ޚަބަރު

މުއްސަނދިންނާއި ފަޤީރުންނަށް އެއްހަމައަކުން އާސަންދަ ދޭ އުޞޫލަށް ބަދަލުތަކެއް


މުއްސަނދިންނާއި ފަޤީރުންނަށް އެއްހަމައަކުން އާސަންދަ ދެމުން އަންނަ އައުން ބަދަލުކުރުމަށް ޚާއްޞަ ޤާނޫނެއް އަންނަ އަހަރު އެކުލަވާލާނެކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢައިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ އެކަމަށްޓަކައި ސޯޝަލް ޕްރޮޓެކްޝަން އެކްޓްގެ ބިލު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި އެ ބިލު މަޖިލީހަށް ހުށައަޅުއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ހެލްތު އިންޝުއަރެންސް ސްކީމް ނުވަތަ އާސަންދައިން ޚިދުމަތް ދެމުން އަންނަނީ މުޖުތަމަޢުގައި ތިބި ހުރިހާ ފަންތިއަކަށް އެއް ހަމައަކުންކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޤައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތާއި ނުބައްދަލު ހޭދައެއް އާސަންދައިން ކުރަން މަޖުބޫރުވެފައިވާމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި ކަމާ ގުޅޭ އިދާރާތައް ގުޅިގެން މިހާރު އަންނަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން ފްރޭމް ވޯކް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާފައެވެ. ރާއްޖޭގައި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުލަވާލާ މިފްރޭމްވޯކް ނުވަތަ ޤާނޫނުގެ ދަށުން ސިއްޙީ ޚިދުމަތުގެ އިންޝިއުރަންސް ނުވަތަ އާސަންނަ ޚިދުމަތްތައްދޭ އުސޫލަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ބޭސްފަރުވާއާއި އެނޫންވެސް ދައުލަތުން ފޯރުކޮށްދޭ ސަބްސިޑީއަށް އަންނަނީ ބޮޑު ހޭދައެއް ކުރަމުންނެވެ. އަދި ހުރިހާ ސަބްސިޑީއެއްވެސް ދެނީ އެއްވެސް މީހަކު ތަފާތުކުރުމެއް ނެތި އެއް އުސޫލަކުންނެވެ. ނަމަވެސް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ވަނީ ރާއްޖޭގައި ސަބްސިޑީދެމުން އަންނަ އުސޫލު ބަދަލުކުރުމަށް ލަފާދެއްވާފައެވެ. އަދި ސަރުކާރުން ވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައިވެސް ސަބްސިޑީ ދެމުން އަންނަ އުސޫލު ބަދަލުކޮށް ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކަނޑައަޅާފައެވެ.

ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޖެންޑަރ މިނިސްޓަރ ވިދާޅުވީ ހެލްތު އިންޝުއަރެންސް ދެމުން އަންނަނީ އެއްވެސް ޢާމްދަނީއެއް ފަގީރު މީހާއާއި، ވަޒީފާ އަދާކުރާ މީހުންނާއި އަދި މުއްސަނދިންވެސް ތަފާތުކުރުމެއް ނެތިކަމަށެވެ. ނަމަވެސް އަލަށް އެކުލަވާލާ ޤާނޫނުގެ ސަބަބުން ސޯޝަލް ޕްރޮޓެކްޝަން ފްލޯއެއް ޤާއިމުވެގެންދާނެކަމަށާއި އޭގެ ދަށުން ޓެކްސް ފައިސާއިން ދެމުންދާ ހެލްތު އިންޝުއަރެންސް ނުވަތަ އާސަންދަ ލިބޭނީ އެންމެ ބޭނުންޖެހިފައިވާ މީހާއަށް ވަކި ޕެކޭޖަކުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަސާސީ ސިއްޙަތު، ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ޖީޑީޕީ މިއޮތް ގޮތުން އެބަޖެހޭ ނިންމަން، އަޅުގަނޑުމެންގެ ރައްޔިތުންނަށް ސިއްޙީ ފަރުވާ ކޮންގޮތަކަށްތޯ ދޭނީ. އެންމެ ފަގީރު މީހާއަށްވެސް ނުވަތަ އެފްލޯގަ އެތިބޭ ކޮންމެ މީހަކަށް ލިބެނީ ކިހާވަރަކަށްތޯ. ވަޒީފާ އަދާކުރާ އުމުރުފުރައިގެ މީހާ މިހާރު ޕެންޝަނަށް ކޮންޓްރިބިއުޓްކުރާ އުސޫލުން ހަމަ ހެލްތަށް ކޮންޓްރިބިއުޓްކުރަންވާނެޔޭ. ނޫނީ އެންމެ މުއްސަނދި މީހުން، ޢާއްމު ވަޒީފާއަށްވުރެ މަތީގައި އުޅޭ މީހުން، ރިސޯޓް އޯނަރުންނަކަށް އޭރަށް މިބުނާ އިންޝުއަރެންސްއަކުން އެކްސެސްއެއް ނުވެވޭނެ. ސޯޝަލް ޕްރޮޓެކްޝަން އެކްޓް އެކުލަވާލާއިރު މި މަޝްވަރާތައް ކުރެވެން އެބަޖެހޭ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ އާސަންދަ ނިޒާމުގައި ރަނގަޅުކުރަން ހުރި ބައެއް ކަންކަންވެސް ކޮމިޓީއާއި ޙިއްސާކުރައްވާފައެވެ.

