ޚަބަރު

ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތަށް 32.9 މިލިއަން ރުފިޔާގެ އެހީ


ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތްތަކަށް 2 މިލިއަން ޔޫރޯ ނުވަތަ 32.9 މިލިއަން ރުފިޔާގެ އެހީ ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ދިނުމަށް ނިންމައިފިއެވެ.

ދެ މިލިއަން ޔޫރޯގެ މި އެހީ ރާއްޖެއަށް ދިނުމަށް ނިންމާފައިވަނީ، ރާއްޖެ-އީޔޫގެ ހަވަނަ އަހަރީ ޕޮލިސީ ޑައިލޮގްގައި ކުރެއްވި މަޝްވަރާތަކުގައެވެ. ދެދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ ރާއްޖެ-އީޔޫގެ ހަވަނަ އަހަރީ ޕޮލިސީ ޑައިލޮގް މިހާރު ވަނީ ނިންމާލާފައެވެ.


ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާއި ދެމެދު ބޭއްވެވި މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަތީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ. އަދި ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީއެވެ.

މި މަޝްވަރާތަކުގައި ރާއްޖެއާއި އީޔޫއިން ވަނީ ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ހަރުކަށި ފިކުރު ހުއްޓުވުމުގެ ޤައުމީ އެކްޝަން ޕްލޭން ތަންފީޒުކުރުމުގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، ސްޓްރެޓެޖީތައް އެކުލަވާލުމާއި، އިންޓެލިޖެންސް އެޖެންސީތަކުގެ ޤާބިލުކަން އިތުރުކުރުން ފަދަ ސަލާމަތީ ނުރައްކާތަކާއި، އިސްކަންދޭ ދާއިރާތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމުގައި ރާއްޖެއިން ވަނީ އީޔޫގެ ކްރިމަރިއޯ-އައިއޯރިސް ޕްރޮގްރާމް ފަދަ ހަރަކާތްތަކުގެ ތެރެއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

އީޔޫއިން ވަނީ ޓެރަރިޒަމާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ޖިނާއީ ޢަދުލުއިންޞާފާއި، ޤާނޫނު ތަންފީޛުކުރުމާއި، ކަނޑުމަތީގެ ސަލާމަތާއި، ޖަލުތައް ބެލެހެއްޓުމަށް 2 މިލިއަން ޔޫރޯ ނުވަތަ 32.9 މިލިއަން ރުފިޔާގެ އެހީ ދިނުމަށް މި މަޝްވަރާތަކުގައި އީޔޫއިން ވަނީ ނިންމަވާފައެވެ. މި މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން ވަނީ ޔޫރަޕުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވަމުންދާކަން ފާހަގަކުރައްވާ، ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ރާއްޖެއިން ކަށަވަރުކޮށްދެއްނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.


މި މަޝްވަރާތަކުގައި ވަނީ، ޑިމޮކްރަސީއާއި، ހިންގުމުގެ ދާއިރާއާއި، އަދުލު އިންސާފުގެ ދާއިރާ ހަރުދަނާކުރުމާއި، ސަލާމަތީ ދާއިރާއާއި، ވިޔަފާރީގެ ދާއިރާއާއި، ފަތުރުވެރިކަމާއި، އިންވެސްޓްމަންޓާއި، މާލީ ދާއިރާއާއި، އިޤްތިޞާދީ އެއްބާރުލުމާއި، ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖެއާއި އީޔޫގެ މެންބަރު ޤައުމުތަކުގެ މެދުގައި ގުޅުން އިތުރަށް ބަދަހިވަމުންދާކަން ފާހަގަކޮށް،، މިއަހަރުގެ އޮކްޓޫބަރު މަހު ބޭއްވި ތިންވަނަ ރާއްޖެ-އީޔޫގެ ސީނިއަރ އޮފިޝަލުންގެ ބައްދަލުވުމުގެ ކާމިޔާބު މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މީގެ އިތުރުން، ޑިމޮކްރަސީ ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމުކުރުމުގައި ރާއްޖެއިން ހޯދާފައިވާ މުހިންމު ކުރިއެރުންތަކަށް އީޔޫއިން ވަނީ ތަޢުރީފްކޮށްފައެވެ. އަދި އަދުލު އިންސާފުގެ ދާއިރާ ހަރުދަނާ ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އަބަދުވެސް އީޔޫ މެންބަރު ޤައުމުތަކުން އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަންވެސް އީޔޫއިން ވަނީ ދީފައެވެ.

މި މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން ވަނީ މޫސުމީ ބަދަލުތަކާއި، ތިމާވެށި ހިމާޔަތްކުރުމަށް އީޔޫ މެމްބަރު ގައުމުތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިދާއިރާއިން މާލީ އެހީ އިތުރުކުރުމަށް އީޔޫއިން ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ވަނީ ތަޢުރީފްކުރައްވާފައެވެ.



އީޔޫއިން ވަނީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަނެ އިގްތިސާދީ ގޮތުން ރާއްޖެ ހޯދަމުން އަންނަ ކުރިއެރުންތަކަށްވެސް ތައުރީފުކުރައްވާފައެވެ. މީގެ އިތުރުން ޔޫރަޕްގެ ވިޔަފާރިތަކަށް ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެވަނަ ރާއްޖެ - އީޔޫ ބިޒްނަސް ރައުންޑްޓޭބަލް ފަދަ ހަރަކާތްތަކުގެ ތެރެއިން އީޔޫގެ މެމްބަރު ޤައުމުތަކާއެކު ވިޔަފާރީގެ ގުޅުންތައް ކުރިއަރުވައި އިތުރަށް ބަދަހިކުރުމުގެ ޝައުޤުވެރިކަން ރާއްޖެއިން ވަނީ ފާޅުކުރައްވާފައެވެ.

އަދި ޔޫރަޕްގެ ޤައުމުތަކަށް ރާއްޖެއިން މަސް އެކްސްޕޯޓްކުރުމުގައި ނަގާ ޑިއުޓީ މަޢާފްކޮށްދިނުމަށްވެސް ރާއްޖެއިން ވަނީ ޝަޢުގުވެރިކަން ފާޅުކުރައްވާފައެވެ.


މި މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ވަފްދުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ އިތުރުން ގިނަ ވަޒީރުން ހިމެނިވަޑައިގަންނަވާ ވަފްދެއް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އީޔޫގެ ފަރާތުންވެސް ވަނީ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވާފައެވެ.