ޚަބަރު

ވީ.އައި.އޭ ޕަސެންޖަރ ޓަރމިނަލުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިމޭނެ - އަމީރު


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޕަސެންޖަރ ޓަރމިނަލްގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ސަރުކާރަށް 4 އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ޚާއްސަ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ބަޔަކު ޚިދުމަތް ހޯދަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީ.އައި.އޭގެ ކެޕޭސިޓީ އިތުރުކޮށް، ތަރައްޤީކުރުމަށް ސަރުކާރުން ބޮޑު މަޝްރޫޢެއް ހިންގަމުންދާއިރު، މިއީ މާލޭ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ އެއް މަޝްރޫޢުއެވެ.

ވީ. އައި.އޭގެ ޕަސެންޖަރ ޓަރމިނަލްގެ މަސައްކަތާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، އެ މަސައްކަތް އޮތީ އެއްކޮށްހެން ހުއްޓިފައި ކަމަށެވެ.

"ޕަސެންޖަރ ޓާރމިނަލުގެ މަސައްކަތްވެސް އޮތީ އަޅުގަނޑުމެން ސަރުކާރާއި ހަވާލުވިއިރު، އެއްކޮށްހެން ހުއްޓިފައި. އަޅުގަނޑުމެން ޖެހުނީ ފަންޑިން އޭޖެންސީތަކާއި ވާހަކަދައްކައިގެން އިތުރަށް ސޮއިކޮށްގެން އެ މަސައްކަތް ފަށަން، އެތަނުގެ މަސައްކަތްވެސް އަންނަ އަހަރު ނިމިގެންދާއިރު ނިމިގެންދާނެ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފާހަގަކުރެއްވިގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރަމުންދާއިރު މި މަޝްރޫޢުތަކާއެކު ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އެންމެ ބާރުބޮޑު އެއް އެއަރޕޯޓެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ތެރެއިން އައު ޓަރމިނަލްގެ މަސައްކަތް ސަޢޫދީ އަރަބިއްޔާގެ، ސަޢުދީ ބިންލާދިން ގްރޫޕާއި ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުއެވެ.

މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ 2017 ވަނަ އަހަރުގެ މެދުތެރޭގައެވެ. އިމާރާތް ޑިޒައިންކުރުމުގައި ޓެކްނިކަލް ގޮތުން ދިމާވި އެކި ކަހަލަ ގޮންޖެހުންތަކާއި، ޕްރޮޖެކްޓަށް ފައިނޭންސް ކުރުމުގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން މި މަޝްރޫޢުގެ މަސައްކަތް ވަރަށް ބޮޑަށް މަޑުޖެހިގެންދިޔައެވެ.

ޕަސެންޖަރ ޓަރމިނަލްގެ މަސައްކަތް މިހާރު ބާރު ދުވެއްޔެއްގައި ކުރިއަށްދާއިރު، މި ޓަރމިނަލަކީ 78 ހާސް އަކަ މީޓަރުގެ ޖާގައިގެ ޓަރމިނަލެކެވެ. ވީ.އައި.އޭގައި މިހާރު ބޭނުންކުރާ އިންޓަރނޭޝަނަލް ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެކެވެ. އެހެންނަމަވެސް އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އަލަށް ތަރައްޤީކުރާ ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ.

އައު ފަސިންޖަރ ޓާރމިނަލް ތަރައްޤީކުރެވިގެންދާނީ އެންމެފަހުގެ ޒަމާނީ ވަޞީލަތްތަކާއެކުއެވެ. އެގޮތުން އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް މިތަނުގައި ހުންނާނެއެވެ. އައު ޓާރމިނަލް އިމާރާތުގެ ސަބަބުން މިހާރު ހުރި ޓަރމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ފިލުވައިދީ، އެފްބީގެ ގިނަ އައުޓްލެޓްތަކާއި، ރީޓެއިލް ސްޕޭސްތަކާއި، ލައުންޖްތަކާއި އެހެނިހެން ޚިދުމަތްތައް މިތަނުގައި ޤާއިމުކުރެވިގެންދާނެއެވެ.