ޚަބަރު

ކުށުގެ މާހައުލުން ކުދިން ދުރުކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާ ފެނޭ: ނަޛީރު


ކުށުގެ މާޙައުލަށް ހުށައެޅޭ ކުދިންނާއި ކުށުގެ މާޙައުލަށް ހުށަހެޅުމުގެ ނުރައްކަލުގައި ތިބޭ ކުދިން ޒިންމާދާރު ބައެއްގެ ގޮތުގައި މުޖުތަމައުގެ ހަވާސާގެ ތެރެއަށްގެނެސް އެކުދިންނަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދިނުމަށް ކުރާމަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ނަޛީރު ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް އަމަލު ކުރަންފަށައި ކުރީގެ ޖުވެނައިލް ޖަސްޓިސް ޔުނިޓު މިހާރުގެ ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް އަށް ބަދަލު ކުރިތާ 2 އަހަރު ފުރުމުގެ މުނާސަބަތުގައި އެޑިޕާޓްމެންޓުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން ސްޓޭޓް މިނިސްޓަރ އަލީ ނަޛީރު ވިދާޅުވީ ކުށުގެ މާހައުލަށް ހުށަހެޅޭ ކުދިނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށެވެ.

ނަޛީރު ވިދާޅުވީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން މިހާރު އެކަށައަޅާފައިވާ ސިޔާސަތުތަކާއި އެސިޔާސަތުގެ ދަށުން ތަންފީޒު ކުރަމުން އަންނަ ޕްރޮގްރާމްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނަމަ ދިވެހި ކުޑަކުދިން ހަވާސާވެ ކުށުގެ މާޙައުލަށް ހުށަހެޅޭ މިންވަރު މަދުކުރެވޭނެ ކަމަށެވެ.

އޭނާ ވަނީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ބަރޯސާވާ އެންމެ މުހިންމު އަސާސަކީ ކުޑަކުދިންގެ ޙައްޤުގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ މުވައްޒަފުން އަދާކުރާ ޒިންމާއާއި ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް ފާހަގަކުރައްވާފައެވެ. ކުޑަކުދިންގެ އަދުލުގެ ޤާނޫނަށް އަމަލު ކުރަން ފެށުމާއެކު ކުރިން ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ނަމުގައި ހިންގަމުން ދިޔަ އޮފީސް ޑިޕާޓްމެންޓްމެންޓަކަށް ބަދަލުކޮށް މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް ފުޅާ ކޮށްފައެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި މަތިކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި ޤާނޫނާ ޚިލާފްވާ 18 އަހަރުން ދަށުގެ މައްސަލަތައް ފުލުހުން ހުށަހެޅުމުން އެކުދިންގެ މަސްލަހަތު ޙިމާޔަތް ކޮށްދިނުމަށް ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން ކޭސް ވޯކް ކުރުމަށާއި، އެކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމާއި ތަޙްޤީޤް މަރުޙަލާގައި ކޯޓަށް ހާޒިރު ކުރެވޭ ކުދިންނާއި ޖިނާއީ ދައުވާ އުފުލިފައިވާ ކުދިންގެ މަސްލަހަތު ޙިމާޔަތް ކޮށްދިނުމަށްޓަކައި ކޯޓަށް ހާޒިރުވުން ހިމެނެއެވެ.

މީގެ އިތުރުން ކުޑަކުދިން ކުށްކުރުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ކުރަންޖެހޭ ދިރާސާ ކުރުމާއި ކުޑަކުދިން ކުށްކުރުމުން ދުރުހެލިކުރުމަށް ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ޑައިވަރޝަން ޕްރޮގްރާމްތަކާއި ރިހެބިލިޓޭޓިވް ޕްރޮގްރާމްތައް ކަމާބެހޭ އިދާރާތަކުގެ ބައިވެރިވުމާއެކު ރާވައި ހިންގުން ވެސް ހިމެނެއެވެ.

އަދި ކުށްކުރާ ކުދިންގެ ތެރެއިން މުޖުތަމައުން އެކަހެރިކުރަންޖެހޭ ކުދިންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމާއި އެފަދަ ކުދިން ބައިތިއްބާނެ މަރުކަޒުތައް ޤާއިމުކޮށް އެމަރުކަޒުތައް ހިންގައި ބެލެހެއްޓުން ފަދަކަންކަން ފާހަގަކޮށްލެވެއެވެ. މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ދަށުން ހިންގަމުން އަންނަ ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން މިހާރު ވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ހާފްވޭ ހައުސްއެއް ކޮޅުމަޑުލު ވޭމަންޑޫގައި ހުޅުވާފައެވެ.

މީގެ އިތުރުން ހއ.ހޯރަފުށީގައި ހާފްވޭ ހައުސްއެއް އެޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ދ.ކުޑަހުވަދޫގައި ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރެއްވެސް އިމާރާތް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.