ޚަބަރު

މާލޭގައި އިތުރު އާރ.އޯ ޕްލާންޓެއް ޤާއިމުކުރަނީ


ރައްކާތެރިގޮތުގައި ސާފުބޯފެން އާއްމުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، މާލޭގައި 5000 ކިއުބިކް މީޓަރުގެ އާރ.އޯ ޕްލާންޓެއް ބެހެއްޓުމަށް އިތުރު އިމާރާތެއް އެޅުމުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ. ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ފިއުލް ސަޕްލައިގެ ހުޅަނގަށް އޮތް އެމް.ޑަބްލިޔު.އެސް.ސީގެ ބިމުގައި އަޅާ މި އައު އިމާރާތުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކުރައްވާފައި ވަނީ 4 މަސްދުވަސް ތެރޭ އެއްކޮށް ނިންމާގޮތަށެވެ. މިއަދު ފެން ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި އަމީން ކޮންސްޓްރަކްޝަނާއި މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، 5000 ކިއުބިކް މީޓަރުގެ އާރ.އޯ ޕްލާންޓެއް ގެނެއުމުގެ މަސައްކަތް ޖަޕާނުގެ ހިޓާޗީ އަކުއަޓެކް ކުންފުންޏާއި މިދިޔަ އަހަރުގެ ފަހުކޮޅު ސަރުކާރުން ހަވާލުކުރައްވާފައިވާ ކަމަށާއި، މި އިމާރާތުގެ މަސައްކަތް ނިމުމާއެކު، މިއަހަރުގެ ޖޫންމަހު ތެރޭ އެތަނުގައި އާރ.އޯ ޕްލާންޓް ޤާއިމުކުރެވިގެން ދާނެކަމަށެވެ. އަދި މި މަސައްކަތަށް ބޭނުންވާ ސާމާނު ފޯރުކޮށްދީ، އާރ.އޯ ޕްލާންޓް އިންސްޓޯލްކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުންކަމަށެވެ. މީގެ އިތުރުން ފަޒުލް ވިދާޅުވީ، މަލެ ހިމެނޭ ސަރަޙައްދަށް ރައްކާތެރިކަމާއެކު މެދުނުކެނޑި ދާއިމީގޮތެއްގައި ފެން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ހުޅުލެއަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީއިން ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މާލެ-ހުޅުލެ ބްރިޖް މެދުވެރިކޮށް ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 އާއި އެމް.ޑަބްލިޔު.އެސް.ސީގެ ފެނުގެ ވިޔުގަރ ގުޅާލުމަކީވެސް އެކުންފުނީގެ އަމާޒެއްކަމަށެވެ. ފިއުލް ސަޕްލައިގެ ހުޅަނގަށް އޮތް އެމް.ޑަބްލިޔު.އެސް.ސީގެ ބިމުގައި ޤާއިމުކުރާ މި އާރ.އޯ ޕްލާންޓުގައި 5000 ކިއުބިކް މީޓަރުގެ އިތުރު އެއް ފެން ޕްލާންޓް ކައިރި މުސްތަޤުބަލެއްގައި ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް އެމް.ޑަބްލިޔު.އެސް.ސީއިން ހާމަކުރައްވައެވެ. އަދި ފެން އުފައްދާ، ފޯރުކޮށްދިނުމުގެ ނިޒާމް ހަރުދަނާކުރުމުގެ ގޮތުން ހަވީރީ ހިނގުމުގައި ހުރި އެމް.ޑަބްލިޔު.އެސް.ސީގެ ބިމުގައި އިތުރު އިމާރާތެއް އަޅާ، އިތުރު އާރ.އޯ ޕްލާންޓެއް މިއަހަރު ތެރޭ ޤާއިމުކުރެވިގެންދާނެކަމަށްވެސް އެކުންފުނިން މަޢުލޫމާތުދެއްވައެވެ.