ޚަބަރު

އެންމެ ގިނައިން ރާއްޖެ އެތެރެކުރަން މަސައްކަތްކުރީ ކޮކެއިން


މިދިޔަ ތިން އަހަރު ތެރޭގައި އެންމެ ގިނައިން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކޮށްފައި ހުރީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިން ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ ތިން އަހަރު ދުވަހުގެ ތަފާސްހިސާބުތައް ކަސްޓަމްސްއިން އާންމުކޮށްފައިވާއިރު 2019 އިން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކަސްޓަމްސްއިން ވަނީ ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 216.21 ކިލޯގެ މަސްތުވާތަކެތި ހިފަހައްޓާފައެވެ. އެގޮތުން އަތުލަައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު ޖުމްލަ 489 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެ ތެރެއިން އެންމެ ގިނައިން މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކޮށްފައިވަނީ މިއަހަރުއެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އެކަނި ވެސް 117 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކޮށްފައިވެއެވެ. މީގެ އިތުރަށް 2021 ވަނަ އަހަރު 50.26 ކިލޯ އަދި 2019 ވަނަ އަހަރު 37 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވާއިރު އެންމެ މަދުން މަސްތުވާތަކެތި އަތުލައިގަތީ 2020 ވަނަ އަހަރުއެވެ. އެއީ 10 ކިލޯއެވެ.

ޖުމްލަ 216 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން މިތިން އަހަރު ތެރޭގައި އަތުލައިގެންފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައިން ހިމެނެނީ ކޮކެއިންއެވެ. އެއީ 80 ކިލޯއެވެ. މީގެ އިތުރުން ހަޝިޝް އޮއިލްގެ 27.41 ކިލޯ އަތުލައިގަތް އިރު، ކެނަބިސް 37 ގްރާމް، މެތަފެޓަމިން 1.83 ކިލޯ، އެލްއެސްޑީ 110 ސްޓިކަރ އަދި ހެރޮއިން 62.97 ގްރާމްގެ އިތުރަށް އެމްޑީއެމްއޭ: 5.95 ކިލޯވެސް އަތުލައިގެންފައިވެއެވެ.

މީގެ އިތުރުންވެސް އާންމު ނޫން ބައެއް ބާވަތުގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު އޭގެ ތެރޭގައި އޯޕިއަމް ޕޮޕީ، އެމްފެޓަމިން، މެފެޑްރޯން، މެތޯފަން، ކެޓަމިން އަދި މެތުކެތިނޯން ހިމެނެއެވެ. ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް މަސްތުވާތަކެއްޗަށް ބަލާއިރު މީގެ ތެރޭގައި ގިނައީ މަސްތުވާތަކެތީގެ ކެޓަގަރީތަކުގެ ތެރެއިން ސްޓިމިއުލަންޓް ކެޓަގަރީގެ ތަކެއްޗެވެ.


މި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން މަސައްކަތްކޮށްފައިވާ އެތެރެކުރަން އުޅުނު ގޮތަށް ބަލާއިރު އެންމެ ގިނައިން އަތުލައިގެންފައި ވަނީ ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން މަސައްކަތްކޮށްފައިވާ މަސްތުވާތަކެއްޗެވެ. އެއީ 70 މައްސަލައެވެ. ވައިގެ މަގުން ފަސިންޖަރުންގެ ލަގެޖާއި އެކު އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ 57 މައްސަލައެއް ފެންމަތިވި އިރު، ކަނޑުމަގުން ކާގޯކޮށް އަދި ވައިގެމަގުން ކާގޯކޮށްގެން ވެސް މަތުވާތަކެތި އެތެރެކުރަން މަސައްކަތްކޮށްފައިވެއެވެ.

ކަސްޓަމްސްއިން ބުނިގޮތުގައި މި މައްސަލަތަކުގައި އެންމެ ގިނައިން ހިފަހައްޓާފައިވަނީ ދިވެހިންނެވެ، އެއީ 25 ދިވެހިންނެވެ، އަދި ޕާކިސްތާނަށް ނިސްބަތްވާ 13 މީހުންނާއި ބްރެޒިލްއަށް ނިސްބަތްވާ 10 މީހަކާއި، އިންޑިއާ ގެ5 މީހަކު ވެސް ހައްޔަރުކޮށްފައިވާކަން ކަސްޓަމްސްއިން ފާހަގަކޮށްފައިވެއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ފުލުހުންނާއި ކަމާބެހޭ އިދާރާތައް ގުޅިގެން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން ފާއިތުވި ހަތަރު ވަރަކަށް އަހަރު ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި މީހުން ހައްޔަރުކުރާ ނިސްބަތް އިތުރުވުމާއި، އެތަކެތި އަތުލައިގަނެވޭ މިންވަރު އިތުރުވާކަން ފާހަގަވާއިރު ފުލުހުން ވިދާޅުވާގޮތުގައި އެ އަދަދުތައް އިތުރުވުމަކީ ފުލުހުންނާއި އިދާރާތަކުގެ މަސައްކަތް ކާމިޔާބުވާ ކަމުގެ ހެއްކެކެވެ.