ދުނިޔޭގެ ވިޔަފާރި

އެއަރ އިންޑިއާއަށް އައު ބޯޓުތަކެއް ގަތުމަށް މަޝްވަރާކުރަން ފަށައިފި

އެއަރ އިންޑިއާއިން އައު މަތިންދާބޯޓުތައް އޯޑަރުކުރުމާއި ބެހޭ ގޮތުން ބޮއިންގްއާއި އެއަރބަސްއާއި އެކު މަޝްވަރާ ކުރަމުންދާ ކަމަށް އެ އެއަރލައިނުން ބުނެފިއެވެ.

އެ މަޝްވަރާތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެއަރ އިންޑިއާގެ، ޗީފް އެކްޒެކްޓިވް، ކޭމްޕްބެލް ވިލްސަން ވިދާޅުވީ، އެކުންފުނިން މިހާރު ބޭނުންކުރަމުން އަންނަނީ ގްރައުންޑްކޮށްފައިވާ މަތިންދާބޯޓުތައް މަރާމާތުކޮށްގެންކަމަށެވެ.

މުމްމާބާއީގައި ބޭއްވި ޓާޓާ ކޯޕަރޭޓް އިވެންޓުގައި ވިލްސަން ވިދާޅުވީ އެންމެ ފަހުގެ އެއާކްރާފްޓް ގަތުމަށް އެއަރބަސް އާއި ބޮއެންގް އާއިއެކު މަޝްވަރާކުރަމުންދާ ކަމަށެވެ. ވިލްސަން ވިދާޅުވިގޮތުގައި އެއަރ އިންޑިއާއިން ބޯޓުތައް އިތުރުކޮށް ގްލޯބަލް ނެޓްވޯކް ފުޅާކުރުމަށް ރާވާފައިވާއިރު، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެތެރޭގެ އަދި ބައިނަލްއަގްވާމީ މާކެޓް ހިއްސާ %30 އަށް އިތުރުކުރުމަށް އެ އެއަރލައިނުން ވަނީ އަމާޒު ހިފާފައެވެ.

މިވަގުތު އެއަރ އިންޑިއާގެ ޑޮމެސްޓިކް މާކެޓް ހިއްސާއަކީ ގާތްގަނޑަކަށް %10 ކަމަށާއި، ބައިނަލްއަޤްވާމީ މާކެޓް ހިއްސާއަކީ ގާތްގަނޑަކަށް %12 ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އެއަރ އިންޑިއާ އިން ބުނެފައިވާ ގޮތުގައި މާކެޓް ހިއްސާ ބޮޑުކުރުމަށާއި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން %25 އަށް ވުރެ ގިނަ ބޯއިންގް އަދި އެއަރބަސް ބޯޓު ލީސް ކުރާނެއެވެ.