ޚަބަރު

ރައީސްގެ ޚާއްޞަ މަންދޫބު، އައްބާސް ޖުޑީޝަރީ ކޮމިޓީއަށް


ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ޝަރީއަތުގެ މަރުހަލާ ގާތުން ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި ޚާއްސަ މަންދޫބު، އައްބާސް ފާއިޒާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ބައްދަލުކުރައްވައިފިއެވެ.


މިދިޔަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގާއި ޝަރިއަތުގެ މަރުހަލާ ގާތުން ބެއްލެވުމަށް ލުށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުން އައްބާސް ފާއިޒް އައްޔަންކުރައްވާފައި ވަނީ މިދިޔަ އަހަރުގެ މޭ މަހުގެ 19 ވަނަ ދުވަހުއެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ގައުމީ ސަލާމަތައް ނުރައްކާވާފަދަ މައުލޫމާތުތަކެއް ހުރިކަމަށް ނިންމާ އައްބާސްއާއި އެކު ކުރިއަށް ގެންދިޔަ ޖުޑީޝަރީ ކޮމެޓީގެ ބޮޑު ބައެއް ވަނީ ސިއްރުކޮށްފައެވެ.

ސިއްރު ނުކޮށް ކޮމިޓީގައި ކުރިއަށްގެންދިޔަ ބައިގައި ވާހަކަފުޅު ދައްކަވަމުން އައްބާސް ވަނީ ޝަރިޢަތް ދިގުލައިގެންދާ ދިއުން ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ މައްސަލަ އަވަސްކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނާވެސް ބައްދަލުކޮށްފައިވާ ކަމަށާއި، މައްސަލާގެ ޝަރީއަތް ވީހާވެސް އަވަހަށް ކުރިއަށް ގެންގޮސްދިނުމަށް އެދިފައިވާނެކަމަށް އައްބާސް ވިދާޅުވިއެވެ.

މީގެ އިތުރަށް މިފަދަ މައްސަލަތައް އަވަހަށް ނިންމުމަކީ ގައުމުގެ ޝަރުއީ ނިޒާމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަން އައްބާސް ފާހަގަކުރެއްވިއެވެ.


ކޮމިޓީ ބައްދަލުވުމުގައި އައްބާސް ފާހަގަކުރެއްވި ކަންކަމަށް ރިއާޔަތްކޮށް މިއަދު ކޮމިޓީން ނިންމާފައި ވަނީ މި މައްސަލާގެ ޓައިމްލައިނާއި މައްސަލަ ކުރިއަށްދާގޮތުގެ ތަފްސީލް ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުމަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާއި ގުޅިގެން ދައުވާކޮށްފައިވަނީ، ހއ. މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލީމަނިކާއި ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމް އަދި، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުގެ އިތުރުން ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް އަދި ގއ ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމްއާއި، މ. ކުދެހިގެ އިސްހާގުގެ މައްޗަށެވެ.

ހަމަލާ ދިނުމުގައި އަމަލީގޮތުން ބައިވެރިވި އަހްމަދު އަދުހަމް ރަޝީދުގެ މައްޗަށް ކުށް ސާބިތުވެ އޭނާ 23 އަހަރަށް ޖަލަށް ލާން މިދިޔަ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހު ވަނީ ހުކުމްކޮށްފައެވެ. އަދި އަބްދުﷲ އަލީމަނިކާއި ތަސްލީމްގެ ޝަރީއަތުގެ އަޑުއެހުންތައް މިހާރު ކްރިމިނަލް ކޯޓުގައި ދަނީ ކުރިޔަށެވެ. އެ މައްސަލާގައި ދެން ހައްޔަރުކޮށްފައިވާ މުޖާޒް އާއި ތަހުމީން ވަނީ އެ ދެމީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް އިންކާރުކޮށްފައެވެ.