ޚަބަރު

ތޮއްޑޫއާއި ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ބީލަމަށް


އއ. ތޮއްޑޫއާއި، ފ. ފީއަލީ ޞިއްޙީ މަރުކަޒު އިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް ބިޑް ހުށަހެޅުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މި ދެ ރަށުގެ ޞިއްޙީ މަރުކަޒުގެ ބީލަން ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދާއި، ނޭޝަނަލް ޓެންޑަރުން ކުރިއަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑްކުރެވޭނެ އަދަދު ކަނޑައަޅާނެގޮތުގެ އުޞޫލުގެ އިތުރުން މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑިވެލޮޕްމަންޓުގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއާއި އެއްގޮތަށްކަމަށެވެ.

މި ދެ ޕްރޮޖެކްޓުގެ ތެރެއިން އއ. ތޮއްޑޫ ޞިއްޙީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 470،000 ރުފިޔާ ދައްކަންޖެހޭނެއެވެ. އަދި ފ. ފީއަލީ ޞިއްޙީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތަށް 120،000 ރުފިޔާ ބިޑް ސެކިއުރިޓީގެ ގޮތުގައި ދައްކަންޖެހޭނެއެވެ.

މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންކަން ކުރިއަށްގެންދާނީ ނޭޝެނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުގެ މަތިންކަމަށާއި، ކޮންމެ ބީލަމެއްގައި 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. މި ދެ މަޝްރޫޢަށް ބީލަން ހުށަހެޅުމަށް އެ މިނިސްޓްރީން ހުޅުވާލާފައިވަނީ އަންނަ ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށްޓަކާ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހެލްތު މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 4 އަހަރުގެ ތެރޭގައި ޞިއްޙީ ދާއިރާގައި ހިމެނޭ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން 21 މަޝްރޫޢެއް ވަނީ ނިމިފައެވެ. މީގެ ތެރޭގައި ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގެ ޖާގަ އިތުރުކުރުމަށް ހިންގުނު މަޝްރޫޢުތައް ހިމެނެއެވެ. އަދި މިވަގުތުވެސް 32 މަޝްރޫޢެއްގެ މަސައްކަތް ކުރަމުންދާއިރު، ޓެންޑަރ މަރުހަލާގައި 25 މަޝްރޫޢެއް ހިމެނޭކަމަށް ހެލްތު މިނިސްޓްރީ ވިދާޅުވެއެވެ.

ޞިއްޙީ ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ކުރާ މަސައްކަތުގެ ދަށުން އަންނަ އަހަރުގެ ބަޖެޓުގައިވެސް އެކި ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުގެ އައު އިމާރާތް އެޅުމަށް 551 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.