ޚަބަރު

ޝިއާއުގެ މަރު: ދައުވާކުރަން ފޮނުވުމުގެ އެންމެ ފަހު މަރުހަލާގައި


މިދިޔަ އޯގަސްޓްމަހު ރަޙުމްކުޑަގޮތަކަށް މަރާލި އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލި މައްސަލަ މިހާރު އޮތީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ދައުވާކުރަން ފޮނުވުމުގެ އެންމެ ފަހު މަރުހަލާގައި ކަމަށް ފުލުހުން ވިދާލުވެއްޖެއެވެ.

އޯގަސްޓު މަހުގެ 7 ވަނަ ދުވަހު ހ. ޝީރީންވިލާގައި މަރާލާފައި އޮއްވާ ޝިއާއުގެ ހަށިގަނޑު ފެނުނު އިރު އޭނާގެ ހަށިގަނޑުން ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެރޭ އެތަނުން އޭނާގެ ހަށިގަނޑު ބޮޑީ ބޭގުގައި ފުލުހުން ގެންދިޔައީ ދެ ކޮތަޅަކަށް އަޅައިގެންނެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ފ. ނިލަންދޫ، ފިނިފެންމާގޭ، ޢުމުރުން 23 އަލީ ޝާހިލްއެވެ.

މި ހާދިސާގެ ތަފްޞީލުތައް ހާމަކުރުމަށް ފުލުހުން އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އޭރު ފުލުހުން ވިދާޅުވީ، ދެ ހަފްތާ ތެރޭގައި މައްސަލަ ނިންމާ ދައުވާކުރަން ފޮނުވާނެ ކަމަށެވެ. ނަމަވެސް އެ މުއްދަތު ފާއިތުވި އިރުވެސް ދަޢުވާކުރަން ފޮނުވާފައެއް ނުވެއެވެ.


މި މައްސަލާގެ އެންމެ ފަހުގެ ތަފްސީލް ހިއްސާކުރައްވަމުން ފުލުހުން ވިދާޅުވީ، ޝިއާއުގެ މަރުގެ މައްސަލައަށް ޝާހިލްގެ އެއްބާރުލުން އެކަށީގެންވާ ވަރަށް ލިބިފައި ނުވާކަމަށެވެ. އަދި އޭނާގެ ފޯނު ހުޅުވާ، އޭގެ ޑާޓާތައް ފުލުހުންނަށް ލިބުނީ މީގެ ދެ ހަފްތާ ކުރިން ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ކުރިންވެސް ވިދާޅުވިގޮތުގައި ޝާހިލް، ޝިއާއު މަރާލިކަން ސާބިތުވާނެ ވަރަށް އެކަށީގެންވާ ހެކި ހުރިނަމަވެސް މައްސަލާގައި ދައުވާ ނުއުފުލައި މަޑުޖައްސާފައި ވަނީ ހަމަލާގެ މޯޓިވް ދެނެގަތުމަށެވެ. އަދި ފޯނުގެ ޑާޓާތައް މުހިންމުވަނީ އެސަބަބަށްޓަކާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލާގައި މިހާރު ކުރިއަށްދަނީ ދައުވާކުރަން ޕީޖީ އަށް ފޮނުވުމުގެ ކުރިން ނިންމަންޖެހޭ އެންމެ ފަހު މަރުހަލާގެ މަސައްކަތްތައް ކަމަށެވެ.

މި މައްސަލާގައި ފުލުހުން މިހާތަނަށް ބެލި ބެލުމުން މިކަމުގައި އިތުރު އެއްވެސް މީހެއްގެ ބައިވެރިވުމެއް އޮތްކަން އަދި ތަހުގީގަށް އެނގިފައި ނުވާކަމަށާ، މިއީ ކުރިން ރޭވިގެން ހިންގާފައިވާ އަމަލެއްކަމަށް ނުބެލެވޭ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލާގައި މިހާތަނަށް 45އަށްވުރެ ގިނަ މީހުންނާ ސުވާލުކޮށް، މައްސަލައާއި ގުޅުންހުރި އެކިއެކި ތަންތަނުގެ ސީސީޓީވީ ފުޓޭޖު ބަލައި ދިރާސާކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަނިޔާވެރިގޮތަކަށް ޝިއާއު މަރާލާފައި އޮއްވާ ފެނުނީ އޭރު ޝާހިލް ދިރިއުޅެމުން ދިޔަ ގޭ ތެރެއިންނެވެ. ފުލުހުން ވިދާޅުވިގޮތުގައި އޭނާއަށް ދީފައިވާ ބައެއް އަނިޔާތަކަކީ އޭނާ މަރުވިފަހުން ދީފައިވާ އަނިޔާތަކެކެވެ.