ޚަބަރު

އަންހެނުންނަށް ލިބޭ އަނިޔާ ހުއްޓުވުމަށް ބޭނުންވަނީ ފަސްނުޖެހި އެކަމާ ކުރިމަތިލުން


ގެވެށި އަނިޔާއާއި، އަންހެނުންނަށް ލިބޭ އަނިޔާގެ ވާހަކަތަކަށް އަބަދުވެސް ލިބެމުން އައި ޖަވާބަކީ އެއީ އާއިލީ މައްސަލަތައްކަމަށެވެ. އެއީ އެހެންމީހުން، ނޫނީ ސަރުކާރުންވެސް ވަންނަން ޖެހޭ ކަމެއް ނޫންކަމަށެވެ.

ނަތީޖާއަކަށްވަނީ، މުޅި އުމުރު އަނިޔާއާއި ހިތާމައާއި ބިރުވެރިކަމުގައި ދަރިން ގޮވައިގެން އުޅެން މަޖުބޫރުވުމެވެ. އެކަމުން ނިކުމެ އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވި ނަމަވެސް، މުޖުތަމަަޢު އެކަމާމެދު ދެކޭނެ ގޮތާމެދު ވިސްނާ އެކަމަށް އިސްނަގަން ނުކެރުމެވެ.

އަނިޔާއަކީ ހަމައެކަނި ޖިސްމާނީ ގޮތުން ލިބޭ އަނިޔާއެއް ނޫނެވެ. ނަފްސާނީގޮތުން ދެވޭ އަނިޔާއަކީވެސް ބޮޑު އަނިޔާއެކެވެ.

ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް އެކަނިވެސް ގެވެށި އަނިޔާގެ 659 މައްސަލަ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ރިޕޯޓްކޮށްފައިވެއެވެ. މީގެތެރެއިން އަނިޔާ ލިބިގެން ރިޕޯޓްކުރި 504 މީހުންނަކީ އަންހެނުންނެވެ. ގެވެށި އަނިޔާގެ އެންމެ ގިނަ މައްސަލަ ރިޕޯޓްކުރަނީ މާލެ ސަރަޙައްދުންނެވެ.

އަނިޔާ ލިބުނު އަންހެނުންގެ ތެރެއިން، 130 މައްސަލައަކީ 18 އަހަރުން ދަށުގެ އަންހެން ކުދިންނަށް ލިބުނު އެކި ކަހަލަ އަނިޔާގެ މައްސަލައެވެ. މިއީ ކަންބޮޑުވާންޖެހޭ ކަމެކެވެ. އަންހެނުންނަށް ކުރާ އަނިޔާގެ ތެރޭގައި އެންމެ ގިނައީ ޖިސްމާނީ އަނިޔާއާއި، ޖިންސީ އަނިޔާ އާއި ބިރުދެއްކުމުގެ މައްސަލަތަކެވެ.

ޖިންސީ އަނިޔާގެ މައްސަލައަކީ ވަރަށް ބޮޑަށް ވަކާލާތުކުރެވޭ މައްސަލައެވެ. މިއަހަރު އެކަނިވެސް 75 އަންހެނަކަށް ޖިންސީ އަނިޔާ ލިބިގެން ރިޕޯޓްކޮށްފައިވެއެވެ.

ތަފާސްހިސާބުތަކުން ފެންނަ އެންމެ ހިތާމަވެރި މަންޒަރަކީ، މިފަދަ އަނިޔާއަކީ، އެމީހުން ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޒިންމާ އެޅިފައިވާ އެމީހުންގެ އަމިއްލަ އާއިލާއާއި ގާތް މީހުންގެ ފަރާތުން ކުރިމަތިވާ އަނިޔާތަކަށްވުމެވެ. އޭގެ ތެރޭގައި އަނބިމީހާ ނުވަތަ ފިރިމީހާ، މައިންބަފައިން، އެއްގެއެއްގައި އެކުގައި ދިރިއުޅޭ މީހުން އަދި ނަސަބުގެ ގޮތުން ގާތް މީހުންގެ ފަރާތުންލިބޭ އަނިޔާ ހިމެނެއެވެ.

