ޚަބަރު

ބޯހިމެނުމުގައި އެއްކުރެވުނު މަޢުލޫމާތު ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދީފި


ބޯހިމެނުމުގައި އެއްކުރެވިފައިވާ މަޢުލޫމާތުގެ ބޭނުންކުރާނެގޮތުގެ މަޢުލޫމާތު ދިނުމަށް ވޯކްޝޮޕެއް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބާއްވައިފިއެވެ.

މި ވޯކްޝޮޕަކީ މިދިޔަ ސެޕްޓެމްބަރުމަހު ރާއްޖޭގައި ފެށި ބޯހިމެނުމުގެ މަސައްކަތުގައި މިހާތަނަށް އެއްކުރެވިފައިވާ މަޢުލޫމާތުގެ ބޭނުން ކުރާނެ ގޮތުގެ މަޢުލޫމާތު އެމަސައްކަތުގައި ޙަރަކާތްތެރިވި އެކި ރަށްރަށުގެ މެނޭޖަރުންނާއި ޓެކްނިކަލް މީހުންނަށް ދިނުމަށް ބޭއްވި ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕްގައި މަޢުލޫމާތު ދީފައިވަނީ މިމަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޕެރިސް 21 ގެ ތަޖުރިބާކާރުންކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވިދާޅުވެއެވެ.

މިވޯކްޝޮޕް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ ބޯހިމެނުމުގައި އެއްކުރެވުނު މަޢުލޫމާތަކީ އެއްވެސް ޙާލެއްގައި ރައްކާކޮށް ފޮރުވާފައި ބަހައްޓަންޖެހޭ އެއްޗެއް ނޫންކަމަށެވެ. އަދި އޭގެ ބޭނުން ހުރިހާ އެންމެނަށް ކުރެވޭނެ މަގުފަހިވެފައި ހުންނަންޖެހޭކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

"ނަމްބަރުތަކަކީ ވަރަށް މުހިއްމު އެއްޗެއް، ނަމްބަރުތަކެއް ދޮގެއް ނުހެދޭނެ. ހަގީގަތުގައި ކޮންމެ ކަމެއްވެސް ގުޅިފައިވަނީ ނަމްބަރުތަކާއި. އެހެންވީމައި މިއެއްކުރެވުނު ނަމްބަރުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އެދެން." މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީއީއޯ ފާތުމަތު އަފްޝަން ލަތީފް ވިދާޅުވީ ޑޭޓަރގެ ގޮތުގައި އެއްކުރެވޭ މަޢުލޫމާތަކީ މުހިއްމު އަދި ބޭނުންތެރި އެއްޗެއްނަމަވެސް އެ މައުލޫމާތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާނީ ކިހިނެއްތޯ ބަލަންޖެހޭކަމަށެެެވެ.

"އެންމެ އެފީޝިއަންޓްކޮށް ހިނގާ ބޮޑެތި ކުންފުނިތަކުން ޑޭޓާ ބޭނުންކުރާ ގޮތަށް ބެލީމަ މިއިނގެނީ އެކުންފުނިތަކުން ޑޭޓާ ބޭނުންކުރާގޮތާއި އޭގެއިން ނިކުންނަ ނަތީޖާ. މިގޮތަށް ޑޭޓާ ބޭނުން ކުރެވުނުނަމަވެސް އަދިވެސް ސަރުކާރުން ފެންވަރުގައި ޑޭޓާ ބޭނުންކުރުމަށް އެހާ އަހުލުވެރި ނޫންކަން ފާހަގަކުރެވޭ." އަފްޝަން ވިދާޅުވިއެވެ.

ބޯހިމެނުމުގެ މަސައްކަތް މިއަހަރު ކުރިއަށްގެންގޮސްފައި ވަނީ 8 އަހަރަށްފަހުގައެވެ. މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ރަސްމީކޮށް ނިންމާލާފައިވީނަމަވެސް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އަންނަނީ ބޯހިމެނުމުގެ މުއްދަތުގައި އެއްނުކުރެވި ހުރި ގޭބިސީތަކަށް ގުޅައިގެން މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްކުރަމުންކަމަށް އެއިދާރާއިން ވިދާޅުވެއެވެ.