ޚަބަރު

ކުރިނބީ ކައުންސިލުން ބޭނުންވާ ގިނަ ކަންކަން އަންނަ އަހަރުގެ ބަޖެޓުގައި


ހދ. ކުރިނބީ ކައުންސިލުން އެ ރަށުގެ ތަރައްގީއަށް ބޭނުންވާ ގިނަ ކަންކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ކައުންސިލާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ކުރިނބީގެ ތަރައްޤީއަށް މިހާރު ހިންގެމުންދާ މަޝްރޫޢުތަކާއި އަދި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. މީގެ އިތުރުން ކުރިއަށް އޮތް 100 އަހަރަށް އަމާޒުކޮށް ކުރިނބީ ކައުންސިލުން އެކުލަވާލާފައިވާ ލޭންޑްޔޫސް ޕްލޭންގެ މަޢުލޫމާތު އެކައުންސިލުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ޙިއްޞާކުރައްވާފައެވެ.

ކުރިނބީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރުގެ ދަތިކަމާއި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ރަށުގެ ރައްޔިތުން މޫދަށް އެރޭނެ ތަނެއް ނެތުމުގެ ދަތިކަން ހިމެނެއެވެ. މިކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިނބީ ކައުންސިލުން ފާހަގަކުރެއްވި ގިނަ ކަންކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ކައުންސިލް އިދާރާގެ މަސައްކަތާއި ފުޓުބޯޅަ ދަނޑުގެ މަސައްކަތް ފާހަގަކުރައްވައި، ރަށުގެ ބަނދަރުގެ ސައިޒް ބޮޑުކުރުމަށް ރައްޔިތުން ބޭނުންވާތީ އެކަމުގައި ހޯދޭނެ ހައްލަކާއި ގުޅޭ ގޮތުން ގުޅުންހުރި އިދާރާތަކާއި އެކު މަޝްވަރާކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ. އަދި ރަށުގައި މޫދަށް އެރޭނެ ސަރަހައްދެއް ހެދުމުގެ މަސައްކަތް ބަނދަރުގެ މަސައްކަތް ކުރިޔަށްދާއިރު އެމަސައްކަތާއި އެކު ކުރިޔަށް ގެންދެވޭނެ ގޮތެއް ބައްލަވައި ދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ކުރިނބީ ކައުންސިލުން ވަނީ، އެރަށުގެ ތަރައްޤީއަށް މިހާތަނަށް އެންމެ ގިނަ މަސައްކަތްތައް ކޮށްދެއްވާފައި ވަނީ މިސަރުކާރުންކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުމުން ރައްޔިތުން އިތުރަށް ބޭނުންވާ ކަންކަން ފުރިހަމަވެގެންދާނެކަމުގެ ޔަޤީންކަން ލިބިގެން ހިނގައްޖެކަން ފާހަގަކުރެއްވިއެވެ.