މިފަދަ މައްސަލަތައް ހުޓުވުމަށް ކުރެވޭނެ އެންމެ މުހިންމުކަމަކީ އަނިޔާ ލިބޭ ހިނދު ފަސްނުޖެހި އެކަންކަން ރިޕޯޓްކުރުމެވެ. ފުލުހުންނާއި ޖެންޑަރ މިނިސްޓްރީ އާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށްވެސް މައްސަލަ ހުށައެޅޭނެއެވެ. މިކަމަށް ހޭލުންތެރި ކުރުމުގެ ގޮތުން ގިނަ ކެމްޕެއިންތައް އަންނަނީ ހިންގަމުންނެވެ.

ގެވެށި އަނިޔާއަށް ހޭލުންތެރިކުރުމަށް ކުރާ މަސައްކަތުގެ ހެޔޮ ނަތީޖާވެސް މުޖުތަމަޢުން އަންނަނީ ފެންނަމުންނެވެ. އެގޮތުން މައްސަލަ ރިޕޯޓްކުރާ އަދަދު އިތުރުވުމުން ދައްކުވައިދެނީ މިފަދަ މައްސަލަ ރިޕޯޓްކުރަން މީހުން މިހާރު ފަސްޖެހޭ މިންވަރު ކުޑަކަމެވެ.

އަންހެނުންނަށް ލިބޭ އަނިޔާއާއި ގުޅޭ ސަރވޭއެއް އެންމެ ފަހުން ރާއްޖޭގައި ކޮށްފައިވަނީ 2007 ވަނަ އަހަރުއެވެ. އެ ސަރވޭއިން ދެއްކިގޮތުން 15 އަރާއި 40 އަހަރާ ދެމެދުގެ އުމުރުފުރާގެ ކޮންމެ 3އަންހެނަކުން އެކަކަށް، އުމުރުގެ ކޮންމެވެސް ހިސާބެއްގައި އަނިޔާ ލިބިފައިވެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ޕްރޮޓެކްޝަން އައިޝަތު މުޙައްމަދު ދީދީ ވިދާޅުވީ ރާއްޖޭގައި މިފަދަ އަނިޔާ ލިބޭ މީހުންގެ ސީދާ އަދަދު ދެނެގަނެވިފައި ނުވާކަމަށެވެ. ނަމަވެސް 2007 ވަނަ އަހަރު ކުރިއަށްގެންދިޔަ ފަދަ ސަރވޭއެއް، ކުރުމަށް ފެމިލީ ޕްރޮޓެކްޝަން އެޖެންސީން ތައްޔާރުވަމުންދާކަމަށެވެ.

"މި ދަޢުރު ނިމުމުގެ ކުރިން ބުނަން އިނގޭނެ، އަނިޔާލިބެމުންދާ ކިތައް އަންހެނުން މުޖުތަމަޢުގައި ތިބިކަން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަދަދުތަކުން ގެވެށި އަނިޔާގެ މައްސަލަ އިތުރުވާތަން ފެނުމުގެ އެންމެ ބޮޑު ސަބަބަކީ، އެކަމާމެދު އަޑުފުލާ ރިޕޯޓްކުރުމަށް މީހުން ފަސްނުޖެހުންކަމަށެވެ. މިއީވެސް ހެޔޮބަދަލެއް ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިދިޔަ މަހު ރަށެއްގައި އަންހެނަކާ 3ކުދިން ގެއިން ނެރެލީ. މިއަދު އެބަހުރި އެމީހުން ގެނެސް ބޭތިއްބޭނެ ތަންތަން. އެމީހުން ދޫކޮށް ނުލާނެކަން، އަޅާލާނެކަން އެބަ އިނގޭ. މިއީ ވަރަށް ބޮޑު ކުރިއެރުމެއް" މިނިސްޓަރ ވިދާޅުވިއެވެ.

ގެވެށި އަނިޔާގެ މައްސަލައަކީ، މުޅި މުޖުތަމަޢުގެ އެއްބާރުލުމާއެކު އެތައް ގުނައެއް ކުޑަކުރެވޭނެ ކަމެކެވެ. މީހަކަށް އަނިޔާއެއް ލިބޭކަން އެނގި ހުރެ އެކަން ސިއްރުކުރުން، ނުވަތަ އަޅާނުލާ ދޫކޮށްލުމަކީވެސް އަނިޔާ ދިނުމުގައި ބައިވެރިވުމެވެ. އެހެންކަމުން ގެވެށި އަނިޔާ ހުއްޓުވުމުގައި، އަނިޔާ ލިބޭ މީހާއާއި އެއްގޮތަށް މުޖުތަމަޢުގެ ޒިންމާވެސް ބޮޑެވެ.