ޚަބަރު

އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ފެށި ދަތުރު ކެއްކުމުގެ އެންމެ އުހަށް


ރާއްޖޭގެ ކަލިނަރީ ދާއިރާގައި ދޭންފެށި "ސީޖީއެމް ޝެފް އެވޯޑް"އަކީ ރާއްޖޭގެ ތާރީޚުގައި ޝެފުންގެ މަސައްކަތް ފާހަގަކޮށް ދޭންފެށި ފުރަތަމަ އެވޯޑެވެ. ފަތުރުވެރިކަމުގެ ސިނާޢާތުގެ ތެރެއިން، ބޮޑެތި ރިސޯޓްތަކާއި ހޮޓާތައް އަދި ސަފާރީތަކާއިި ލޯކަލް ޓޫރިޒަމް ފުޅާވުމުގައިވެސް ފުޑް އެންޑް ބެވަރޖް ސަރވިސްއާއި، ކަލިނަރީގެ ދާއިރާ ބޮޑު ދަޢުރެއް އަދާކުރެއެވެ.

އެންމެ ފުރަތަމަ ރާއްޖޭގައި ފަތުރުވެރިކަން ފެށިގެން އައިއިރު، ފަތުރުވެރިންގެ ކެއިންބުއިން ހަމަޖެއްސުމުގެ ކަންކަން ވީ އުނދަގޫ ޚިދުމަތަކަށެވެ. ޚާއްސަކޮށް ރާއްޖޭގައި މިދާއިރާއިން ތަމްރީނުވެފައި ތިބި މީހުން ނެތުމުގެ ގޮންޖެހުން އެއިރު ބޮޑެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް 50އަހަރުގެ ރަން އަހަރު މިއަހަރު ފާހަގަކުރާއިރު،، ކަލިނަރީ ދާއިރާއިގައި ނިސްބަތުން ދިވެހިންގެ ޙިއްސާ ބޮޑެވެ. ނަމަވެސް ހިތާމައަކީ އަދިވެސް ކަލިނަރީދާއިރާގެ ބޮޑު ބައެއް ޙިއްސާކުރަނީ ބިދޭސީންނަށްވުމެވެ.

ކަލިނަރީ ދާއިރާއިން ކިޔެވުމަށް ރާއްޖޭގައި ހުރި ފުރުޞަތުތަކާއެކު، މި ދާއިރާއަށް ވަންނަ ދިވެހިންގެ ޢަދަދު މިހާރު ވަނީ އިތުރުވާން ފަށާފައެވެ. ޚާއްސަކޮށް ތަމްރީނުލިބިފައިތިބި، ޒުވާން ޝެފުން މި ދާއިރާއަށް ދަނީ ނިކުންނަމުނެވެ.

ރާއްޖޭގައި މަސައްކަތްކުރާ ޝެފުންނަށް ޚާއްސަކޮށް ފުރަތަމަ ފަހަރަށް ދިން "ޝެފް އެވޯޑް 2022"ގައި އެންމެ ފާހަގަކޮށްލެވުނު އެ ޝެފަކީ 29 އަހަރުގެ އަޙުމަދު މާޒިމްއެވެ. އައުޓް ސްޓޭންޑިން އެޗީވްމަންޓް އަދި ޗެފް އޮފް ދަ އިޔަރގެ އެވޯޑް މާޒިމް ވަނީ ހާސިލުކޮށްފައެވެ.

"މި އެވޯޑް ލިބުނީމަ ވަރަށް އުފާވި. ހީވެސް ނުކުރާ ފުރުޞަތެއް. އެންމެ އުފާވަނީ މީހުންނަށް ނަމޫނާއަކަށް ވެވޭތީ." މާޒިމް އެވޯޑު ލިބުމުން އޭނާގެ އިޙްސާސްތައް ކިޔައިދިނެވެ.

އައްޑުއަށް ނިސްބަތްވާ މާޒިމް މި ދާއިރާއަށްވަނީ 2015ވަނަ އަހަރު، ފޯ ސީޒަންސް މޮލްޑިވްސް، ލަނޑާ ގިރާވަރުގެ އެޕަރެންޓިސްޝިޕް ޕްރޮގްރާމެއްގައި ލިބުނު ފުރުޞަތެއްގައެވެ. މިއީ ކަލިނަރީ ދާއިރާއަށް ދިވެހި ޒުވާނުން ނެރުމަށް ފޯ ސީޒަންސްއިން ހިންގި ޕްރޮގްރާމެކެވެ.

އެންމެ ޝަރަފްވެރި އެވޯޑު ލިބުމުން ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި މާޒިމް ވަނީ، މިއީ ވަކި ފީލްޑެއް ގޮތުގައި އޭނާ ކުރިއަށްދާނެކަމަށް އުންމީދުކުރި ދާއިރާ ނޫންކަމަށް ބުނެފައެވެ. ނަމަވެސް އާއިލާގައިވެސް މި މަސައްކަތް ކުރާ މީހުން ތިބުމާއިއެކު، މި މަސައްކަތުގެ ތެރެއަށް ވަދެވުނީކަމަށް މާޒިމް ކިޔައިދިނެވެ. ޚާއްސަކޮށް މާޒިމްގެ ބޭބެގެ ފަރާތުން ލިބޭ އެހީތެރިކަން އޭނާ ފާހަގަކުރިއެވެ.

