ޚަބަރު

ދިވެހި އަދަބިއްޔާތުގެ 3 މުބާރާތެއްގެ މަތީ ސާނަވީ ގިންތި ކުރިއަށް


ދިވެހި ބަހުގެ އެކަޑަމީއިން ކުރިއަށްގެންދާ 3 އަދަބީ މުބާރާތެއްގެ މަތީ ސާނަވީ ގިންތީގެ ބައި ފަށައިފިއެވެ. މި 3 މުބާރާތުގެ ދަށު ސާނަވީ ގިންތިއާއި ސާނަވީ ގިންތީގެ ބައި މިއަހަރުގެ އޮކްޓޯބަރު މަހުވަނީ ކުރިއަށްގެންގޮސްފައެވެ.

ދިވެހި ބަހުގެ އެކަޑަމީއިން އަންނަނީ ދިވެހި ބަހަށް ދަރިވަރުންގެ ހިތްތަކުގައި ލޯބިޖެއްސުމަށް ވާދަވެރި މާޙައުލެއްގައި އެކި މުބާރާތްތައް އިންތިޒާމުކުރަމުންނެވެ. މިގޮތުން މިއަހަރުވެސް 3 އަދަބީ މުބާރާތެއް އެކަޑަމީއިން ވަނީ އިންތިޒާމުކޮށްފައެވެ.

މީގެ ތެރޭގައި ހިމެނެނީ އަލްއުސްތާޛް މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 37 ވަނަ ޤައުމީ މުބާރާތާއި، އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 34 ވަނަ ޤައުމީ މުބާރާތުގެ އިތުރުން ހުތްޢަލިދީދީގެ ވާދައިގެ ތައްޓަށް ބާއްވާ ޅެންހެދުމުގެ 25 ވަނަ ޤައުމީ މުބާރާތެވެ.

ދިވެހި ބަހުގެ އެކަޑަމީއިން ވިދާޅުވީ، މި 3 މުބާރާތުގެ ދަށު ސާނަވީ އަދި ސާނަވީ ގިންތީގެ ބައި މިދިޔަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ބާއްވާފައިވާކަމަށެވެ. އަދި މުބާރާތުގެ މަތީ ސާނަވީ ގިންތީގެ ބައި މިއަދު ފަށާފައިވާކަމަށް ބަހުގެ އެކަޑަމީއިން ވިދާޅުވެއެވެ.

އެގޮތުން މަތީ ސާނަވީގެ ބައިން މަޒުމޫނު ލިޔުމުގެ ބައިވަނީ މިއަދު ހެނދުނު 0800 އިން 1200 ޖެހުމާއި ހަމައަށް ކުރިއަށްގެންގޮސްފައެވެ. އަދި ވާހަކަލިޔުމުގެ ބައި މެންދުރު ފަހު 1330 އިން ފެށިގެން ހަވީރު 1730 ހަމައަށް ކުރިއަށްދާނެކަމަށް ބަހުގެ އެކަޑަމީއިން ވިދާޅުވެއެވެ. އަދި ޅެން ހެދުމުގެ ބައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 2000 އިން ފެށިގެން 1100 ޖެހުމާއިހަމައަށް ކަމަށް އެއެކަޑަމީއިން ވިދާޅުވެއެވެ.

މި މުބާރާތްތަކާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުލްރަޙީމް ވިދާޅުވީ، މިއީ ވަރަށް ވާދަވެރިކަމާއެކު މީގެކުރިން ބާއްވަމުންއައި މުބާރާތްތަކެއްކަމަށެވެ. އެހެންނަމަވެސް މާލޭގެ އަމިއްލަ ސްކޫލްތައް އުވިގެން ދިޔުމާއެކު މުބާރާތްތަކަށް ފަނޑުކަމެއް އައިނަމަވެސް މިހާރު މުބާރާތް ކުރިއަށް ގެންދެވެނީ ޙަޤީޤަތުގައި ސްކޫލްތަކުގެ ޓީޗަރުންގެ ވަރަށް ބުރަ މަސައްކަތުންކަމަށެވެ.

"ޙަޤީޤަތުގައި މި މުބާރާތްތަކުގެ ބޭނުމަކީ ކުދިންގެ ހިތްތަކުގައި ދިވެހި ބަހަށް، ލިޔުންތެރިކަމަށް އަދި ދިވެހި އަދަބިއްޔާތަށް ލޯބިޖެއްސުން. ޅެންވެރިކަމާއި ވާހަކައަކީ އަދަބިއްޔާތުގެ މައި ދެތަނބު. އެހެންކަމުން މިބައިތައް ދިރުވާއާލާކުރަން ޖެހޭ" ޑރ. އަޝްރަފް ވިދާޅުވިއެވެ.

މި 3 މުބާރާތުގެ މި ގިންތިތަކުގައި މާލޭގެ އިތުރުން 19 އަތޮޅެއްގެ ސްކޫލްތަކުން ބައިވެރިވެފައިވާކަމަށް ދިވެހި ބަހުގެ އެކަޑަމީއިން ވިދާޅުވެއެވެ. އަދި އަމިއްލަ ފަރާތްތަކާއި އޮފީސް ކްލަބް ޖަމިއްޔާތަކުގެ ބައިންނާއި ކޮލެޖް ޔުނިވަރސިޓީގެ ބައިން 1293 ދަރިވަރުން މި މުބާރާތްތަކުގައި ބައިވެރިވެފައިވާކަމަށް އެ އެކަޑަމީއިން ވިދާޅުވެއެވެ. ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި 545 ދަރިވަރުން، މަޒުމޫނު ލިޔުމުގެ މުބާރާތުގައި 557 ދައިވަރުން ބައިވެރިވެފައިވާއިރު، ޅެން ހެދުމުގެ މުބާރާތުގައި 191 ދަރިވަރުން ބައިވެރިވެފައިވާކަމަށް ބަހުގެ އެކަޑަމީއިން ވިދާޅުވެއެވެ.

ދިވެހި ބަހުގެ އަދީބުންގެ ހަނދާނުގައި ކުރިއަށްގެންދާ މި މުބާރާތްތަކަކީ ކުރީގެ ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުގެ ޒަމާނުގައި ފެށި މުބާރާތްތަކެކެވެ. އޭގެފަހުން ދިވެހި ބަހުގެ އެކަޑަމީ އުފެދިގެން އައުމާއި ގުޅިގެން މުބާރާތްތައް އިންތިޒާމުކުރަމުން އަންނަނީ އެ އެކަޑަމީގެ ފަރާތުންނެވެ.