ޚަބަރު

ހުޅުމާލޭގައި ޢިމާރާތްކުރި ކުޑަކުދިންގެ ހިޔާ މިރޭ ހުޅުވަނީ


ހުޅުމާލޭގައި ޢިމާރާތްކުރެއްވި ކުޑަކުދިންގެ ހިޔާ މިރޭ ރަސްމީގޮތުން ހުޅުއްވާނެއެވެ.  ދައުލަތުގެ ބެއްލެވުމުގެ ދަށުގައި ތިބޭ ކުދިން ބެލެހެއްޓެވުމުގެ ކަންކަން ހަރުދަނާކުރެއްވުމުގެ މަސައްކަތުގެ ދަށުން، ހުޅުމާލޭގައި ޢިމާރާތްކުރެއްވި ހިޔާގެ މަސައްކަތް ނިމި، މިހާރު ވަނީ އެތަނަށް ކުދިން ބަދަލުކުރެއްވުމުގެ މަސައްކަތްވެސް ފަށްޓަވާފައެވެ. ތަފާތު އިޖްތިމާޢީ އެކި މައްސަލަތަކާއި، އަދި ބަލާނޭ އެއްވެސް ބެލެނިވެރިއަކު ނެތުމުގެ ސަބަބުން ދައުލަތުގެ ބެއްލެވުމުގެ ދަށަށް ގެންނަވާ ކުދިން ބެލެހެއްޓެވުމުގެ އިންތިޒާމް މިހާރު ހަމަޖައްސަވާފައި އޮންނަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައެވެ. ކުޑަކުދިންގެ ހިޔާގެ ރަޖިސްޓްރީގައި މިހާރު ސަތޭކަ ސަތާރަ ކުދިން އެބަތިއްބެވެ. ހިޔާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަމެވެ. މިކަން ޙައްލުކުރެއްވުމަށް ކުރައްވާ މަސައްކަތުގެ ދަށުން ދުބާއީގެ ޢާއިލާއެއްގެ އެހީގައި ހުޅުމާލޭގައި ޢިމާރާތްކުރައްވައި މިރޭ ހުޅުއްވާ އިމާރާތަކީ ސަތޭކަ ފަންސަވީސް ކުދިންގެ ޖާގައިގެ ތަނެކެވެ. މިތަނަށް ބަދަލުކުރެއްވުމަށް ސަރުކާރުން ނިންމަވާފައިވަނި ނުވަ އަހަރުން ދަށުގެ ކުދިންނެވެ. މި ޢުމުރުފުރާގެ ހަތްދިހަ ކުދިން މި ވަގުތަށް މި ޢިމާރާތަށް ބަދަލުކުރެއްވުމަށް ވަނީ ނިންމަވާފައެވެ. ކުރިން ދެއްވަމުން ގެންދެވި ޚިދްމަތްތައް ކުރިޔަށްވުރެ ފެންވަރު ރަނގަޅުވެ، ޖާގައިގެ ގޮތުން ކުޑަކުދިންގެ ހިޔާއަށް ހުރި މައްސަލަ މި ޢިމާރާތުގެ ސަބަބުން ޙައްލުވެގެންދާނެކަމަށް ކުޑަކުދިންގެ ހިޔާއިން ވިދާޅުވެއެވެ.ޔޫއޭއީގެ ރައްޔިތެއް ކަމަށްވާ މަޙުމޫދު އަލް ހާޖާގެ ޢާއިލާއިން ހަސަތޭކަ އަށްޑިހަ ނުވަހާސް ޑޮލަރު ޚަރަދުކޮށްގެން ބިނާކުރި މި ޢިމާރާތުގެ ބިންގާ އަޅުއްވާފައިވަނީ ދެހާސް ސާދަވަނަ އަހަރުގެ ޑިސެމްބަރުމަހުއެވެ.