ސަލްމާން މިސްކިތުގައެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގައިކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ.