ޚަބަރު

އަމީނީމަގުގެ މަސައްކަތެއް ނުހުއްޓޭ؛ ތާރުއަޅާނީ ބިލަބޮންގް ސްކޫލާ ހަމައަށް މަގުގެ މަސައްކަތް ނިމުނީމަ


އަމީނީ މަގުގެ މަސައްކަތް ޕްލެންކުރެވިފައިވާ ގޮތަށް ކުރިއަށްދާކަމަށާއި، މިވަގުތަށް މަސައްކަތް މަޑުޖެހިފައިވަނީ މަގުގައި ކުރިއަށްގެންދަންޖެހޭ ޔުޓިލިޓީ ކަނެކްޝަންތަކެއްގެ މަސައްކަތް ކުރަންޖެހޭތީކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީން ބުނެފިއެވެ.

އަމީނި މަގު ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށީ މިއަހަރުގެ އޮގަސްޓުމަހުއެވެ.

ރޯޑް ޑިވެލޮޕްމަންޓުން އަމީނީ މަގުގެ މަސައްކަތް ކުރިއަށްގެންދަނީ 13 ސެގްމަންޓަށް ބަހާލައިގެންނެވެ. އެއީ ކޮންމެ ސެގްމެންޓެއްގައި ޖުމްލަކޮށް 100 މީޓަރުގެ ސަރަޙައްދެވެ. ޕްރޮޖެކްޓްގެ ޕްލޭންކޮށްފައިވަނީ ތާރު ފަށަލަ އެޅުމުގެ މަސައްކަތް ދެ ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށެވެ.

އެގޮތުން ތާރުގެ އެޅުމުގެ ކުރިން ކުރާ ހުރިހާ މަސައްކަތްތަކެއް ނިމުމުން، އެ ސެގްމަންޓްތައް ވެހިކަލް ދުއްވޭގޮތަށް ހުޅުވާލާނެއެވެ. ތާރު އެޅުމުގެ ފުރަތަމަ ސެގްމަންޓް ފަށާނީ، ބިލަބޮންގް ސްކޫލާއި ހަމައަށް ހިމެނޭ ސަރަޙައްދުތައް ނިމުމުންކަމަށްވެސް އާރްޑީސީން މަޢޫލޫމާތު ދެއެވެ.

މަގު ހެދުމުގެ މަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ، ޔުޓިލިޓީ ޚިދުމަތްތައް ދިނުމަށް އަމީނީ މަގުގައި އަޅާފައިވާ ބޮޑު ނެޓްވޯކެވެ. މާލެއަށް ކަރަންޓާ ފެނާއި ނަރުދަމާ އަދި ޓެލެކޮމް ޚިދުމަތްތައް ގުޅުމުގެ ބޮޑު ނެޓްވޯކެއް އަޅާފައިވަނީ އަމީނީ މަގުންނެވެ. އެގޮތުން ވަރަށް ގިނަ ކޭބަލްތަކާ ހޮޅިތައް އެމަގުގައި ވަޅުލާފައިވެއެވެ. އެހެންކަމުން އާރްޑީސީން ކުރިއަށްގެންދާ މަގުހެދުމުގެ މަސައްކަތަކީ، އެހެން ކުންފުނިތަކުގެ ޙިއްސާ އެކަމުގައި ވަރަށް ބޮޑަށް އޮތް މަސައްކަތެއްކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މާލޭގެ އަމީނީ މަގު ހެދުމުގެ މަސައްކަތް ލަސްވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އާރްޑީސީން ބުނީ، އެ މަގުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތް ޕްލޭނާއި އެއްގޮތަށް ކުރިއަށްގެންގޮސް ނިންމާ، ދެވަނަ ސެގްމަންޓް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ.

ފުރަތަމަ ސެގްމަންޓްގައި ތާރުގެ މަސައްކަތް ފިޔަވާ އެހެން ހުރިހާ މަސައްކަތްތައް ވަނީ ނިންމާފައެވެ. ނަމަވެސް ދެވަނަ ސެގްމަންޓްގެ ޢަމަލީ މަސައްކަތް ނުފެށެނީ، އެމްޑަބްލިއުއެސްސީއިން މާލެއަށް ދޭ ފެނާއި ނަރުދަމާގެ ޚިދުމަތުގެ ނެޓްވޯކް އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް އެ ސަރަޙައްދުގައި ކުރިއަށްގެންދަން ޖެހޭތީކަމަށް އާރުޑީސީން ބުނެއެވެ. އަދި މިވަގުތަށް މަސައްކަތް މަޑުޖެހިފައިވަނީ އެމަސައްކަތަށް ބޭނުންވާ ބައެއް ތަކެތި ލިބިފައި ނުވާތީ، މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދެވޭވަރަށް ވަސީލަތްތައް ފޯރުކޮށްދެވެންދެން އަމީނީ މަގުގެ މަސައްކަތް މަޑުޖައްސާލުމަށް މިިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން އެދިފައިވާތީކަމަށް އާރުޑީސީން ބުނެއެވެ.

އާރުޑީސީން ބުނީ ތަކެތި ލިބުނުހާ އަވަހަކަށް މަގުގެ މަސައްކަތްތައް ފަށާނެކަމަށެވެ.

މުޅި މިމަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ހިމެނެއެވެ. މި މަސައްކަތް ސަރުކާރުން އާރް.ޑީ.ސީއާއި ޙަވާލުކޮށްފައިވަނީ 7 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.