ޚަބަރު

ފެނަކައިން އައިސް ޕްލާންޓްތަކުގެ މުވައްޒަފުން ތަމްރީން ކުރަނީ


ފެނަކަ ކޯރޕަރޭޝަނުން އަލަށް ޙަވާލުވި 14 އައިސް ޕްލާންޓުގެ މުވައްޒަފުން ތަމްރީންކުރުމުގެ މަސައްކަތް އެކުންފުނިން ފަށައިފިއެވެ. އެ މަސައްކަތް ފެނަކައިން ކުރަމުންދަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އާއި ގުޅިގެންނެވެ.

މިފްކޯއިން ހިންގަމުން އައި 14 އައިސްޕްލާންޓެއް ފެނަކަ ކޯޕަރޭޝަނާ ޙަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި، ފެނަކައާއި މިފްކޯއިން ސޮއިކޮށްފައިވަނީ 22 ސެޕްޓެމްބަރ 2022 ގައެވެ. މިފްކޯއިން ފެނަކައާ ހަވާލުކޮށްފައިވާ 14 އައިސްޕްލާންޓްތަކުގެ ތެރޭގައި ހިމެނެނީ ހއ. އިހަވަންދޫ، ނ. ޅޮހި، ރ. އަލިފުށި، ބ. ތުޅާދޫ، ފ. ނިލަންދޫ، ތ. ހިރިލަންދޫ، ގއ. ދާންދޫ، ގއ. ދެއްވަދޫ، ގއ. ގެމަނަފުށި، ގއ. ކޮލަމާފުށި، ގދ. ފިޔޯރީ، ގދ. ފަރެސްމާތޮޑާ، އަދި އައްޑޫސިޓީ ހިތަދޫއެވެ.

މި އައިސް ޕްލާންޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ތަމްރީންކުރުމަށްޓަކާ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާ ގުޅިގެން ރެފްރިޖެރޭޝަން އެންޑް މެއިންޓެނެންސް ކޯހެއް ވަނީ ފަށާފައެވެ. މި ކޯހުގައި 32 މުވައްޒަފަކު ބައިވެރިވާކަމަށް ފެނަކައިން ވިދާޅުވެއެވެ.

މި ކޯސް ހިންގުމުގެ މައިގަނޑު މަޤްޞަދަކީ ރެފްރިޖަރޭޝަން ދާއިރާއިން ގިނަ މުވައްޒަފުން ތަމްރީނު ކުރުމާއި، މަސްވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މިހާރަށް ވުރެއް ރަނގަޅު ކުރުންކަމަށް ފެނަކައިން ވިދާޅުވެއެވެ. އައިސް ޕްލާންޓްގައި ކުރިން ފެށިގެން މަސައްކަތް ކުރާ މުވައްޒަފުންނަށް އެއްވެސް ތަމްރީނެއް ރެފްރިޖެރޭޝަން ދާއިރާއިން ލިބިފައި ނުވާތީވެ، މިދާއިރާގެ ޓެކްނިކަލް ބިންގަލެއް އެޅުމުގެ ގޮތުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާގުޅިގެން ފަށާފައިވަނީ ސެޓްފިކެޓް ލެވެލް 3 ގެ ކޯހެއްކެވެ.

މި ކޯހުގައި މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ބަލަހައްޓާނެގޮތާއި، އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކްސްގެ ޕްރިންސިޕަލް، ރެފްރިޖެރޭޝަންގެ ސައިސަލް، ރެފްރިޖެރޭޝަންގައި ބޭނުންކުރާ ސާމާނު ފަދަ ކަންކަން ކިޔައިދީ އަމަލީގޮތުން އެމަސައްކަތްތައް ދަސްކޮށްދޭނެއެވެ.

ކޮންމެ އައިސް ޕްލާންޓަކުން އެންމެ މަދުވެގެން 2 މުވައްޒަފުން ތަމްރީނު ކުރެވިގެން މިދާ ކޯސް ފުރިހަމަކޮށް ނިމުމުން އައިސް ޕްލާންޓަށް ދިމާވާ މައްސަލަތައް އެ ބްރާންޗްގެ މުވައްޒަފުންނަށް ހައްލު ކުރުމަށް ފަސޭހަ ވެގެންދާނެއެވެ. އަދި ކުރިމަގުގައި އިތުރު ލެވެލްތަކުގެ ކޯސްތައްވެސް މިދާއިރާގެ މުވައްޒަފުންނަށް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަމަށް ފެނަކައިން ވިދާޅުވެއެވެ.

އެކި ދާއިރާތަކުން މުވައްޒަފުން ތަމްރީންކުރުމަށްޓަކާ "ފެނަކަ އިންސްޓިޓިއުޓް ފޮރ ޓްރެއިނިންގ ރިސާރޗް"ގެ ނަމުގައި 7 އޮކްޓޫބަރު 2020 ގައި ފެނަކައިން ވަނީ ޚާއްސަ ޓްރެއިނިންގ އިންސްޓިޓިއުޓެއްވެސް އުފައްދާފައެވެ.

މި އިންސްޓިޓިއުޓް މެދުވެރިކޮށް ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފުން އެކިއެކި ދާއިރާތަކުން ތަމްރީނު ކުރަމުން އަންނައިރު، މިހާތަނަށް 245 މުވައްޒަފުންނަށް ކިޔެވުމުގެ ފުރުޞަތު ލިބި، ބައެއް މުވައްޒަފުން ވަނީ މިހާރު ނިމިފައެވެ. ފެނަކަ އިންސްޓިޓިއުޓް އިން މިހާރު ކިޔަވައިދެމުން ގެންދަނީ އެކިއެކި ޓެކްނިކަލް ދާއިރާ ތަކުންނެވެ. މިގޮތުން މިވައްޒަފުން ބިނާކުރުމުގައި ފެނަކަ އިންސްޓިޓިއުޓްއިން ދަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ.