ވިޔަފާރި

އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ޑައިވް ބްރޭންޑްގެ ވަރޝަނެއް ރާއްޖޭގައި


އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ސްކޫބާ ޑައިވިންގ ބްރޭންޑް "އެޑެކްސް"ގެ ވާޝަނެއް އަންނަ އަހަރު ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ. އެޑެކްސްގެ ވާޝަނެއް ރާއްޖޭގައި ބޭއްވުމަށް އެއްބަސްވުމުގައި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއިއެކު އެޑެކްސްއިން ވަނީ ސޮއިކޮށްފައެވެ.

އޭޝިއާ ޑައިވް އެކްސްޕޯ ނުވަތަ އެޑެކްސްގެ ރާއްޖޭގައި ބާއްވާ ވަރޝަންއަށް ކިޔަނީ "އެޑެކްސް މޯލްޑިވްސް" އެވެ. ރާއްޖޭގައި ބާއްވާ ފުރަތަމަ "އެޑެކްސް މޯލްޑިވްސް" އެކްސްޕޯ އޮންނާނީ އަންނަ އަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯއާއިއެކު މާރޗް މަހުގެ 15 އިން 18 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

އެޑެކްސް މޯލްޑިވްސްގައި ސްކޫބާއާއި ގުޅުންހުރި ތަފާތު އުފެއްދުންތައް ދައްކާލާނެއެވެ. އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ސްކޫބާ ޑައިވިންގ ބްރޭންޑް "އެޑެކްސް" މިހާރުވެސް އަންނަނީ ސިންގަޕޯރ، ޗައިނާ، އިންޑިއާ، މެލޭޝިއާ، އަދި ޕިލިޕީންސްގައި ބާއްވަމުންނެވެ.

އެޑެކްސް އިންޑިއާ ފަށާފައިވަނީ 2019 ވަނަ އަހަރު އިންޑިއާގެ ބޮންބޭގައެވެ. މިއަހަރުގެ އެޑެކްސް އިންޑިއާ އޮންނާނީ އަންނަ އަހަރުގެ އޮކްޓޯބަރ މަހު ބެންގަލޫރުގައެވެ. އެޑެކްސް ސިންގަޕޯރ ބާއްވާތާ މިހާރު ވަނީ 27 އަހަރު ވެފައެވެ.

މޯލްޑިވްސް މެރިން އެކްސްޕޯގެ އަންނަ އަހަރު ބާއްވާނީ 8 ވަނަ އެޑިޝަންއެވެ. މި އެކްސްޕޯ އަކީ ދިވެހިރާއްޖެގައި ބާއްވާ އެންމެ ދިގު މުއްދަތެއްވީ އަދި މި ސިނާޢަތުގައި ބާއްވާ އެންމެ ބޮޑު އިވެންޓެވެ. މި އެކްސްޕޯގައި ދިވެހިރާއްޖޭގެ އެންމެ މަޤްބޫލު ބޯޓް ބިލްޑަރުންނާއި، އިންޖީން ބްރޭންޑްތަކާއި، ބައިނަލްއަޤްވާމީ މެރިން ބްރޭންޑްތަކުގެ އިތުރުން ވޯޓަރ ސްޕޯރޓްސްއާއި ޑައިވް ބްރޭންޑްތައް ކޮންމެ އަހަރަކުވެސް ބައިވެރިވެއެވެ.