ކުޅިވަރު

ޖަޕާނުން ވަރުގަދަ ޖަރުމަން ބަލިކޮށްފި


ގަތަރު ވޯލްޑް ކަޕް 2022 ގައި ވަރުގަދަ ޖަރުމަން ބަލިކޮށް ޖަޕާނުން ތާރީޚީ މޮޅެއް ހޯދައިފިއެވެ.

ބުދަ ދުވަހު ހަވީރު ކުޅުނު މި މެޗު ޖަޕާނުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މުޅި މެޗު ކަހަލަ ގޮތަކަށް ޖަރުމަނުން ކޮންޓްރޯލްކުރި މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ޖަރުމަންއެވެ. މެޗުގެ 32 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މިޑްފިލްޑަރު އިލްކާއި ގުންޑޮގާންއެވެ. މިއީ ޖަޕާނުގެ އޭރިއާގެ ތެރެއިން ޖަރުމަން ކުޅުންތެރިއަކަށް ކުރި ފައުލަކާއި ގުޅިގެން ރެގްރީ ދިން ޕެނަލްޓީއަކުން ގުންޑޮގާން ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ޖަރުމަންއިން ވަނީ ޖަޕާނުގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެކަމަކު މި ހަމަލާތައް ހުއްޓުވުމުގައި ޖަޕާނުގެ ކީޕަރު ޝުއިޗީ ގޯންޑާ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

މި މެޗުގެ 74 ވަނަ މިނެޓުގައި ޖަޕާނުން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ރިޓްސޫ ޑޯންއެވެ. މި ލަނޑަށްފަހުވެސް ޖަރުމަނުން ވަނީ ޖަޕާނުގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެކަމަކު ޖަޕާނުން ވަނީ ލިބުނު ކައުންޓާ އެއްގެ ފުރުސަތުގެ ބޭނުން ހިފާ މެޗުގެ 83 ވަނަ މިނެޓުގައި ލަނޑު ޖަހާ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓަކުމާ އަސްނޯއެވެ.

މި މުބާރާތުގެ ދެވަނަ މެޗުގައި ޖަރުނަމުން މި މަހުގެ 28 ވަނަ ދުވަހު ނުކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ. އަދި ޖަޕާނުން މި މަހުގެ 27 ވަނަ ދުވަހު ނުކުންނާނީ ކޮސްޓަ ރީކާއާ ދެކޮޅަށެވެ.