ކުޅިވަރު

ކެމަރޫން ބަލިކޮށް ސްވިޓްޒަލަންޑުން ފެށުން ރަނގަޅުކޮށްފި


ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޖީގެ ފުރަތަމަ މެޗުގައި ކެމަރޫން އަތުން ސްވިޓްޒަލަންޑް މޮޅުވެއްޖެއެވެ.

މި މެޗު ސްވިޓްޒަލަންޑުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ކެމަރޫންއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއްލިބި ބޭކާރުވެފައެވެ. އެގޮތުން ބްރަޔަން އެމްބުއެލޯ ފޮނުވާލި ހަމަލާ ސްވިޓްޒަލެންޑްގެ ކީޕަރު އިޔާން ސޮމާ ވަނީ ދިފައުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ސްވިޓްޒަލަންޑުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ބްރީލް އެމްބޯލޯއެވެ. އެމްބޯލޯއަކީ ކެމަރޫންއަށް އުފަން ކުޅުންތެރިއެކެވެ. އަދި އިހުތިރާމް އަދާކުރުމުގެ ގޮތުން ލަނޑަށްފަހު އެމްބޯލޯ އުފާފާޅުކޮށްފައެއް ނުވެއެވެ.

މި ހާފުގައި ލީޑު ފުޅާކުރަންވެސް ސްވިޓްޒަލަންޑަށް ވަނީ ފުރުސަތުތަކެއްލިބި ބޭކާރުވެފައެވެ.

ސްވިޓްޒަލަންޑާއި ކެމަރޫންގެ އިތުރުން މި ގްރޫޕުގައި ދެން ހިމެނޭ ޓީމުތަކަކީ ސާބިއާ އާއި ބްރެޒިލްއެވެ.