ޚަބަރު

ޒަކާތު ފަންޑުން ބޭސްފަރުވާއަށް އެންމެ ބޮޑު ޚަރަދެއްކުރީ މިއަހަރު


ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި ޒަކާތު ފަންޑުން ބޭސްފަރުވާއަށް 49.7 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ޢާންމުކޮށްފައިވާ ތަފާސްހިސާބު ތަކުން ދައްކާގޮތުގައި 4 އަހަރުގެ ތެރެއިން ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީއަށް އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ މިއަހަރުގައެވެ.

އިސްލާމިކް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީގެ ގޮތުގައި 2019 ވަނަ އަހަރު 15.8 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. 2020 ވަނަ އަހަރު 6.2 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި 2021 ވަނަ އަހަރު 11.1 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މީގެ އިތުރަށް މިއަހަރުގެ މިހާތަނަށް 16.4 މިލިޔަން ރުފިޔާ ޒަކާތު ފަންޑުން ބޭސްފަރުވާއަށް ވަނީ ޚަރަދުކޮށްފައެވެ. މިއާއެކު ހަތަރު އަހަރުގެ ތެރޭގައި ޒަކާތު ފަންޑުން ބޭސްފަރުވާއަށް ކުރި ޚަރަދުވަނީ 49.7 މިލިއަނަށް އަރާފައެވެ.

ބޭސްފަރުވާގެ ކަންކަމަށް ޢާންމުގޮތެއްގައި ޒަކާތު ފަންޑުން ފައިސާ ދޫކުރަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމަށާއި ލޮލުގެ ބައްޔަށެވެ. މީގެ އިތުރަށް ހިތުގެ ބަލިތަކަށް ފަރުވާކުރުމަށާއި ކިޑްނީ ބައްޔަށް ފަރުވާ ހޯދުމަށާއި ހޮސްޕިޓަލުގެ ބިލްތައް ދެއްކުމަށާއި ޓްރާންސްޕްލާންޓް ހެދުންފަދަ ކަންކަމަށްވެސް ޒަކާތު ފަންޑުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއެވެ.

މުޖުތަމަޢުގައި ޙާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިވުމަށާއި، ކިޔަވައިދިނުމަށާއި ބޭސްފަރުވާއަށްވެސް ޒަކާތު ފަންޑުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ އިތުރަށް ބައެއް މިސްކިތްތައް އާބާތުރަ ފިލުވުމަށާއި އެނޫންވެސް، ރައްޔިތުންނާ ގުޅުންހުރި ގިނަ ކަންތައްތަކަކަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ.

ޒަކާތު ފަންޑަކީ ޒަކާތުގެ ގޮތުގައި ލިބޭ ފައިސާއިން ޔަތީމުންނާއި މިސްކީނުންނާއި ފަޤީރުންނަށް ބެހުމަށްފަހު ބާކީވާ ފައިސާ ޖަމާކުރާ ފަންޑެވެ. އަދި އެފަންޑުގައި ހުންނަ ފައިސާ ޚަރަދު ކުރަނީ ވަކި އުޞޫލެއްގެ ދަށުން ޒަކާތު ކޮމިޓީގެ ލަފަޔާ މަޝްވަރާގެ މަތިންނެވެ.