ޚަބަރު

މާލީ ދާއިރާއާއި ގުޅޭ ޚަބަރުތައް ކަވަރކުރާނެ ގޮތް ނޫސްވެރިންނަށް ދަސްކޮށްދީފި


ރާއްޖޭގެ މާލީ ދާއިރާއާއި ގުޅޭ މަޢުލޫމާތުތައް ނޫސްވެރިންނަށް ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން "ފައިނޭންޝަލް ޖާނަލިޒަމް ވޯކްޝޮޕް"އެއް ބާއްވައިފިއެވެ.

މަންހެޓަން ބިޒްނަސް ހޮޓެލްގައއި ބޭއްވި މި މަސައްކަތު ބައްދަލުވުމަކީ ރާއްޖޭގެ އެކި މީޑިއާތަކުން 15އަށްވުރެ ގިނަ ނޫސްވެރިން ބައިވެރިވި ބައްދަލުވުމެކެވެ.

މި މަސައްކަތު ބައްދަލުވުމުގައި އިޤްތިޞާދުގައި ބޭންކުތަކުން އަދާ ކުރާ ދައުރާއި، ލޯނު ދޫކުރުމުގައި ބޭންކުތަކުން ބަލާ މިންގަނޑުތަކާއި، ޑިޖިޓަލް ބޭންކިންގ ކުރިއަރަމުން އަންނަ ގޮތުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

މީގެ އިތުރުން މަނީ ލޯންޑަރިންގއާއި ޓެރަޒިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް މާލީ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކާއި، ފައިނޭންޝަނަލް އެނަލިސިސް އަދި ރިޕޯޓްތައް ބަލައި ރިޕޯޓްކުރާނެގޮތުގެ މައުލޫމާތުވެސް ވަނީ މި މަސައްކަތު ބައްދަލުވުމުގައި ނޫސްވެރިންނާއި ހިއްސާކޮށްފައެވެ.

5 ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުމުގެ އެންމެ ފަހު ދަންފަޅީގައި ވަނީ އޮޅު މަކަރާއި ހީލަތުން އަދި އޮޅުވާލައިގެން ފައިސާ ހޯދަމުންދާ ގޮތްތަކާއި އާންމުން މިކަމުން ރައްކާތެރިވުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، މިފަދަ ހާލަތްތަކުގައި ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ މަަޢުލޫމާތު ނޫސްވެރިންނާއި ހިއްސާކޮށްފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން އަންނަނީ އެކި ދާއިރާތަކުން ނުސްވެރިންނަށް ތަމްރީންގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.