ކުޅިވަރު

ކުލަގަދަ ރަސްމިއްޔާތަކާއެކު ގަތަރު ވޯލްޑް ކަޕް ފަށައިފި


ކުލަގަދަ ރަސްމިއްޔާތަކާއެކު ދުނިޔޭގެ ތައްޓަށް ކުޅޭ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް 2022 ގަތަރުގައި ފަށައިފިއެވެ.

މިއަހަރުގެ މެޗުތައް ކުޅެވިގެންދާނީ އޭޝިއާގެ އެންމެ މުއްސަނދި އެއް ގައުމު ކަމަށްވާ ގަތަރުގައެވެ. މި މުބާރާތުގެ ބިޑް ގަތަރުން ކާމިޔާބުކުރީ 2010 ވަނަ އަހަރުގައެވެ.

މި މުބާރާތް ގަތަރުގައި ބޭއްވޭއިރު، ގަތަރުން ވަނީ މި މުބާރާތައް 200 ބިލިއަން ޑޮލަރަށްވުރެ ބޮޑު ޚަރަދެއްކޮށްފައެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގަތަރުގެ އަމީރު ތަމިމް ބިން ހަމަދު އަލް ސާނީ ވެސް ވަނީ ވާހަކަ ދައްކަވާފައެވެ.

މި ރަސްމިއްޔާތުގައި ދުނިޔޭގެ މަޝްހޫރު ގިނަ ފަރާތްތަކުގެ ޕާފޯމެންސް ވަނީ ފެނިގެން ގޮސްފައެވެ. އޭގެ ތެރޭގައި ކޮރެއާގެ މަޝްހޫރު ބްރޭންޑް ބީޓީއެސްވެސް ހިމެނެއެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ ގަތަރު ވޯލްޑްކަޕް 2022 ގެ ރަސްމީ މެސްކޮޓް، ލަބީބްވެސް ދައްކާލައިފައެވެ.

މިއީ އޭޝިއާ ބައްރުގައި ވޯލްޑްކަޕް ބޭއްވޭ ދެވަނަ ފަހަރެވެ. މީގެ ކުރިން 2002 ވަނަ އަހަރު ވަނީ ޖަޕާން އަދި ކޮރެއާ ގުޅިގެން ވޯލްޑްކަޕް ބާއްވާފައެވެ. އަދި މިއީ ގަލްފް ސަރަަހައްދުގައި ވޯލްޑްކަޕް ބޭއްވޭ ފުރަތަމަ ފަހަރެވެ.

މި ފަހަރުގެ މުބާރާތުގައިވެސް 32 ޓީމު ވާދަކުރާއިރު 64 މެޗު ކުޅެވިގެންދާނެއެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ފްރާންސްއެވެ. އަދި އެންމެ ކާމިޔާބު ޓީމަކީ ފަސް ފަހަރު މި މުބާރާތް ކާމިޔާބުކުރި ބްރެޒިލްއެވެ. މި ދެ ޓީމުވެސް މި މުބާރާތުގައި ފެނިގެންދާނެއެވެ.