ޚަބަރު

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި


ހައި ކޯޓަށް ފަނޑިޔާރަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.

އެ ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާންކޮށްފައި މިވަނީ އެ ކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި ހާތިފް ހިލްމީ ފަނޑިޔާރު ކަމުން ރިޓަޔާ ކުރެއްވުމުންނެވެ. ހާތިފް އެ މަގާމުން ރިޓަޔާކުރެއްވީ ދެ އަހަރު ދުވަހު އެ މަގާމު ފުރުއްވުމަށްފަހުއެވެ. އޭނާ ވަނީ 2019 ވަނަ އަހަރުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ.

މި މަހުގެ 17 ވަނަ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނުގައިވާގޮތުން މި މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ 25 އަހަރު ފުރިފައިވާ މީހަކަށް ވާން ޖެހެއެވެ. އަދި ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައިވާ އަދި ފަނޑިޔާރުކަމުގައި ނުވަތަ ވަކީލުކަމުގައި ފަސް އަހަރު ފުރިހަމަވާންޖެހެއެވެ.

ހައިކޯޓު ފަނޑިޔާރުންގެ މުސާރައަކީ މަހަކު 54300ރ. އެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އެލަވަންސާއި ފޯނު އެލަވަންސް ލިބޭނެއެވެ.