ވިޔަފާރި

ޖެނުއަރީމަހު މީރާއަށް 1.71 ބިލިއަން ރުފިޔާ


ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާއަށް މި އަހަރުގެ ފުރަތަމަ މަހު 1.71 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލިބިވަޑައިގެންފައިވާކަމަށް އެއޮތޯރިޓީން ހާމަކުރައްވައިފިއެވެ. މީރާއިން އާންމުކުރެއްވި ޖެނުއަރީމަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެއިދާރާއަށް ބަލައިގެންނެވި އާމްދަނީގެ މިންވަރަކީ، މިދިޔަ އަހަރުގެ ޖެނުއަރީމަހު ބަލައިގެންނެވި އާމްދަނީއާ އަޅާބަލާއިރު އިތުރު ޢަދަދެކެވެ. އެގޮތުން ފާއިތުވި 2015 ވަނަ އަހަރުގެ ޖެރުއަރީމަހު ބަލައިގަންނަވާފައިވަނީ، 1.5 ބިލިއަން ރުފިޔާއެވެ. މީރާއިން އާންމުކުރައްވާފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އެއިދާރާއަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ، ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ނުވަތަ ބީޕީޓީންނެވެ. ބީޕީޓީގެ ގޮތުގައި މިރާއަށް 822 މިލިއަން ރުފިޔާ ބަލައިގެންފައިވެއެވެ. ޖެނުއަރީމަހު ދައުލަތަށް ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިވަޑައިގެންފައިވަނީ، މުދަލާއި ޚިދުމަތުގެ އަގުން ނަންގަވާ ޓެކްސް ނުވަތަ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި ހަސަތޭކަ ނަވާރަ ޕޮއިންޓް ނުވައެއް މިލިއަން ރުފިޔާ ބަލައިގަންނަވައިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މީގެއިތުރުން ކުލީގެ މުއްދަތު އިތުރުކޮށްދެއްވައިގެން އަށްޑިހަ ހަތެއް ޕޮއިންޓް ހަޔެއް މިލިއަން ރުފިޔާ ބަލައިގަންނަވާފައިވާއިރު، އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ސާޅިސް ހަތެއްޕޮއިންޓް ތިނެއް މިލިއަން ރުފިޔާ ބަލައިގަންނަވާފައިވާކަންވެސް މީރާއިން އާއްމުކުރެއްވި ތަފާސްހިސާބުން ދައްކައެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް ތަޢާރަފްކުރެއްވި ގްރީން ޓެކްސްގެ ގޮތުގައި ސާޅިސްހަތަރު މިލިއަން ރުފިޔާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އެކި ފަރާތްތަކުން ދައްކާފައިވެއެވެ.