މާޒިމް ވަނީ މިއީ ކެރިއަރއެއް ބިނާކޮށް، ކުރިއަރައިގެން ދިއުމަށް ވަރަށް ރަނގަޅު ދާއިރާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

"މީހުން ވަރަށް ބޮޑަށް ބަލައިގަންނަ، އިޙްތިރާމު ލިބޭ މަސައްކަތެއް މިއީ. ވަރަށް ގިނަ ޝެފުންނާ ބައްދަލުވެ، އައު ކަންކަން އުނގެނުމުގެ ފުރުޞަތު ލިބިއްޖެ." މާޒިމް ބުނެފައިވެއެވެ.

މާޒިމްގެ ކެރިއަރގައި ވޭތިވެދިޔަ 8 އަހަރުގެ ތެރޭގައި ރާއްޖެއާއި، ރާއްޖެއިން ބޭރުގެ އެކި މުބާރާތްތަކުގައި ބައިވެރިވެ، ދުނިޔެގޭ ފެންވަރުންގެ ޝެފުންނާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުނެވެ.

ފޯ ސީޒަންސް ލަނޑާގިރާވަރިގައި މާޒިމް މަސައްކަތް ކުރަމުންދަނީ، "ޝެފް ދި ޕާޓީ"ގެ ގޮތުގައެވެ. މާޒިމްގެ ކެއްކުންތައް ޚާއްސަކުރަނީ "ޖަޕަނީސް ކުޒީން"އަށެވެ.

މާޒިމް ފާހަގަކުރިގޮތުގައި މޮޅެތި ޝެފުންނާ ބައްދަލުވެ، މަސައްކަތްކުރުމުގެ ތެރެއިން އެކި ޤައުމުތަކުގެ ސްޕެޝަލިޓީ ކެއްކުންތައް ދަސްކުރުމުގެ ޝައުގު އުފެދުނެވެ. އަދި މިހާރު މަލްޓިި ކުޒީންތައް ދަސްކޮށް، އެކި ޤައުމުތަކުގެ ސްޕެޝަލިޓީ ކެއުންތައް ތައްޔާރުކުރާކަމަށް މާޒިން ބުންޏެވެ.

މާޒިމް ވަނީ ކެއްކުމުގެ ބައިނަލްއަޤްވާމީ އެކި މުބާރާތްތަކުގައި ރާއްޖެ ތަމްސީލްކޮށްފައެވެ. އެގޮތުން މިއަހަރު ރާއްޖޭގައި ބޭއްވި ހޮޓޭލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖްގައި މޯސްޓް އައުޓް ސްޓޭންޑިވް ޝެފް އެވޯޑް އަދި ޓޮޕް މޯލްޑިވިއަން ޝެފް އެވޯޑް ހާސިލްކޮށްފައިވެއެވެ.

މާޒިމް ވަނީ އެކި ފުރުޞަތުތަކުގައި ބޭރު ވަރަށް ގިނަ ޤައުމުތަކުގައި އޭނާގެ ނުރަު ދައްކާލާފައެވެ.

"2019ވަނަ އަހަރު ވޯލްޑް ޗައިނީސް ކުޒިން ޗެމްޕިއަންޝިޕްގައި ބައިވެރިވި ރާއްޖެ 7ޝެފުންގެ ޓިމުގައި ހިމެނުނު. މިއީ ކެރިއަރ ބޫސްޓްކޮށްލަން ލިބުނު މުހިންމު ފުރުޞަތެއް. ތަޖުރިބާ ހޯދާ ވަރަށް ބޮޑަށް މިކަމުގެ ތެރެއަށް ވަދެވުނު." މާޒިމް ބުނޏެވެ.

29 އަހަރުގެ މާޒިމްއަކީ މި ދާއިރާއަށް ވަންނަން ބޭނުންވާ ޒުވާނުންނަށް ނަމޫނާއެވެ. އަދި މީއި ރަނގަޅު އާމްދަނީއެއް ހޯދޭނެ، އަދި ފުރުޞަތުތައް ފަހި ދާއިރާއެއްގެ ގޮތުގައި ފާހަގަކުރެއެވެ.
އަލަށް ދޭންފެށި ޝެފުންގެ އެވޯޑަކީވެސް، މި ދާއިރާއަށް އިތުރަށް މީހުން ޝައުގުވެރިވެ، ލިބުނު ބޮޑު ހިތްވަރެއްކަމަށް މާޒިން ސިފަކުރިއެވެ.

މާޒިމްގެ ޢަމާޒަކީ ޓޫރިޒަމް ޝެފެއްގެ މަސައްކަތުގައި ދެވޭ އެންމެ ކުރިއަކަށް ދިއުމަށެވެ.