ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލްގައި ހުޅުގެ އޮޕަރޭޝަން ކޭމްޕެއް


ކުޅުދުއްފުށީ ހޮސްޕިޓަލްގައި، ހުޅުގެ އޮޕަރޭޝަންކުރުމުގެ ކޭމްޕެއް ފަށައިފިއެވެ.

3 ދުވަހަށް ކުރިއަށްގެންދާ މި ކޭމްޕްގައި ކުރަނީ އަރތްރޮސްކޮޕީ ސަރޖަރީތަކެވެ. އެއީ ކެމެރާގެ ޒަރިއްޔާއިން ބަލައިގެން ކުރާ ހުޅުގެ އޮޕަރޭޝަނެކެވެ.

މި ކޭމްޕްގައި ކުރިއަށްގެންދަނީ އައިޖީއެމް ހޮސްޕިޓަލްއާ ކުޅުދުއްފުށި ހޮސްޕިޓަލް ގުޅިގެންނެވެ.

މި އޮޕަރޭޝަންތަކަކީ މިމަހުގެ ކުރީކޮޅު އެ ހޮސްޕިޓަލްގައި ކުރިއަށްގެންދިޔަ ލެޕްރޮސްކޮޕީ ސަރޖަރީއާއި އެއްގޮތަށް، ކީހޯލް ސާރޖަރީ ނުވަތަ ކެމެރާގެ ޒަރީއާއިން ބަލައިގެން ކުދި ކެފުންތަކަކާއި އެކު ކުރެވޭ އޮޕަރޭޝަނެކެވެ. އާއްމުކޮށް މި ސަރޖަރީ ކުރަނީ ކަކުލު ހުޅުގެ މައްސަލަތަކުގައެވެ. ނަމަވެސް ހަށިގަނޑުގެ އެހެން ހުޅުތަކުގެ އޮޕަރޭޝަންވެސް މީގެތެރޭގައި ހިމެނެއެވެ.

މިގޮތުން ކުޅިވަރު ކުޅުމުގައި ހުޅުތަކަށް ލިބިފައި ހުންނަ އަނިޔާތައް (ސްޕޯރޓްސް އިންޖަރީސްތައް)، އާރތުރޮސްކޯޕިކް ސާރޖަރީ މެދުވެރިކޮށް ރަނގަޅު ކުރެވި، ކަސްރަތުގެ އެހީގައި އަލުން ކުޅިވަރުގެ މައިދާނަށް ނުކުތުމަށް އެހީތެރި ވެދެއެވެ.

ސަރޖަރީއަށްފަހު ބޭނުންވާ ފަރުވާއާއި، އަދި 3މަސް ދުވަހުގެ ފިޒިއޮތެރަޕީގެ ފަރުވާވެސް މީގެތެރޭގައި ހިމެނެއެވެ.

މި ކޭމްޕްގައި 3 ދުވަހުގެ ތެރޭގައި 9 މީހުންގެ އަރތްރޮސްކޮޕީ ސަރޖަރީ ހަދާނެއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން މަޢުލޫމާތު ދިން ގޮތުގައި، މި ފުރުޞަތު ހުޅުވާލި ދުވަހުވެސް 56 މީހުން އޮޕަރޭޝަން ކުރުމަށް ނަންނޯޓުކުރިއެވެ. މިފަހަރުގެ ކޭމްޕްގައި 9 މީހުންނަށް ފުރުޞަތު ދިން ނަމަވެސް، ގިނަ ބަޔަކު މިކަމަށް އެދެމުންދާތީ މީގެ އިތުރު ކޭމްޕްތައް އަވަސް މުސްތަޤުބަލެއްގައި ކުރިއަށްގެންދާނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ސިއްޙީ ޚިދުމަތަށް މާލެއަށް ބަރޯސާވާންޖެހޭ ޖެހުން ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެންމެ ބޮޑެތި ކުރިއެރުންތައް ހޯދަމުންދާ އެއް ހޮސްޕިޓަލްއަކީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްއެވެ.

މިގޮތުން އެ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުންގެ އަދަދު އިތުރުކޮށް، އެމް.އާރު.އައި އަދި ތެރަޕިއުޓިކް ފަދަ ރައްޔިތުން ބޭނުންވެފައިވާ ޚިދުމަތްތައް ވަނީ ފަށާފައެވެ. އަދި ކަށީގެ އޮޕަރޭޝަންތައް ކުރުމަށް ބޭނުންވާ މެޝިނަރީއާއި އާލާތްތައް އިތުރުކޮށް، ހޮސްޕިޓަލުގައި ކުރާ ކަށީގެ އަދި ޓްރޯމާ އޮޕަރޭޝަންތައް އިތުރުވެގެން ދިއުމަކީ، މިފަދަ ޚިދުމަތްތައް ހޯދުމަށް މާލެ ދާންޖެހޭ ފަރާތްތަކަށް މާލީ ގޮތުން ލިބޭ ބޮޑު ލުޔެކެވެ. އަދި އާއިލާގެ ގިނަ ބަޔަކު ކައިރީގައި ތިބެ މިފަދަ ޚިދުމަތްތައް ހޯދުމަކީ، އާންމު ރައްޔިތު މީހާއަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައިވެސް ހޮސްޕިޓަލުން ފާހަގަކުރެއެވެ.