"ހޮސްޕިޓަލްގަ އޮންނަ މީހާއަށްވެސް މިވާގޮތަކީ، ޙަގީގަތުގައި ފަގީރެއް، އައިޖީއެމްއެޗުން ނުވެގެން މިފޮނުވަންޖެހެނީ އޭޑީކޭއަށް. ނުވެގެން ފޮނުވަނީ، އެކަމަކު އަޅުގަނޑުމެނަށް އެބައެނގޭ މީނަ މި ފޯލްވަނީ އެއްކަލަ ފްލޯއަށްކަން. އެކަމަކު އޭޑީކޭގެ ރޭޓަކުން، އާސަންދައާއެކު އޮންނަ އެގްރީމަންޓަކުން އާސަންދަ އެއްކޮށް ހަމަނުޖެހޭ. ދެން މިޖެހެނީ މެޑިކަލް ވެލްފެއަރއަށް ލާން. މެޑިކަލް ވެލްފެއަރގަ މިހާރު އޮންނަ ގޮތުންވެސް ވަކިވަރެއް މިދެނީ. ބައެއް މީހުން 4 ލައްކަ ރުފިޔާ ނުދެއްކިގެން އަޅުގަނޑުމެން އެބަޖެހޭ އެފައިސާ ދެއްކޭނެ ގޮތެއް ހޯދަން. ރަނގަޅު އިންޝުއަރެންސް ސްކީމެއް އޮންނަ ނަމަ މިކަން ކުރެވޭނެ. ސަރުކާރުން ނުޖެހޭ ދެއްތޯ އެހެންކަންކަން ކުރަން ހުންނަ ފައިސާ އޭޑީކޭއަށާއި ޓްރީޓޮޕަށް ދެމުންދާކަށް" މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން މުޖުތަމަޢުގައި ތިބި މިފަދަ އެތައް ބަޔަކަށް ބޭނުންވާ ޚިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމަށް ރާއްޖޭގައި މިހަރު އޮތް ހެލްތު އިންޝުއަރެންސްގެ ޤައުމީ ނިޒާމު ބަދަލުކުރުމުގެ މަސައްކަތް ސޯޝަލް ޕްރޮޓެކްޝަން ޤާނޫނުގެ ދަށުން ކުރެވޭނެކަން ޖެންޑަރ މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް މި ޤާނޫނު އެކުލަވާލުމުގެ ކުރިން މިކަމާއި ގުޅޭގޮތުން ކަމާއި ގުޅޭ އިދާރާތަކުން ގިނަ މަޝްވަރާކޮށް މިކަމާއި ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުމުގެ މަސައްކަތްވެސް ކުރަންޖެހޭކަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިންގެ ބޭސްފަރުވާއަށް 2008 ވަނަ އަހަރު އެކުލަވާލާފައިވާ ހެލްތު އިންޝުއަރެންސް ސްކީމް "އާސަންދަ"އިގެ ދަށުން އަހަރަކު ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެއެވެ. ފާއިތުވި 10 އަހަރުގެ ތެރޭގައި އާސަންދައިގެ ދަށުން މިހާތަނަށް 16 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް އާސަންދައިގެ ތަފާސް ހިސާބުތަކުން ދައްކައެވެ.