ޚަބަރު

"ލައިފް އިން އަ މެޓްރޯ" ގެ ސީކުއަލް އެއް އުފައްދަނީ


އަނޫރާގް ބާސޫ ޑައިރެކްޓުކޮށް 2007 ވަނަ އަހަރު ރިލީޒްކޮށްފައިވާ ފިލްމު "ލައިފް އިން އެ މެޓްރޯ" ގެ ދެވަނަ ބައެއް އުފައްދާ ވާހަކަތައް އަޑުއިވޭތާ ދުވަސްގަނޑެއްވެއްޖެއެވެ.

ފިލްމާއިބެހޭގޮތުން އެއްވެސް ޚަބަރެއްގެ އަޑު ނީވެ އޮތުމަށްފަހު އަނެއްކާވެސް މި ވަނީ ފިލްމުގެ އިތުރު އަޕްޑޭޓެއް ލިބިފައެވެ. މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މި ފިލްމުގެ ރޯލެއް ކުޅެން އަލީ ފަޒަލް މިހާރު ވަނީ ސޮއިކޮށްފައެވެ.

މި ފިލްމު އުފައްދަން އަނޫރާގު މާކުރިންވެސް ވިސްނަމުން އައި ކަމަށާއި، ނަމަވެސް މީގެ ވާހަކަ ފުރަތަމަ ލިޔުނީ ކޯވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރު ކަމަށް ޕްރޮޑްކަޝަން ޓީމާއި ގާތް މަސްދަރަކާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

"ލައިފް އިން އަ މެޓްރޯ" އާއި ވަރަށް ތަފާތު ގޮތަކަށް އުފައްދާ މި ފިލްމު ޕްރޮޑިއުސްކުރަނީ ޓީ ސީރީޒް އިންނެވެ. މީގެ 15 އަހަރު ކުރިން ރިލީޒްކުރި އޮރިޖިނަލް ފިލްމުގައި ދައްކަނީ އިންޑިއާގެ މުމްބާއީގައި ދިރިއުޅޭ ތަފާތު 9 މީހެއްގެ ދިރިއުޅުމެވެ.

2007 ވަނަ އަހަރުގެ ފިލްމުގައި މުހިއްމު ރޯލުތަކުން ފެނުން ތަރިންގެ ތެރޭގައި އިރްފާން ޚާން، ރަންޖީތު ކަޕޫރު، އާކާޝް ޝަރުމާ، ކޮންކޮނާ ސެން ޝަރުމާ، ޝިލްޕާ ޝެޓީ އަދި ކަންގަނާ ރަނައުޓް ހިމެނެއެވެ.