ޚަބަރު

ވިރަ ސެންޓަރު - އާސަންދަ އަދި އެންސްޕާގެ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށަށް


ބޭސްފަރުވާއާއި ގުޅުންހުރި ކަންކަމުގައި އެހީ ހޯދާ އުސޫލަށް ބަދަލުތަކެއް ގެނެސް، އެއްތަނަކުން ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

"ވިރަ"ގެ ނަމުގައި ހުޅުވި މި ސެންޓަރުން އާސަންދައާއި އެންސްޕަރއިން ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތެއް އެއްތަނަކުން ލިބޭނެ އިންތިޒާމު މިއަދުވަނީ ހަމަޖައްސާފައެވެ.

މިސެންޓަރ ހުޅުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިސެންޓަރު ހުޅުވާދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާޢީލްއާއި މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢައިޝަތު މުޙައްމަދު ދީދީއެވެ.

ބޭސް ފަރުވާއަށް އެދި ދައުލަތުގެ އިދާރާތަކުން އެހީއަށް އެދޭ އުސޫލަށް ގެނައި ބަދަލާއެކު އާސަންދައާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އެންސްޕާއިން ފޯރުކޮށްދޭ ޚިދުމަތް އެއްފުރާޅެއްގެ ދަށުން ލިބޭނެ އިންތިޒާމާއެކު ޢާއްމުންނަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް އާސަންދައިން ވިދާޅުވެއެވެ.

އާސަންދައާއި އެންސްޕާ ގުޅިގެން މިޚިދުމަތް އެއްތަނަކުން ލިބޭނެ އިންތިޒާމު ފެން ބިލްޑިންގެ ނިކަގަސްމަގަށްވާ ފަޅީގައި ޤާއިމުކޮށްފައިވާ 'ވިރަ' ސެންޓަރުގެ އިތުރުން އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައިވެސް ޚާއްސަ ކައުންޓަރުތަކުން މިޚިދުމަތައް ލިބެން ހުންނާނެކަމަށް އާސަންދައިން ވިދާޅުވެއެވެ. މީގެއިތުރުން އާސަންދަ އަދި އެންސްޕަރގެ ޚިދުމަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުވުމަށް 1400 ނަންބަރު މެދުވެރިކޮށް ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އާސަންދަ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރަޝީދު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އޭޑީކޭގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލުގައިވެސް މިޚިދުމަތް ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މަސައްކަތްކުރަމުންދަނީ ރާއްޖޭގެ ހުރިހާ ޓަރޝަރީ ހޮސްޕިޓަލްތަކުންވެސް އެންސްޕަރ އަދި އާސަންދަ ޚިދުމަތް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

"މި ސެންޓަރުތަކުން ޚިދުމަތް ލިބެން ހުންނާނެ 24 ގަޑިއިރު. ކުރިން ވަކިން ފޯމު ހުށައަޅައިގެން އުފުލި ބުރަ މިހާރު ނިމުމަކަށް މިއައީ. މިހާރު ހުރިހާ އެހީއަކަށް އެދިވެސް ހުށައަޅަންޖެހޭނީ އެންމެ ފޯމެއް." ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

ބޭސްފަރުވާގެ ކަންކަމާއި ގުޅިގެން ދައުލަތުން އެހީއަށް އެދޭ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅޭ ހުރިހާ މަޢުލޫމާތެއް "ވިރަ" ސެންޓަރުން ލިބެން ހުންނާނެކަމަށް އަސަންދައިން ވިދާޅުވެއެވެ. ޚިދުމަތްތައް ހޯދުމަށް އެދޭނެގޮތާއި އޭގެފަހުން ކަންކުރަންވީގޮތުގެ އިރުޝާދުވެސް މިސެންޓަރުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

"ވިރަ" ކައުންޓަރުތަކުން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 ޖެހުމާއި ހަމައަށް ޚިދުމަތް ލިބޭނެކަމަށް އާސަންދައިން ވިދާޅުވެއެވެ.

"ވިރަ" ކައުންޓަރުތަކުން މީގެ ކުރިން އާސަންދަ ކުންފުނިން ފޯރުކޮށްދެމުންދިޔަ އާސަންދައާއި މެރަނަ ސްކީމްގެ ޚިދުމަތްތަކާއި އެންސްޕަރގެ ވެލްފެއަރ ޚިދުމަތްތައް އެއްތަނަކުން ލިބޭނެ ގޮތް މިވަނީ ހަމަޖެހިގެންގޮސްފައެވެ.