ޚަބަރު

ހެލްތް ވޯކަރުން އެލައިޑް ހެލްތް ކައުންސިލުގައި ރަޖިސްޓްރީކުރަނީ


ފެމިލީ ހެލްތު ވޯކަރުން މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީކުރުމަށް ހެލްތު މިނިސްޓްރީން ނިންމަވައިފިއެވެ.މި ކައުންސިލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު މި މަހުގެ ނިޔަލަށް ހެލްތު މިނިސްޓްރީން ވަނީ ހުޅުވާލައްވާފައެވެ. އަދި މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި މިހާރުވެސް ރަޖިސްޓްރީވެފައިވާ ފެމިލީ ހެލްތު ވޯކަރުން މި ކައުންސިލްގައި ރަޖިސްޓްރީވާންޖެހޭކަމަށް ހެލްތު މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އަދި ސިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގައިވާ ގޮތުގެމަތިން އެލައިޑް ހެލްތު ޕްރޮފެޝަނަލުންނަށް މަސައްކަތް ކުރެވޭނީ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީވުމަށްފަހު އެކައުންސިލުން ދޫކުރާ ލައިސަންސެއްގެ ދަށުން އެ ލައިސަންސްގައިވާ ޝަރުތުތަކާ އެއްގޮތްވާގޮތުގެ މަތީންކަމަށްވެސް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ފެމިލީ ހެލްތު ވޯކަރުން ރަޖިސްޓްރީނުކޮށް އަދި ލައިސަންސް ނެތި މަސައްކަތްކުރާނަމަ އެ ފަރާތެއް 50,000 އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖުރިމަނާކުރެވޭނެކަމަށް ސިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި އެލައިޑް ހެލްތު ޕްރޮފެޝަނަލެއްގެ ގޮތުގައި މަސައްކަތްކުރުމަށް ލައިސަންސް ހޯދުމަށް ނުވަތަ ރަޖިސްޓްރީކުރުމަށްޓަކައި ސައްޙަނޫން މަޢުލޫމާތެއް ހުށަހަޅައިފިނަމަ 75,000 އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖުރިމަނާކުރުން ނުވަތަ އެއް އަހަރު ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުމަށްވެސް އެ ޤާނޫނުގައި ބުނެފައިވެއެވެ. މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލް އެކުލެވިގެންވަނީ 11 މެމްބަރުންގެ މައްޗަށެވެ. އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ ތެރޭގައި ކްލިނިކަލް އަދި ފިޒިކަލް ތެރަޕިސްޓުންނާއި ފާމަސީ ޕްރޮފެޝަނަލުންގެ އިތުރުން ޑަޔަޓީޝަނުންނާއި ނިއުޓްރީޝަނުންވެސް ހިމެނެއެވެ.