ޚަބަރު

އެތެރޭގެ އުދުންހުންތަކަށް މުއްދަތު ހަމަވެފައިވާ ލިޔުންތައް ބޭނުންކުރެވޭނީ ފެބްރުއަރީ 22ގެ ނިޔަލަށް


ރާއްޖޭގެ އެތެރޭގެ އުދުންހުންތަކަށް މުއްދަތު ހަމަވެފައިވާ ޓްރެވަލް ޑޮކިއުމަންޓްތައް ބޭނުންކުރެވޭނެ އެންމެފަހު ތާރީޚު ކަނޑައަޅާ އާއްމުކޮށްފިއެވެ.

މިކަން ހާމަކުރައްވާ މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓަރ ޖެނެރަލް އޮފް އޭވިއޭޝަން ސެކިއުރިޓީ ޙުސެއިން ނަޒީފް ސޮއިކުރައްވާ ރާއްޖޭގެ އެއަރޕޯޓް އޮޕަރޭޓަރުންނާއި، ލޯކަލް އެއަރލައިން އޮޕަރޭޓަރުންނާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ފޮނުވި ސަރކިއުލަރގައި މުއްދަތު ހަމަވެފައިވާ ޓްރެވަލް ޑޮކިއުމަންޓްތައް އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރެވޭނެ އެންމެފަހު ތާރީޚެއްގެގޮތުގައި ބަޔާންކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީމަހުގެ 22 ވަނަ ދުވަހެވެ. އެ ތާރީޚުގެ ފަހުން އެތެރޭގެ އުދުހުންތަކުގައި ކާކުކަން ދެނެގަތުމަށްޓަކާ ބަލައި ގަންނަންވާނީ މުއްދަތު ހަމަނުވާ ލިޔެކިޔުންތައް ކަމަށް ވިދާޅުވެފައިވެއެވެ.

ކޯވިޑް-19ގެ ޙާލަތާގުޅިގެން ކާކުކަން ދެނެގަތުމަށްޓަކާ އައިޑެންޓިފިކޭޝަންގެ ގޮތުގައި ބޭނުންކުރެވޭ ލިޔެކިޔުންތައް ހޯދުމުގައި ދަތިތައް ކުރިމަތިވުމުން، އެކަން ޙައްލުކުރުމަށްޓަކާ ބައެއް ލިޔެކިޔުންތަކުގެ މުއްދަތު ހަމަވެފައިވީނަމަވެސް، އޭގައި ހިމެނޭ މަޢުލޫމާތު ސާފުކޮށް އެނގޭނަމަރާއްޖޭގެ ވައިގެ ބަނދަރުތަކުން ދަތުރުކުރާ ފަރާތްތަކުން އެއަރލައިން ޓިކެޓް ގަތުމަށާއި، އެއަރލައިނަށް ޗެކް-އިން ޕޮއިންޓްތަކުން ކާކުކަން ދެނެގަތުމަށްޓަކާ އެލިޔެކިޔުންތައް ބޭނުންކުރެވޭގޮތަށް 2021 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި ވަނީ ހަމަޖައްސާފައެވެ.

އެގޮތުން މުއްދަތު ހަމަވެފައިވާ އައިޑީ ކަރޑް، ޕާސްޕޯޓް، ވަރކް ވިސާ ކަރޑް، ލައިސަންސް ކަރޑް، އެއަރޕޯޓް ސެކިއުރުޓީ ފާސް އަދި ސަރުކަރުގެ އިދާރާއަކުން ދޫކޮށްފަވާ ފޮޓޯ އަދި އައިޑީ ކަރޑް ނަންބަރުޖެހި ރަސްމީ ލިޔުން ބޭނުންކޮށްގެންވެސް އެތެރޭގެ ދަތުރުތައް ކުރެވޭނެގޮތް އޭރު ފަހިކޮށްދިނެވެ.

ކޯވިޑް19ގެ ޙާލަތާ ގުޅިގެން އެހެނިހެން ބައެއް ޚިދުމަތްތަކުގައިވެސް މުއްދަތު ހަމަވެފައިވާ ލިޔެކިޔުން ބޭނުންކުރެވޭނެ ގޮތް ސަރުކާރުން ކުރިން ހަމަޖައްސާފައިވެއެވެ.